Advertisement

ޗިލީގެ ޖަންގަލިތަކުގައި ރޯވެ 100 މަރު، ކުއްލި ހާލަތު އިއުލާންކޮށްފި

5 ފެބުރުވަރީ 2024 - 06:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޗިލީގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަމުން ދަނީ-- ފޮޓޯ: އޭއެފްޕީ/ގެޓީ


ޗިލީގެ ޖަންގަލިތަކުގައި ރޯވެ 100 މަރު، ކުއްލި ހާލަތު އިއުލާންކޮށްފި

5 ފެބުރުވަރީ 2024 - 06:03 0

ޗިލީގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރި މަރުވި މީހުންގެ އަދަދު 100 އަށް އަރައި، އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗިލީގެ 161 ސަރަހައްދުގައި އަލިފާން ރޯވެފައިވެ އެވެ. އޭގެތެރެއިން 102 އަލިފާންގަނޑެއް ނިއްވާލާފައިވެ އެވެ. ބައެއް ސަރަހައްދުތަކުގައި އަލިފާން އަދިވެސް ނިއްވައި ނުލެވި، ދުން ބޯވެ، މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.

މިހާތަނަށް ގާތްގަނޑަކަށް 100 މީހުން މަރުވެފައި ވާއިރު، ޗިލީގެ ރައީސް ގެބްރިއަލް ބޮރިކް ވިދާޅުވީ މަރުވި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ތިރީހަށް ވުރެ ގިނަ ގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު، 1400 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދަށް 25 މޭލާއި 31 މޭލު ބާރުމިނުގައި ވައި ޖެހެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ، އަލިފާންގަނޑު އިތުރަށް ފެތުރި ނުރައްކާ ބޮޑުވާނެ އެވެ.

ޗިލީގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ފެތުރި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން -- ފޮޓޯ: އޭއެފްޕީ


މިއީ ޗިލީގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.

ޗިލީގެ ފިނޭންސް މިނިސްޓަރު މާރިއޯ މާސެލް ވިދާޅުވީ އަލިފާން ރޯވި އެއް ސަރަހައްދު ކަމުގައިވާ ވަލަޕަރޯޒާ އަށް ލިބުނު ގެއްލުމުގެ އަންދާޒާ "އެތައް ސަތޭކަ މިލިއަން ޑޮލަރަށް އަރާނެ" ކަމަށެވެ.

ޗިލީގައި އަލިފާން ރޯވެފައި މިވަނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ.

ޗިލީ އާއި ކޮލަމްބިއާގައި ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި އާޖެންޓީނާ، ޕެރެގުއޭ އަދި ބްރެޒިލްގައި ވެސް ހޫނުމިން އިންތިހާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ.