Advertisement

އަސްލަމާއި ސަލީމް ނޫން މެންބަރަކު މާދަމާ ރިޔާސަތު ބަލަހައްޓަން ގޮވާލައިފި

4 ފެބުރުވަރީ 2024 - 13:38 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސަރުކާރު ކޯލިޝަނުގައި ހިމެނޭ މެންބަރު އަހުމަދު ތޯރިގު: އަސްލަމާއި ސަލީމް ނޫން މެންބަރަކަށް މާދަމާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ގޮވާލައިފި - ފޮޓޯ: މަޖިލިސް


އަސްލަމާއި ސަލީމް ނޫން މެންބަރަކު މާދަމާ ރިޔާސަތު ބަލަހައްޓަން ގޮވާލައިފި

4 ފެބުރުވަރީ 2024 - 13:38 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ފިޔަވައި އެހެން މެންބަރަކު، މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ގޮވާލައްވައިފި އެވެ.

މާދަމާ ބާއްވާ ޖަލްސާއަކީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އެވެ. އެ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެ އެވެ. މި ދަނޑިވަޅު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އަސްލަމާއި ސަލީމްގެ އިތުބާރު ނެތް މައްސަލައެއް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުން ވަނީ ވައްދައިފަ އެވެ.

އަސްލަމާއި ސަލީމަށް މަޖިލީހުގެ އިދާރާއިން ނޯޓިސް ވެސް ފޮނުވައިފައިވަނިކޮށް، ތޯރިގު އެކްސްގައި ލިޔުއްވީ, އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ވައްދައި އޭގެ ނޯޓިސް ވެސް ފޮނުވާފައިވާތީ ދެން އެންމެ ރަނގަޅު ގޮތަކަށް ވާނީ ރިޔާސަތު ބެލެހެއްޓުމާ އަސްލަމާއި ސަލީމް ވެސް ދުރަށް ޖެހިވަޑައިގަތުން ކަމަށެވެ.

މީގެ ކުރިން މަޖިލީހުގެ ރައީސް ކަމުގައި ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލައެއް ވެއްދުމުން އެމަނިކުފާނު ވަނީ ރިޔާސަތު ބެލެހެއްޓުމާ ދުރަށް ޖެހިވަޑައިގެންފަ އެވެ. ތޯރިގު ގޮވާލެއްވީ، އަސްލަމާއި ސަލީމް ވެސް އެ ކަން ނަމޫނާއަކަށް ނެންގެވުމަށް ފަހު، ރިޔާސަތު ބަލަހައްޓަވަން ނިންމާފައިވާ އެހެން މެންބަރަކަށް ރިޔާސަތު ހަވާލު ކުރުމަށެވެ.

"ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމާ އެކު، ރިޔާސަތުން ދުރަށް ޖެހިވަޑައިގަތް، މާދަމާގެ މަޖިލީހުގެ ރިޔާސަތު ރައީސް އަސްލަމާއި ނައިބު ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންނާއި ހަވާލުކޮށްދެެއްވާ،" ތޯރިގު ލިޔުއްވާފައިވެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭ ވަގުތުތަކުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރަކު މަޖިލީހުން ކަނޑައަޅަން ޖެހެ އެވެ. އެ ފަސް މެންބަރުން ކަނޑައެޅުމުގައި މެދުކެނޑުމެއް ނެތި މަޖިލީހުގައި އިންނެވި މެންބަރުންނަށް އިސްކަން ދޭން ވެސް ޖެހެ އެވެ.

މި ވަގުތު އެ ގޮތަށް ކަނޑައަޅުއްވާފައިވާ ފަސް މެންބަރުންނަކީ، އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާއި، ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ، އަދި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެންބަރު އަހުމަދު އާމިރެވެ.

އަސްލަމާއި ސަލީމް ވަކިކުރަން ހުށަހެޅީ ކީއްވެ؟

އަސްލަމާއި ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖެވެ.

އެ މައްސަލަ ހުށަހެޅި އިރު ސިރާޖް ތުހުމަތުކުރެއްވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން އަސްލަމް އަމަލުކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ބ، ޅ. އަދި އ. އާ ހިލާފަށް ކަމަށެވެ. ގާނޫނު އަސާސީގައި 70 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާ ވެސް އަސްލަމް ހިލާފު ވެވަޑައިގެންފައިވާ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޑިސެމްބަރު 10، 2023 ގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި، މައްސަލަ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކުރެވެން އޮތް އެންމެ އަވަހަކަށް އެ މައްސަލަ ތާވަލުކުރުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ވީ ނަމަވެސް، އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ރިޕޯޓު ތަޅުމަށް ލިބުންތާ އަށް ދުވަސް ފަހުން ކަމަށް ތުހުމަތު ކުރި އެވެ.

ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނު އަސާސީއާ ހިލާފަށް މަސައްކަތް ކުރަމުން ދިޔައިރު ވެސް، ނައިބު ރައީސްގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ. އަދި ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާ ކަމަށް ކަށަވަރު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ.