Advertisement

އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި

4 ފެބުރުވަރީ 2024 - 13:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މިއަދު ހުޅުމާލޭގައި ހުޅުވި އެމްއައިބީގެ ޑޮލަރު އޭޓީއެމް. މި އޭޓީއެމް ހުޅުވީ ހުޅުމާލޭ ފުރަތަމަ ފޭސްގައި. --- ފޮޓޯ: އަދަދު


އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި

4 ފެބުރުވަރީ 2024 - 13:16 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑޮލަރު ނެގުމުގެ ހިދުމަތް ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުންނަ ވަން އެވެނިއު ބިލްޑިންގެ ގްރައުންޑް ފްލޯގައި ހުންނަ އޭޓީއެމުން ދޭން ފަށައިފި އެވެ.

މިއަދު ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައި އެމްއައިބީގެ ހުޅުމާލޭ ޑޮލަރު އޭޓީއެމް ހުޅުވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދުރިސް ހުމްރީ އެވެ.

އެމްއައިބީން ހުޅުމާލޭގައި ހުޅުވި ޑޮލަރު އޭޓީއެމްއަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެ ކުންފުނިން އެންމެ ފުރިހަމަ ގޮތުގައި އަމަލުކުރަމުންދާ ކަމުގެ ލާމަސީލު މިސާލެއް ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވި އެވެ.

ޑޮލަރު އޭޓީއެމް ހުޅުމާލޭ ފޭސް އެކެއްގައި ހުޅުވާފައިވާއިރު، ފޭސް ދޭއްގައި ވެސް އިތުރު ޑޮލަރު އޭޓީއެމްތަކެއް ގާއިމުވެގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ. އަދި, ޑޮލަރުގެ ދަތިކަން ދިމާވަމުން އަންނަ މި ދުވަސްވަރު އެމްއައިބީން ސަރުކާރާ ގުޅިގެން އެ ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިފަދަ ކްރިއޭޓިވް ކޮންމެ އައިޑިއާސްތަކަކަށް ނޫނީ ހިދުމަތް ފުޅާކުރުމަށް ތިބޭފުޅުން ބޭނުންވާ ކޮންމެ ފުރުސަތަކަށް އަޅުގަނޑުމެން އެޗްޑީސީ ތިބޭނީ ހޭވައްލާ ތައްޔާރުގަ އިރާދަކުރެއްވިއްޔާ. ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެމްއައިބީން ކުރާ މަސައްކަތް އިހުލާސްތެރިކަމާއެކު ބަލައިގަންނަން," ފަޒުލް ވިދާޅުވި އެވެ.

އޭގެއިތުރުން މުފައްދަލް ވިދާޅުވި، ހުޅުމާލޭގައި ދިރިއުޅޭ އެމްއައިބީގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ރާވަމުން އަންނަ ކަމަށާއި، ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭތޯވެސް ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި ގާއިމުކުރި ޑޮލަރު އޭޓިއެމްގެ ހިދުމަތް 24 ގަޑިއިރު ލިބޭއިރު، މި އޭޓީއެމް އިން އެކައުންޓު ގެންގުޅޭ ކަސްޓަމަރުންނަށް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ކޮންމެ ކަސްޓަމަރަކަށް ދުވާލަކު އެމްއައިބީގެ ޑޮލަރު އޭޓީއެމް މެދުވެރިކޮށް އެންމެ ގިނަވެގެން ނެގޭނެ އަދަދަކީ 1،600 ޑޮލަރު ނެގޭއިރު، މަހަކަށް 10،000 ޑޮލަރު ނެގެ އެވެ. ނަމަވެސް، ދުވާލަކު 12،000 ޑޮލަރު ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އޭގެއިތުރުން ވިޔަފާރިތަކަށް 32،000 ޑޮލަރު ޖަމާ ކުރެވޭނެ ކަމަށްވެސް އެމްއައިބީން ބުނެ އެވެ.

އެމްއައިބީގެ އޭޓީއެމްތައް ތިލަފުށި، މާލެ، ހުޅުމާލެ، އައްޑޫސިޓީ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ހުޅުވާފައިވާއިރު، ޑޮލަރު އޭޓީއެމްގެ ހިދުމަތް ހުޅުމާލޭގެ އިތުރުން މާލެއިން ވެސް ލިބެ އެވެ.

އެމްއައިބީން އަންނަނީ އެ ބޭންކުން ދެމުން އަންނަ ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާ ކުރަމުންނެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހައިން ހިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖައްސަން އެ ބޭންކުން ދެމުން އަންނަ ގިނަ ހިދުމަތްތައް މިހާރު ވަނީ ޑިޖިޓަލްކޮށްފަ އެވެ.