Advertisement

ގަތަރުގެ ބަތަލަކަށް ވީ ގޯލްކީޕަރު، ޖަޕާން ކަޓުވާލައި އީރާން ސެމީ އަށް

4 ފެބުރުވަރީ 2024 - 10:11 0


ގަތަރުގެ ބަތަލަކަށް ވީ ގޯލްކީޕަރު، ޖަޕާން ކަޓުވާލައި އީރާން ސެމީ އަށް

4 ފެބުރުވަރީ 2024 - 10:11 0

ދޯހާ (ފެބްރުއަރީ 4) - އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ އުޒްބެކިސްތާން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ގަތަރު ސެމީ ފައިނަލަށް ދަތުރުކުރިއިރު އެ ޓީމުގެ ބަތަލަކަށްވީ ގޯލްކީޕަރު މީޝާލް ބަރްޝާމް އެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ކުއާޓާގައި ޖަޕާން 2-1 އިން ބަލިކޮށް އީރާން ވެސް ވަނީ ސެމީން ޖާގަ ހޯދައިފަ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މި ފަހަރުގެ އޭޝިއަން ކަޕްގެ ހޯސްޓް ކަމަށްވާ ގަތަރު ކުއާޓާގެ ކުރިން މި މުބާރާތުގައި ކުޅުނު ހަތަރު މެޗުން މޮޅުވިޔަސް، ކުއާޓާގައި އެ ޓީމަށް އުޒްބެކިސްތާން ބަލިކުރަން ފަސޭހައެއްނުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގަތަރަށް ލީޑު ލިބުނީ އުޒްބެކިސްތާންގެ އުތްކީރް ޔުސުޕޯފް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އެކަމަކު، ދެ ވަނަ ހާފުގައި އުޒްބެކިސްތާން އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އޮޑިލްޖޮން ހަމްރޯބެކޯފް ޖެހި ލަނޑުންނެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައިވެސް އެއްވެސް ޓީމަކަށް ނަތީޖާ އަށް ބަދަލެއް ނުގެނެވުމުން، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ގަތަރުގެ ގޯލްކީޕަރު މީޝާލް ވަނީ އުޒްބެކިސްތާންގެ ތިން ޕެނަލްޓީ ދިފާއުކޮށްފަ އެވެ. ގަތަރަށް މެޗު ކާމިޔާބުކޮށްދިން ޕެނަލްޓީ ޖެހީ އެ ޓީމުގެ ޑިފެންޑަރު ޕެޑްރޯއެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ގަތަރާ ދެކޮޅަށް ނުކުންނާނީ އީރާނެވެ.

އީރާން މުބާރާތުގެ ސެމީން ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅުނު ކުއާޓާގައި ޖަޕާން އަތުން ފަހަތުން އަރައި މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖަޕާނަށް ލީޑު ހޯދައިދިނީ ހިޑެމާޝާ މޮރީޓާ އެވެ. އެކަމަކު، މެޗުގެ ދެ ވަނަ ހާފުގައި އިރާނުން ވަނީ އެ ޓީމު ކޮޅަށް މެޗު އަނބުރާލައިފަ އެވެ.

މެޗުގެ 55 ވަނަ މިނިޓުގައި އީރާނުން މެޗުގެ ނަތީޖާ އެއްވަރުކުރީ މުހައްމަދު މޮހޭބީ ޖެހި ލަނޑުންނެވެ. މި ލަނޑާއެކު، އީރާނުން މެޗުގެ ކޮންޓުރޯލް ނެގިއެވެ.

އީރާން މެޗުން މޮޅުވީ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އީރާނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަލީރެޒާ ޖަހަންބަކްޝް އެވެ.