Advertisement

އެމްޑީޕީ ޕްރައިމަރީ: މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ޓިކެޓު ކަށަވަރުކޮށްފި

3 ފެބުރުވަރީ 2024 - 19:34 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަބްދުﷲ ޖާބިރު، މުހައްމަދު އަބްދުﷲ ޝަފީގު، ސައުދު ހުސައިން، އަހުމަދު ހާރޫން، އަހުމަދު ހަލީމް، މުހައްމަދު ނާޝީޒު، އަބްދުލްޣަފޫރު މޫސާ، މުހައްމަދު ރަޝީދު


އެމްޑީޕީ ޕްރައިމަރީ: މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ޓިކެޓު ކަށަވަރުކޮށްފި

3 ފެބުރުވަރީ 2024 - 19:34 0

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ، މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކެއް ކާމިޔާބު ކުރައްވައިފި އެވެ.

މިހާތަނަށް ނަތީޖާ ސާފުވެފައިވާ ގޮތުން ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރެއްވުމަށް ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ޓިކެޓު ކަށަވަރު ކުރެއްވީ، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު، އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު (ބިގޭ)، ކިނބިދޫ ދާއިރާގެ މެންބަރު، މުހައްމަދު ނާޝިޒު، ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.

މިއަދުގެ އިންތިހާބުގައި ހަނިމާދޫ ދާއިރާގެ ޓިކެޓު، ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު މެމްބަރުކަން ކުރެއްވި އަބްދުލްގަފޫރު ކާމިޔާބު ކުރެއްވީ 363 ވޯޓު ހޯއްދަވައިގެންނެވެ. އެ ދާއިރާގެ ޓިކެޓަށް ދެން ވާދަ ކުރެއްވި އަލީ ސިނާންއަށް ލިބިވަޑައިގެންނެވީ 117 ވޯޓެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަލިފުށީ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ 287 ވޯޓު ހޯއްދަވައިގެންނެވެ. އެ ދާއިރާއަށް ދެން ވާދަ ކުރެއްވި އަލީ ޖިނާހުއަށް ލިބިވަޑައިގެންނެވީ 53 ވޯޓެވެ.

ކިނބިދޫ ދާއިރާގެ މިހާރު ވެސް މެންބަރުކަން ކުރައްވާ މުހައްމަދު ނާޝިޒު ވަނީ އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. ނާޝިޒުއަށް ވަނީ އެ ދާއިރާއަށް ވޯޓުލީ 352 މީހުންގެ ތެރެއިން 258 މީހުންގެ ވޯޓު ހޯއްދަވައިފަ އެވެ. ނަމަވެސް ނާޝިޒުގެ އަނބިކަނބަލުން، އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއަށް ވަނީ މިއަދުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ.

މެމްބަރުންގެ ތެރެއިން ޕްރައިމަރީ ނާކާމިބާވީ މިހާތަނަށް ތިން މެމްބަރަކަށެވެ. އެއީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް އާއި އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމް އަދި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަތީ ބޭއްވި އެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއިރު، 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.

މިއަދުގެ އިންތިހާބުގައި މާލެ ހިމެނޭހެން 96 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. މިއަދުގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ސުލްހަވެރިކަމާއެކު އެވެ.

އަންނަ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ނުވަނީ ދެ ދާއިރާއަކަށެވެ. ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފަ އެވެ. މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް އިން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 93 ދާއިރާއަކަށެވެ.

މިއަދު ޕްރައިމަރީ ކުރިއަށް ގެންދިޔަ ދާއިރާތަކާ އެކު އެމްޑީޕީގެ ކެންޑިޑޭޓުން ހަމަވެފައި ވަނީ 86 ދާއިރާއަށެވެ. ނަމަވެސް ބާކީ ހުރި ދާއިރާތަކަށް ވެސް ވާދަ ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވެ އެވެ. 2019 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފަ އެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ހަމައެކަނި ފަހަރެވެ.