Advertisement

މަރުވުމުގެ ކުރިން ޖަޕާނުގެ "މޯސްޓް ވޯންޓެޑް" ލިސްޓުގައި ހިމެނޭ ކަމަށް އެއްބަސްވެއްޖެ

4 ފެބުރުވަރީ 2024 - 07:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަރުވުމުގެ ކުރިން ޖަޕާނުގެ "މޯސްޓް ވޯންޓެޑް" ލިސްޓުގައި ހިމެނޭ ކަމަށް އެއްބަސްވި ސަތޯޝީ ކިރިޝިމާ ހޯދަން އިއުލާންކޮށްފައިވާ ޕޯސްޓަރެއް -- ފޮޓޯ: އޭޕީ


މަރުވުމުގެ ކުރިން ޖަޕާނުގެ "މޯސްޓް ވޯންޓެޑް" ލިސްޓުގައި ހިމެނޭ ކަމަށް އެއްބަސްވެއްޖެ

4 ފެބުރުވަރީ 2024 - 07:51 0

މަރުވުމުގެ ކުރިން ޖަޕާނު މީހަކު އޭނާއަކީ އެ ގައުމުގެ "މޯސްޓް ވޯންޓެޑް" ލިސްޓުގައި ހިމެނުނުތާ 50 އަހަރުވެފައިވާ މީހެއް ކަމަށް ފުލުހުންނަށް މައުލޫމާތު ދީފި އެވެ.

ޖަޕާނު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އުމުރުން 70 އަހަރުގެ މި މީހާ ހޮސްޕިޓަލުގައި ވަނިކޮށް ސުވާލުކުރުމުން އޭނާއަކީ ޖަޕާން ފުލުހުން 50 އަހަރު ވަންދެން ހޯދަމުންދިޔަ ސަޓޯޝީ ކިރިޝިމާ ކަމަށް ވަނީ އެއްބަސްވެފަ އެވެ.

ކިރިޝިމާއަކީ 1970 ވަނަ އަހަރު ގްރޫޕަކުން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ޝާމިލުވާ މީހެއް ކަމަށްވާއިރު، އޭނާއާ ސުވާލު ކުރުމުން ހަމަލާތަކާ ގުޅޭ ވަރަށް ގިނަ އިތުރު މައުލޫމާތުތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އޭނާއާ ސުވާލުކުރަމުންދިޔަތާ ހަތަރު ވަނައަށްވީ ދުވަހު މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެއީ މިދިޔަ ހޯމަ ދުވަހެވެ. އަދި އޭނާއަކީ ކާކުކަން ހާމަކުރީ އަމިއްލަ ނަމުގައި މަރުވެގެންދާން ބޭނުންވާތީ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން މަރުވެފައި ވަނީ ސަޓޯޝީ ކިރިޝިމާކަން ވަނީ ޔަގީން ކުރެވިފައި" ޖަޕާނު ފުލުހުން ބުނެއެވެ.

ހުކުރު ދުވަހު ޖަޕާނު ފުލުހުން ވަނީ އޭނާ ފާއިތުވެދިޔަ 40 އަހަރު ދުވަހު މަސައްކަތް ކުރަމުންދިޔަ ކޮންސްޓްރަކްޝަން ކުންފުނީގެ އޮފީސް ރެއިޑްކޮށްފައެވެ.

1954 ވަނަ އަހަރު އުފަންވި ކިރިޝިމާއަކީ ޓެރެރިސްޓް ގްރޫޕަކާ ގުޅުނީ ޓޯކިޔޯގެ ޔުނިވާސިޓީ ދަރިވަރަކަށް އުޅެނިކޮށެވެ. އަދި އޭނާގެވެސް ބައިވެރިވުމާއެކު އެ ގްރޫޕުން ވަނީ ޖަޕާނުގެ އެކި ތަންތަނަށް ގިނަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި 8 މީހުން މަރުވެ، 160 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ކިރިޝިމާ ހޯދަން އިއުލާންކުރީ ޓޯކިއޯގައި 1975 ވަނަ ދިން ޓައިމް ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އޭނާ ބުނާގޮތުން އޭނާއަކީ ގްރޫޕްގައި ހިމެނޭ 10 މީހުންގެ ތެރެއިން ފުލުހުންނަށް ހަމައެކަނި އަތުނުވާ މީހާ އެވެ. މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މެމްބަރަކު މަރަން ހުކުމް ކޮށްފައިވާއިރު، ގްރޫޕްގެ ފައުންޑަރު ވަނީ 2017 ވަނަ އަހަރު މަރުގެ ހުކުމް އިއްވާފައި ވަނިކޮށް މަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކިރިޝިމާ 50 އަހަރުވެންދެން ފިލައިގެން އުޅުނީ ފޯނެއް ނުގެންގުޅެ، ހެލްތު އިންޝުއުރެންސަކާ ވެސް ނުލަ އެވެ. އަދި އޭނާ ބޭންކު އެކައުންޓެއް ނުގެންގުޅެ މިހާ ދުވަހު މުސާރަ ވެސް ނަގާފައިވަނީ ނަގުދު ފައިސާއިންނެވެ.