22 ސެޕްޓެންބަރު 2024 - 09:26 7
ހަސަން މުހައްމަދު
އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު
22 ސެޕްޓެންބަރު 2024 - 09:26 7
މާލޭ މަގުމަތިން، ދިރޭ ބޯވައަކާއި ބޮޑު ވެނެއް މިނިވަންކަމާއެކީ އުޅުނު ތަން އެ ދުވަހު ނޫނީ އަހުމަދު ޝާޒަށް ނުފެނެވެ.
އެއިރު އުމުރުން 16 އަހަރުގެ އަހުމަދު ޝާޒު މާފަންނު މަދަރުސާއިން ނުކުމެގެން، ގެއަށްދިޔައިރު މަގުމަތީ ހެދިފައި އޮތް ފެންގަނޑު ދޮޅުފޫޓަށް ހުންނާނޭ ކަމަށް އޭނާ ލަފާ ކުރެ އެވެ. ފަޓުލޫނު އޮޅައި، ފައިކުރި ނުތެންމަން މަސައްކަތް ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އޭނާއަކަށް އެހެންވެ ނުފެނުނެވެ.
ބޯވަ އާއި ވެން ފެނުނީ އޭނާ ދިރިއުޅޭ މ. ފެހިގިއްޔަށް ވަދެ، ފޮތް ދަބަސް ގޭގައި ބެހެއްޓުމަށްފަހު، މާލެ ތެރެ ބަލައިލަން ނުކުތް ވަގުތެވެ. މާފަންނަށްވުރެ ބޮޑަށް ފެންބޮޑުވެފައި އޮތީ ޝާޒުގެ ބައްޕަ ދިރިއުޅެމުން އައި ހެންވޭރު އަވަށުގަ އެވެ. އޭނާ ދެން ދިޔައީ އެ ދިމަލާށެވެ.
"މާފަންނުގަ ވެސް ބިސް ބުރާ ހަމައަށް ރާޅު އެރި. މިހާރު މާފަންނު ބޯޅަ ދަނޑު އެހުރި ހިސާބުގައި، އަމީނީ މަގުގައި ބޯވައަކާއި ވެނެއް އޮއްވައި ވެސް ދުށިން. އެހެންވީމަ ބޮޑު ރާޅާއެކު މަސްތައް ވެސް އެއްގަމަށް އަރާފައި ހުރި. ފަޅުގައި އަޅާފައި ހުރި އޮޑިދޯނިފަހަރު ވެސް އެއްގަމަށް އަރާފައި ހުރި. ސިފައިން ނުކުމެ އެހީ ފޯރުކޮށްދިނީ،" އޭޕްރީލް 11، 1987، ވަނަ ދުވަހުގެ ހަނދާންތައް އާ ކުރަމުން ޝާޒް (ތަޖޫބެ) ކިޔައިދިނެވެ.
87' ގައި އެރި ބޮޑު ރާޅުގައި މާލެ ފެންބޮޑުވެފައި: އެއީ 11 އަހަރު ތެރޭގައި ރާއްޖެއަށް އެރި އެންމެ ބޮޑު ރާޅު -- ފޮޓޯ: ޖައިކާ / ޖަޕާން
އެ ދުވަހުގެ ހާދިސާއަށް އެ ދުވަހު ނަމެއް ނުދިން ނަމަވެސް މިއަދާ ހަމައަށް ވެސް ފަހުން ކިޔައިއުޅެނީ އެއީ ބޮޑުރާޅު އެރި ދުވަސް ކަމަށެވެ. އެ ޒަމާނުގައި ހަދާފައި ހުރި ދިރާސާތަކުގައި ބުނެފައި އޮތީ އެ ދުވަހު މާލެއަށް އަދި ރާއްޖޭގެ ބޮޑު ބަޔަކަށް އެރި އުދަ ނުވަތަ ރާޅުތައް އުފެދުނީ ދިވެހީންގެ ރަށްތަކާ 6000 ކިލޯމީޓަރު ދުރުން އިންޑިއާ ކަނޑުގެ ދެކުނުގައި ކަމަށެވެ.
އެ ދުވަހުގެ ރާޅުތައް ވެރި ރަށް މާލެއަށް އެރީ ރަށް ހިމާޔަތް ކުރަން ދެކުނު ފަރާތުގައި ގަލާއި ސިމެންތިން ހަދާފައި އޮތް ތޮށިގަނޑު އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުކޮށްލުމަށްފަހެވެ. އެހެން ދިމަދިމާލުން ވެސް ތޮއްޓާއި ބޭރު ތޮށި ހަލާކުވި އެވެ. މާލޭގެ ހިއްކި ސަރަހައްދުން ބައެއް އޮތީ ގިރައިލައިފަ އެވެ.
ބޮޑު ރާޅުގެ ސަބަބުން ގާތްގަނޑަކަށް 13 އަތޮޅެއްގެ 16 ރަށަށް ގެއްލުންވި ކަމަށް ޔުނައިޓެޑް ނޭޝަންސް ޑިޒާސްޓާ ރިލީފް އޯގަނައިޒޭޝަނުން އޭޕްރީލް، 1987، ގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ. ހުޅުލޭ އެއާޕޯޓަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި އެވެ. މުޅި ރާއްޖެއަށް 90 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވި ކަމަަށް ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް ވައިކާޓޯގެ ޑރ. ޖޯން ކޭމްޕްބެލް ހެއްދެވި ދިރާސާއެއްގައި ބުނެފައިވެ އެވެ.
ގަލުން ހަދާފައި ހުރި ތޮށިގަނޑުގެ ބަދަލުގައި، ވަރުގަދަ ރަނގަޅު ތޮށިގަނޑެއް ވެރި ރަށް މާލެ ވަށައިގެން ހެދުމަށް ހިޔާލު އައީ އެ ދުވަހުގެ ބޮޑު ރާޅަށްފަހެވެ. ރާއްޖޭގެ ރަށްތަކުގެ ނާޒުކު ކަމާއި މޫސުމީ ބަދަލުތަކުން ރަށްތައް ހިމާޔަތް ކުރުމުގެ މުހިންމުކަން އެ ދުވަހު ސަރުކާރަށް ވިސްނުނެވެ. މާލެ ވަށައިގެން ހަދާފައިވާ ބޭރު އަދި އެތެރެ ތޮށި އަޅަން ޖަޕާނުގެ އެހީއަށް ސަރުކާރުން އެދުނީ ވެސް ބޮޑު ރާޅުގެ ސަބަބުންނެވެ.
އަށްޑިހަ ހަތެއްގެ ބޮޑު ރާޅު ރާއްޖެއަށް ރާއްޖެއަށް އެރި އިރު، އެވަރުގެ ރާޅެއް އެންމެ ފަހުން އެރީ އޭގެ 11 އަހަރު ކުރިން 1976 ވަނަ އަހަރެވެ. އޭގެ ކުރިން ޖުލައި، 1966، ގައި ވެސް މާލެއަށް ބޮޑު ރާޅެއް އެރި އެވެ.
ބޮޑު ރާޅުގެ އެއް އަހަރު ފަހުން ޖުލައި، 1988، ގައި ވެސް ރާއްޖެއަށް ރާޅު އެރި އެވެ. އަދި ޖޫން، 1991، ގައި ތޫފާނެއްގެ އަސަރުކޮށްގެން ވެސް މާލެ އަދި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވި އެވެ. އެފަހަރު ވެސް ބޮޑެތި ރާޅުތަކެއް މާލެއަށް އެރި އެވެ.
87' ގެ ބޮޑު ރާޅުން ލިބުނު ގެއްލުން
ބޮޑު ރާޅު އެރުމުގެ ކުރިން ދިމާވެފައި ހުރި ކާރިސާތަކަށް ސަރުކާރުތަކުން އަަބަދުވެސް އިޖާބަ ދެމުން އައީ އެ ވަގުތަށް މައްސަލަ ހައްލު ކުރުމުގެ ވިސްނުމެއްގެ ތެރެއިންނެވެ. ނަމަވެސް ބޮޑު ރާޅާއެކު އެކަން ބަދަލުވި އެވެ. އެކަމަކު ފަހަތުގައި ހުންނެވީ އެއިރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
ބޮޑު ރާޅަށްފަހު މައުމޫން ރާއްޖެއިން ބޭރަށް ކުރެއްވި ކޮންމެ ދަތުރެއްގައި، ތިމާވެށީގެ ގޮތުން ރާއްޖެ އޮތް ނާޒުކު ހާލަތާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ އަދި ތިރި ގައުމުތަކަށް ވާނެ ގެއްލުންތަކުގެ ވާހަކަ ދެއްކެވި އެވެ.
މައުމޫން އެ ވާހަކަ ދެއްކެވި އެއް މައިދާނަކީ، އޮކްޓޯބަރު، 1987، ގައި ކެނެޑާގެ ވެންކޫވަރުގައި ބޭއްވި ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް މީޓިން އެވެ. އެ ބައްދަލުވުމުގެ ބޮޑު މައުލޫއަކަށް ވާނެ ކަމަށް ކުރިން ބެލެވިފައި އޮތީ އަޕާތޭ ސައުތު އެފްރިކާއަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަޅު އެޅުމާ ބެހޭ ގޮތުން ބަހުސް ކުރުމެވެ. އެކަމަކު، މުޅި ބައްދަލުވުމުގެ މޫޑު ބަދަލުކޮށްލީ ރައީސް މައުމޫން ދެެއްވި "ޑެތު އޮފް އަ ނޭޝަން" ތަގުރީރުންނެވެ.
"ދިވެހިރާއްޖޭގެ ރަށްތަކުގެ އުސް މިން އެވެރެޖު ގޮތެއްގައި މި ހުންނަނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު. [މޫސުމީ ބަދަލުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ދެ މީޓަރަށް އުފުލިއްޖެ ނަމަ] ރާއްޖެ އެއްކޮށް ގަރަގުވާނެ. އެކަން ވާނީ ގައުމެއްގެ މަރަށް،" އޮކްޓޯބަރު 15، 1987، ގައި އިނގިރޭސި ބަހުން ދެއްވި ތަގުރީރުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫނުގެ ތަގުރީރަށްފަހު މޫސުމީ ބަދަލުގެ ވާހަކަތައް އެ ބައްދަލުވުމުގައި "އޮލަވި" އެވެ. އެ ބައްދަލުވުން ވެގެންދިޔައީ ކޮމަންވެލްތު ހެޑް އޮގް ގަވަމަންޓްސްގެ ބައްދަލުވުމެއްގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކި ފުރަތަމަ ބައްދަލުވުމަށެވެ.
ތަގުރީރަށް ލިބިވަޑައިގެންނެވި ތަރުހީބާއެކު އެއް ފިޔަވަޅު ކުރިއަށް ޖެހިވަޑައިގެން މައުމޫން ދެން ހުށަހެޅުއްވީ މޫސުމީ ބަދަލުތަކުން ކުދި ޖަޒީރާ އަދި ތިރި ގައުމުތަކަށް ވާނޭ ގެއްލުން ދިރާސާ ކުރަން ކަމާ ގުޅޭ މާހިރުންގެ ގްރޫޕެއް އުފެއްދުމަށެވެ. އެ ބައްދަލުވުމުގައި މައުމޫނުގެ ހުށަހެޅުން ފާސްވި އެވެ.
ކުރީގެ ރައީސް މައުމޫނު ސޮއި ކުރައްވާފައިވާ ފޮޓޯއެއް: މޫސުމީ ބަދަލުތަކުން ރާއްޖެއަށް ކުރާ އަސަރަށް ބޭރު ދުނިޔޭގެ ސަމާލުކަން ހޯދައިދެއްވި -- ފޮޓޯ: ރޮލްފް ރަމްސެއިއާ
ކެނެޑާގައި ތަގުރީރު ދެއްވުމުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝްރީދާތު ސުރެންދްރާތު ރަމްފާލް މައުމޫންއާ ބައްދަލު ކުރައްވައި ރަނގަޅު ހިޔާލެއް ދެއްވި އެވެ. ވިދާޅުވީ އޭގެ ހަތަރު ދުވަސް ފަހުން އެމެރިކާގެ ނިއުޔޯކުގައި އޮންނަ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަޑައިގަތުމަށެވެ. އެއީ ތިމާވެށީގެ މައްސަލަތަކަށް ބަހުސް ކުރަން ބާއްވާ ހާއްސަ އާންމު ޖަލްސާއެކެވެ.
އެ ޖަލްސާގައި މައުމޫން ދެއްވި ތަގުރީރަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. މިފަހަރު މައުމޫން އދ. އަށް ހުށަހެޅުއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ސީދާ ރާއްޖެއަށް ލިބޭނެ ގެއްލުންތައް ބަލަން ޓީމެއް އެކުލަވާލުމަށެވެ. އެކަން ވެސް އެ ޖަލްސާގައި ފާސްވި އެވެ.
"އެ ގަރާރުގައި އޮންނާނީ ހަމަ ކަނޑައެޅިގެން ދިވެހިރާއްޖެއަށް ދިމާވާ ގުދުރަތީ އެކިއެކި ބޮޑެތި ގެއްލުންތަކާއި ނުރައްކާތެރިކަމުގެ ސަބަބުން، ދިވެހި ރައްޔިތުންނަށާއި ރާއްޖެއަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް ބައިނަލްއަގުވާމީ ގޮތުން ހުރިހާ ގައުމުތަކަކުން އެހީވާންޖެހޭނެ ކަމަށް ގޮވާލާފައިވާ ގޮވާލުމެއް. އެ ގަރާރު ފާސްވީ ކޮމިޓީގެ އިއްތިފާގުން،" ފަހުން މާލެ ވަޑައިގެން މައުމޫން ވިދާޅުވެފައިވެ އެވެ.
ވެންކޫވަރު އަދި ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ވެސް ރައީސް މައުމޫން ވަނީ 87' ގެ ބޮޑު ރާޅުން ލިބުނު ގެއްލުންތަކަށް އެހީ ހޯދަން ކުއްލި ކެމްޕެއިނެއް ފައްޓަވައިފަ އެވެ. ޔުނައިޓެޑް ނޭޝަންސް ޑިޒާސްޓާ ރިލީފް އޯގަނައިޒޭޝަނުން އެހީއަށް އެދުމުގެ އިތުރުން އެމެރިކާގެ ތިމާވެށީގެ ޖަމިއްޔާއަކާއި ޕްރޮފެސަރެއްގެ އެހީއަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
މައުމޫން ދެން ކުރެއްވި ކަމަކީ ޖަޕާނު ސަރުކާރުގެ އެހީއަށް އެދުމެވެ. މައުމޫނުގެ އެދިވަޑައިގަތުމަށް އެންމެ އަވަހަށް އަދި އެންމެ ފުރިހަމައަށް ޖަވާބު ދިނީ ޖަޕާނު ސަރުކާރުންނެވެ. އެ ގައުމުގެ ސަރުކާރުން ވަގުތުން ރާއްޖެއަށް ސައިންޓިސްޓުންގެ ވަރުގަދަ ޓީމެއް ފޮނުވި އެވެ.
ބޮޑު ރާޅު އެރިތާ 14 ދުވަހުގެ ތެރޭގައި ޖަޕާނު ސަރުކާރުން ފޮނުވި ސައިންޓިސްޓުންގެ ޓީމެއް މާލެއަށް ދަތުރު ކުރި އެވެ. އޭޕްރީލް 24، 1987، ގައި އައި އެ ޓީމުގެ ބޭނުމަކީ ބޮޑު ރާޅުން މާލެ އަދި ރާއްޖެއަށް ލިބުނު ގެއްލުންތައް ދިރާސާކޮށް ދަނެގަތުމެވެ. އެ ޓީމުން ނުވަ ދުވަހު މާލޭގައި ހަރަކާތްތެރިވި އެވެ.
ޖަޕާނުގެ ޓީމުން އެންމެ ފުރަތަމަ ވެސް ކުރި މަސައްކަތަކީ ރާޅުން ގެއްލުންވި ތޮށިގަނޑު ބެލުމެވެ. އެ ޓީމުން ލަފާ ދިނީ މާލޭގެ ދެކުނު ފަރާތުން ހަލާކުވި ތޮށިގަނޑުގެ ބައި ވީ އެންމެ އަވަހަކަށް މަރާމަތު ކުރުމެވެ. ސައިންޓިސްޓުންގެ އެ އިރުޝާދު ލިބުމުން ދިވެހި ސަރުކާރުން އެދުނީ ޖަޕާނު ސަރުކާރުން އެކަމުގައި އެހީތެރިވެދިނުމަށެވެ.
މާލޭގެ ކުރީގެ ގަލުން ހަދާފައި ހުރި ތޮށިގަނޑު: މި ތޮށިގަނޑު ހަދާފައި ހުރީ 10-20 ސެންޓިމީޓަރުގެ ގަލުން -- ފޮޓޯ: ޖައިކާ / ޖަޕާން
ތޮށިގަނޑު މަރާމާތު ކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދުމުން ޖަޕާނު ސަރުކާރުން އެކަން ހަވާލު ކުރީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ނުވަތަ ޖައިކާއާ އެވެ. ޖައިކާއަކީ ޖަޕާނު ސަރުކާރުގެ އެޖެންސީއެކެވެ. ތޮށިގަނޑު މަރާމާތު ކުރަން ޖައިކާއިން އަނެއްކާ ވެސް އިތުރު ޓީމެއް މާލެއަށް ޖުލައި 30، 1987، ގައި ފޮނުވި އެވެ. އެ ޓީމުގެ ދިރާސާތަކަށް ވެރި ރަށުގައި 23 ދުވަސް ހޭދަ ކުރި އެވެ.
ދިރާސާތަކަށްފަހު ޖައިކާއިން ހެދި ޕްލޭނާ އެއްގޮތަށް މަސައްކަތް ފަށައި ދެކުނު ތޮށިގަނޑު އެއްކޮށް މަރާމާތުކޮށް 1990 ވަނަ އަހަރު ނިންމައިލި އެވެ. ކުރީގެ ތޮށިގަނޑު މަރާމާތުކޮށް ނިންމިއިރު ވެސް ޖައިކާގެ ޓީމަށް ފާހަގަވީ އެއިރު ލާފައި އޮތް ތޮށިގަނޑުގެ ބަލިކަށިކަމެވެ. އޭގެ ސަބަބުން މާލޭގެ އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާ ކަމަށް އެޓީމަށް ފެނުނެވެ.
ކުރީގައި ގަލުން ހަދާފައި ހުރި ތޮށިގަނޑުން ޖައިކާ ޓީމަށް ފާހަގަވި ކަންކަމާއި މައްސަލަތައް
ދިރާސާތަކުން ޖައިކާގެ ޓީމަށް ފާހަގަވި ކަންކަމުގެ މައްޗަށް ބިނާކޮށް، މާލޭގެ ކުރީގައި ގަލުން ހަދާފައި ހުރި ތޮށިގަނޑު މުޅިން ބަދަލު ކުރަންޖެހޭނެ ކަމަށް ނިންމި އެވެ. އޭގެ ފަހުން ދެން ފެށީ މިއަދު އަހަރުމެންނަށް މި ފެންނަ ތޮށިގަނޑު ބިނާ ކުރުމުގެ މަސައްކަތެވެ.
ތޮށިގަނޑު ހެދުމުގެ މަސައްކަތަށް ޖަޕާނު ސައިންޓިސްޓުން މާލޭގެ ބޮޑު ދިރާސާއެއް ކުރަންޖެހުނެވެ. މައިގަނޑު ހަތަރު ދާއިރާއަކުން ދިރާސާ ކުރި އެވެ. އެއީ ޓޮޕޮގްރަފީ އަދި ހައިޑްރޯގްރެފިކް ސާވޭ އާއި ރާޅުޖަހާ ގޮތުގެ ދިރާސާއަކާއި ދިޔަވަރުގެ ސާވޭއަކާއި ތިމާވެއްޓާ ގުޅޭ ސާވޭއަކާއި ހައިޑްރޯލިކް މޮޑެލް ޓެސްޓުތައް ހިމެނެ އެވެ.
އޭގެ އިތުރުން، ސޮއިލް ނުވަތަ ވެލިގަނޑުން ނެގި ޑޭޓާ އާއި އޯޝިއެނޮގްރެފިކް ނުވަތަ ކަނޑުން ނެގި ޑޭޓާ އާއި މީޓިއޮރޮލޮޖިކަލް ނުވަތަ މޫސަމާ ގުޅޭ ޑޭޓާ ވެސް ތޮށިގަނޑު ހެދުމުގެ ކުރިން ދިރާސާ ކުރި އެވެ.
ތޮށިގަނޑު ހެދުމުގެ މަސައްކަތާއި އެ މަސައްކަތަށް ފަންޑު ކުރުން ކުރިއަށްގެންދިޔައީ ޖަޕާނުގެ އޮފިޝަލް ޑިވެލޮޕްމަންޓު ފަންޑުގެ ދަށުންނެވެ.
ޖަޕާނުގެ ސައިންޓިސްޓުންގެ ދިރާސާ ހަދަން ވަރަށް ގިނަ ޓެސްޓުތައް ވެސް ހަދަންޖެހުނެވެ. އޭގެ ތެރޭގައި ބޯހޯލް ތޮރުފައިގެން ހެދި ޓެސްޓުތަކާއި އަޑިން ނެގި ވެއްޔާއި އަކިރިން ހެދި ޓެސްޓުތަކާއި ކުރީގައި ގަލުން ހަދާފައި ހުރި ތޮށިގަނޑުގެ ޓެސްޓުތައް ހިމެނެ އެވެ.
މާލޭ ތޮށިގަނޑު ހެދުމުގެ ކުރިން 1990 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބައެއް ދިރާސާތަކުގެ ތެރެއިން: އެ ދިރާސާތައް ކުރިއަށް ގެންދިޔައީ ޖައިކާއިން ފޮނުވި ސައިންޓިސްޓުންގެ ގްރޫޕަކުން -- ފޮޓޯ: ޖައިކާ / ޖަޕާން
ތޮށިގަނޑު ހެދުމުގައި ގިނަ ކަންކަމަކަށް ޖަޕާނުން ވިސްނި އެވެ. އޭގެ ތެރޭގައި ރާޅުގެ އުސްމިނާއި ރާޅެއް ޖަހައި ނިންމުމަށް ހޭދަވާ ވަގުތާއި ލޮނުގަނޑުގެ އުސްމިން ހިމެނެވެ.
މާލޭގެ ތޮށިގަނޑު ހެދީ ގަލާއި ޓެޓްރާޕޮޑްސް ނުވަތަ ބަޖިޔާ ގަލާއި ކޮންކްރީޓު ބްލޮކްސް ބޭނުންކޮށްގެންނެވެ. ތޮށިގަނޑު ހަދަން ބޭނުންވާ އެއްވެސް ސާމާނެއް ރާއްޖެއަކުން ނުލިބުނެވެ. އެހެންކަމުން ހުރިހާ އެއްޗެއް ޖެހުނީ އިމްޕޯޓް ކުރާށެވެ. ހުރިހާ ސާމާނެއް ވެސް އިމްޕޯޓު ކުރީ އިންޑޮނީޝިއާއިން ބާޖުތަކުގަ އެވެ. ސިމެންތި ގަށަން ބޭނުންވި ފެން ވެސް ފެން ޕްލާންޓެއް ބޭނުންކޮށްގެން އުފެއްދީ އެވެ.
ތޮށިގަނޑުގެ ހެދުމުގެ މަސައްކަތް ފެށީ ޖުމުލަ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކޮންމެ ފިޔަވައްސެއް ވެސް ކުރިއަށްގެންދިޔައީ ކަނޑައެޅިފައި އޮތް ތާވަލާ އެއްގޮތަށް، އެ ތާރީހުތަކުގަ އެވެ. ފުރަތަމަ ހެދީ ހުޅަނގު އައްސޭރި އެވެ. ދެން ހެދީ އިރުމަތީ އައްސޭރި އެވެ. އެއަށްފަހު ހެދީ ދެކުނު އައްސޭރި އެވެ. އެންމެ ފަހުން ހެދީ އުތުރު އައްސޭރި އެވެ.
މާލޭ ތޮށިގަނޑު އެޅި ސަރަހައްދުތަކާއި ޑިޒައިންތައް: 1998 ވަނަ އަހަރު މަސައްކަތް ފަށައިގެން ތޮށިލައި އެއްކޮށް ނިމުނީ 2002 ވަނަ އަހަރު -- ފޮޓޯ: ޖައިކާ / ޖަޕާން
މާލޭގެ ހުޅަނގު އައްސޭރީގައި ހެދި ތޮށިގަނޑުގެ ޑިޒައިން ކުރިއަށް ގެންދިޔައީ 1993 އިން 1994 ވަނަ އަހަރާ ހަމައަށެވެ. ތޮށިގަނޑު ހަދަން ފެށީ 1994 ވަނަ އަހަރެވެ. މަސައްކަތް ނިންމައިލީ ދެ އަހަރު ތެރޭގައި 1996 ވަނަ އަހަރެވެ.
ޖަޕާނުގެ ދިރާސާތަކުން ދެއްކި ގޮތުގައި މިއީ އެންމެ އުދަ އެރުން އެންމެ ކުޑަ ފަރާތެވެ. ނަމަވެސް ހުޅަނގު މޫސުގެ ވަޔާއެކު އެ ފަޅިއަށް ވެސް ރާޅު އަރާ ކަމަށް ދިރާސާތަކުން ދެއްކި އެވެ. މި ސަރަހައްދުގައި އައިޖީއެމްއެޗް އާއި ސޯޝަލް ސެންޓަރާއި ތާޖުއްދީން ސްކޫލް ހުރުމުން، ޖަޕާނުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ހުޅަނގު އައްސޭރި ތޮށިގަނޑު ހެދުމަށެވެ.
އެ ސަރަހައްދުގެ ތޮށިގަނޑު ހެދީ އާންމުން އަދި ފަތުރުވެރިން ގޮސް އަރާމުކޮށްލާނެ ދެ ޓެރަހާއެކު އެވެ. އަދި މޫދު ކައިރިން ހިނގާ އުޅުމަށް 1.5 މީޓަރުގެ ވޯކްވޭއެއް ވެސް ތޮށިގަނޑު ކައިރި ހެދި އެވެ. ޓެރަހާއި ވޯކްވޭ ހެދުމުގެ އެއް ބޭނުމަކަށްވީ ހިތްގައިމު މާހައުލެއްގައި އިރުއޮއްސޭ މަންޒަރު ބަލައިލުމުގެ ފުރުސަތު ފަހި ކުރުމެވެ.
ހުޅަނގު ފަރާތުގައި ހެދި ތޮށިގަނޑުގެ އަސްލު ޑިޒައިން: މިތަން ހެދީ އިރުއޮއްސޭ މަންޒަރު ބަލައިލާ ހިތްހަމަޖައްސާލެވޭ ގޮތަށް -- ފޮޓޯ: ޖައިކާ / ޖަޕާން
އިރުމަތީ އައްސޭރީގައި ހެދި ތޮށިގަނޑު ޑިޒައިން ކުރަން ފެށީ 1995 ވަނަ އަހަރުން 1996 ވަނަ އަހަރާ ހަމައަށެވެ. އެ ތޮށިގަނޑު ޑިޒައިން ކުރީ އާޓިފިޝަލް ބީޗު ވެސް ހިމަނައިގެންނެވެ. ކޮންސްޓްރަކްޝަން މަސައްކަތް ފެށީ 1998 ވަނަ އަހަރެވެ. އެ މަސައްކަތް ނިންމައިލީ 2000 ވަނަ އަހަރެވެ.
މި ފަރާތުގެ ތޮށިގަނޑު ހެދުމުގެ ކުރިން ވެސް ސަރުކާރުން އޮތީ އެ ސަރަހައްދު ކޮންމެވެސް ވަރަކަށް ހިއްކަން ނިންމައިފަ އެވެ. އޭގެ ބޭނުމަކަށްވީ ކުޅިވަރު އަދި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުން ކުރުމެވެ. އެކަންކަމަށް ވިސްނުމަށްފަހު ޖަޕާނުން ހުށަހެޅީ އިރުމަތީ ފަރާތުގެ ތޮށިގަނޑު ކުރިން ހުރި ތޮށިގަނޑަށްވުރެ 100 މީޓަރު ދުރުގައި ހެދުމަށެވެ.
އެ ފަރާތުގައި އާޓިފިޝަލް ބީޗެއް ހެދުމުގެ ހިޔާލު ދިނީ ވެސް ޖަޕާނުންނެވެ. އާޓިފިޝަލް ބީޗެއް ހެދުމުގެ ބޭނުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން މޫދަށް އެރި، ހިތްހަމަޖައްސައިލުމެވެ.
އިރުމަތީ ފަރާތު ތޮށީގެ ޑިޒައިން އާޓިފިޝަލް ބީޗާއެކު: މި ސަރަހައްދު ހެދީ މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތައް ކުރިއަށްގެންދެވޭ ގޮތަށް -- ފޮޓޯ: ޖައިކާ / ޖަޕާން
މާލޭގެ ދެކުނު އައްސޭރީގައި ހެދި ތޮށިގަނޑު ޑިޒައިން ކުރީ އެއް އަހަރު ދުވަހުންނެވެ. އެ މަސައްކަތް ފެށީ 1997 ވަނަ އަހަރެވެ. ދެކުނުގައި ހެދި ތޮށިގަނޑުގެ މަސައްކަތް ވެސް ނިންމައިލީ ދެ އަހަރު ދުވަހުންނެވެ. މަސައްކަތް ފެށީ 1998 ވަނަ އަހަރެވެ. އެ މަސައްކަތް ނިންމައިލީ 2000 ވަނަ އަހަރުއެވެ.
އެ ފަޅިއަކީ އެންމެ ގިނައިން މާލެއަށް އުދަ އަރަމުންދިޔަ ފަޅި އެވެ. މި ސަރަހައްދަށް އަރަނީ އިންޑިއާ ކަނޑުގެ ދެކުނުން އުފެދޭ ބިޔަ ރާޅުތަކެވެ. ކުރިން އެރި 87' ގެ ބޮޑު ރާޅުގައި އެންމެ އަސަރު ކުރީ މި ސަރަހައްދުގެ ތޮށިގަނޑަށެވެ.
މާލޭގެ ދެކުނުގެ ތޮށިގަނޑު ހެދިއިރު ޖަޕާނުން ވިސްނި އެއް ކަމަކީ މާލެ އާއި އެހެން ރަށްތަކާ ދެމެދު ދަތުރު ކުރާ ކުދި ބޯޓުފަހަރު އެޅުމުގެ މަގު ފަހި ކުރުމެވެ. އެ ސަރަހައްދުގެ ތޮށިގަނޑު ހެދީ ކީ ވޯލްސްއާއެކު، ބޯޓުފަހަރު ފަސޭހައިން އަޅާފައި ބޭއްވޭނެ ގޮތަށެވެ. އެކަމަށް މަގުފަހި ކުރުމަށް ބޭރު ތޮށިގަނޑު ހެދީ އެތެރެ ތޮއްޓާ ފުދޭ ވަރަކަށް ދުރުގަ އެވެ.
ދެކުނު ފަރާތުގެ ތޮށިގަނޑު: އެތަން ޑިޒައިން ކުރީ ބޭރު ތޮށި ދުރަށް ޖެއްސުމަށްފަހު ކުދި ބޯޓުފަހަރަށް އެޅޭ ގޮތަށް ކީ ވޯލް ހެދުމަށްފަހު -- ފޮޓޯ: ޖައިކާ / ޖަޕާން
އުތުރު އައްސޭރި ތޮށިގަނޑުގެ ޑިޒައިން މަސައްކަތް ފެށީ 1999 ވަނަ އަހަރެވެ. އެ މަސައްކަތް ނިންމައިލީ 2000 ވަނަ އަހަރެވެ. އަދި އެ ތޮށިގަނޑުގެ މަސައްކަތް 2000 ވަނަ އަހަރު ފެށުމަށްފަހު ނިންމައިލީ 2002 ވަނަ އަހަރެވެ.
އުތުރު ފަޅީގެ ތޮށިގަނޑު ޖަޕާނުން ހެދީ އެއީ މާލޭގެ އެންމެ މުހިންމު އެއް ސަރަހައްދުކަން ދަނެގެންނެވެ. ރައީސް އޮފީހާއި ސަރުކާރުގެ އެހެން އިމާރާތްތަކާއި ބޭންކުތަކާއި ރަސްމީ ފާލަމާއި ހުޅުލެއަށް ދަތުރު ކުރާ ފެރީ ޓާމިނަލް ހުރީ މި ސަރަހައްދުގަ އެވެ.
އެ ސަރަހައްދުގެ ބޭރު ތޮށި ވެސް ކުރިން ހަދާފައި ހުރީ ގަލުންނެވެ. ފަހުން ޖަޕާނު ސަރުކާރުން ހެދީ ގަލާއި ކޮންކްރީޓް ބްލޮކްސް ބޭނުންކޮށްގެނެވެ. އެ ސަރަހައްދުގައި ބަޖިޔާގަލެއް ވެސް ބޭނުމެއް ނުކުރެ އެވެ. މި ފަރާތުގެ ބޭރު ތޮށި ހެދީ ނެރުބައްތި ވެސް ހަރުކުރުމަށްފަހެވެ.
އުތުރު ފަރާތުގެ ތޮށިގަނޑު ނެރުބައްތިތަކާއެކު: އެތަނުގައި ބަޖިޔާ ގާ ބެހެއްޓުމުގެ ބަދަލުގައި ބޭރު ތޮށިގަނޑު ހެދީ ކޮންކްރީޓާއި ގަލުން -- ފޮޓޯ: ޖައިކާ / ޖަޕާން
ސުނާމީގެ އަސަރު ކުޑަކޮށްދިނީ ތޮށިގަނޑު
މީގެ 20 އަހަރު ކުރިން ރާއްޖެއަށް އެރި ސުނާމީގެ އަސަރު މާލެއަށް ކުރި ނަމަވެސް ތޮށިގަނޑުގެ ސަބަބުން ވަރަށް ބޮޑަށް މާލެ ރައްކާތެރިކޮށްދިނެވެ. ސުނާމީ އެރީ މުޅި މާލޭގައި ތޮށިލައި ނިމުނުތާ އެންމެ ދެ އަހަރު ފަހުންނެވެ.
މާލެއަށް އެރި ސުނާމީގެ ރާޅުތަކުގެ އުސް މިނުގައި 1.5 މީޓަރު (4.9 ފޫޓު) ހުއްޓެވެ.
މޫދުގެ ލޮނުގަނޑު ހުންނަ އުސް މިން އަހަރު ތެރޭ އެކި މިންވަރަށް އުފުލުނު ނަމަވެސް ސުނާމީ އެރުމުގެ ކުރިން މޫދުގެ ލޮނުގަނޑު ހުރީ އެހެންޏާ ވެސް އާންމުކޮށް ހުންނަ ވަރުގަ އެވެ. އެހެންވެ، ސުނާމީގެ ރާޅުތައް ހުރީ ތޮށިގަނޑަށް ވުރެ ތިރީގަ އެވެ. ތޮށިގަނޑު ހުރީ ރާޅުތަކަށްވުރެ ގާތްގަނޑަކަށް 60 ސެންޓިމީޓަރު އުހުގަ އެވެ.
އެކަމަކު ރާޅާއެކު ގާތްގަނޑަކަށް ތިން ފޫޓާއި ފަސް ފޫޓާ ގާތްކުރާ އުސްމިނުގައި އިރުމަތީ ފަރާތުން މާލެއަށް އުދަ އެރި އެވެ. އުދައިގެ ބައެއް ރާޅުތައް ތޮށިގަނޑު މަތިން މާލެއަށް އެރި އެވެ. އޭގެ ސަބަބުން މާލެ ތެރޭ ދިޔަބޮޑުވި ނަމަވެސް ނުރައްކާތެރި ހާދިސާތަކެއް ނުހިނގަ އެވެ.
ޖަޕާނުން ލައިދިން ތޮށިގަނޑު ނެތް ނަމަ ސުނާމީގެ އަސަރު މާލެއަށް އެއަށްވުރެ ވަރުގަދައަށް އިހުސާސްވާނެކަން ޔަގީނެވެ. އެހެންކަމުން އެ ތޮށިގަނޑު ވެގެންދިޔައީ މުހިންމު ރައްކާތެރި ފިޔަވަޅަކަށެވެ.
---
މާލެ ވަށައިގެން މިއަދު އަހަރުމެންނަށް މި ފެންނަ ތޮށިގަނޑަކީ މި ރަށުގައި އަދާ ހަމައަށް ހިންގި އެންމެ ބޮޑު އުމްރާނީ ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓުގެ ވިސްނުން އައީ 87' ގެ ބޮޑު ރާޅަށްފަހެވެ. ތޮށިގަނޑު ހެދުނީ ރައީސް މައުމޫނުގެ ދުރު ވިސްނުމާއެކު، ޖަޕާނު ސަރުކާރުން ވެދިން އެހީތަކުގެ ސަބަބުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment