Advertisement

ނައިފަރުގައި ދެ ގަޑިން ދެ ގަޑިން ކަރަންޓު ކެނޑޭތާ ހަތަރު ދުވަސް!

3 ފެބުރުވަރީ 2024 - 12:34 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ޅ. ނައިފަރު، ނައިފަރުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ: އަދަދު


ނައިފަރުގައި ދެ ގަޑިން ދެ ގަޑިން ކަރަންޓު ކެނޑޭތާ ހަތަރު ދުވަސް!

3 ފެބުރުވަރީ 2024 - 12:34 1

ޅ. ނައިފަރުގައި ކޮންމެ ދެ ގަޑިއިރަކުން ކަރަންޓު ކެނޑޭތާ ހަތަރު ދުވަސް ފާއިތުވީއިރު، އެ ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައިން އެ މަައްސަލަ ހައްލުކުރަން އެކަށީގެންވޭ މަސައްކަތެއް ނުކުރާ ކަމަށް އެ ރަށުން މައުލޫމާތު ދީފި އެވެ.

އާބާދީގައި 6،000 ވަރަކަށް މީހުން ދިރިއުޅޭ ނައިފަރުން ކަރަންޓު ކެނޑޭ މައްސަލައިގައި "އަދަދު"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެ ރަށުން ކަރަންޓު ކެނޑޭ މައްސަލަ އަބަދުވެސް ދިމާވާއިރު، އެ މައްސަލަ މި ހިސާބަށް އައުމުގައި ފެނަކައިގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.

ރަޝީދު ވިދާޅުވި ގޮތުން ނަމަ މި ވަގުތު ހުރި ހަތަރު ޖަނަރޭޓަރު ސެޓުގެ ތެރެއިން އެންމެ ޖަނަރޭޓަރެއް ވެސް ފުލް ކެޕޭސިޓީގައި މަސައްކަތް ނުކުރެ އެވެ. އަދި ޖަނަރޭޓަރު ސެޓުތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ގެނެސްފައިވާ ސްޕެއާ ޕާޓްސް ތަކަކީވެސް ކޮލިޓީ ދަށް ތަކެތި ކަމަށް ވާތީ، އެކަމާ ފެނަކަ މުވައްޒަފުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވާ ގޮތުގައި ކޮލިޓީ ދަށް ސްޕެއާ ޕާޓްސް ބޭނުން ކުރުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބުމުގެ ބަދަލުގައި އިތުރަށް މައްސަލަ ގޯސްވުމުގެ ފުރުސަތު ބޮޑެވެ.

"މައްސަލަ ހައްލު ކުރުމަށް ކުންފުނީގެ ފަރާތުން ވެސް އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ފަރާތުން ވެސް އެއްބާރުލުމެއް ނުލިބޭ، ކައުންސިލުން ފޮނުވާފައިވާ ސިޓީތަކަށް ވެސް ކުންފުނިން އިޖާބައެއް ނުދޭ،" ކައުންސިލްގެ ރައީސް ވިދާޅުވެއެވެ.

ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ބަދަލުގައި ވަގުތީ ހައްލުތައް ގެނައުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކަމާ ގުޅުން ހުރި ވުޒާރާތަކަށާއި ފެނަކައަށް ކައުންސިލްގެ ރައީސް ގޮވައިލެއްވި އެވެ.

"ކޮންމެ ދުވަހަކު ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ މުދަލަށް ވެސް އަންނަނީ ގެއްލުން ލިބެމުން، ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާއިރު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެގެންދާނެ، އެކަމަކު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ތަނެއް ނުފެނޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ދަރިވަރުންގެ އިމްތިހާން ދުވަސްވަރު ވެސް ގާތްވަމުން އަންނައިރު، ދަރިވަރުންނަށް ވެސް މިކަމުގެ ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ 750 ކިލޯވޮޓް، 800 ކިލޯވޮޓް، އަދި 1000 ކިލޯވޮޓްގެ 2 ޖަނަރޭޓަރު ސެޓުންނެވެ.

އެންމެ ޕީކް ވަގުތުތަކުގައި 1840 ކިލޯވޮޓްއަށް އަރާ ކަމަށް ނައިފަރު ކައުންސިލުން މައުލޫމާތު ދެ އެވެ. އެހެންކަމުން މި ޖަނަރޭޓަރު ސެޓުތަކުން ރަށަށް އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްނުދެވޭ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.