އިންސާނީ އެހީތެރިކަމާއި, ސިއްހީ ބޭނުންތަކަށް މީހުން އުފުލުމަށްޓަކައި އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުން ކުރުން ކުރިއަށް ގެންދަން ރާއްޖެ އާއި އިންޑިއާއިން މިއަދު އެއްބަސްވެއްޖެ އެވެ.
މިކަމަށް އެއްބަސްވީ އިންޑިއާ ސިފައިން ފޮނުވާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ, އިންސާނީ އެހީތެރިކަމާއި ސިއްހީ ބޭނުންތަކަށް މީހުން އުފުލުން ފަދަ ކަންކަމަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.
މިއަދުގެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އިންޑިއާއިން ހާމަ ނުކުރާއިރު, ރާއްޖެއިން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އިންޑިއާ-ރާއްޖޭގެ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުން ނިއު ދިއްލީގައި ކުރިއަށް ގެންދިޔައިރު, ފުރަތަމަ ބައްދަލުވުން ބޭއްވީ މާލޭގަ އެވެ. އަދި ތިން ވަނަ ބައްދަލުވުން ވެސް މާލޭގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
އެ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ އިތުރަށް ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހާރިޖީ މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ދެ ގައުމުން ވެސް ހާމައެއް ނުކުރި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ބައްދަލު ކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވައިލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ސިލްސިލާ ބައްދަލުވުންތަކެކެވެ.












