Advertisement

ދިވެހި ދޯނި ބަލައި ފާސްކުރީ އިންޑިއާ ދެމަނަވަރަކުން: އޮޑިވެރިޔާ

31 ޖަނަވަރީ 2024 - 17:07 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިންޑިއާ ސިފައިން އަރައިގެން ބަލައި ފާސް ކުރި ދޯނީގެ ފޮޓޯއެއް: އެ ދޯނީގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާތާ ދެ ގަޑިއިރު ވެއްޖެ -- ފޮޓޯ: އަސުރުމާ


ދިވެހި ދޯނި ބަލައި ފާސްކުރީ އިންޑިއާ ދެމަނަވަރަކުން: އޮޑިވެރިޔާ

31 ޖަނަވަރީ 2024 - 17:07 0

ދިވެހި ކަންނެލި ދޯނި ބަލައި ފާސްކުރުމަށް އިންޑިއާގެ ދެ މަނަވަރު ހަރަކާތްތެރިވަމުން އަންނަކަމަށް އޮޑިވެރިން މައުލޫމާތު ދީފި އެވެ.

އދ.މަހިބަދޫ އަސުރުމާ-3 ދޯނީގެ އޮޑިވެރިއަކު "އަދަދު"އަށް ބުނީ ހދ. ކުޅުދުއްފުށީ ބޭރުން ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނިކޮށް، އިންޑިއާ ސިފައިންގެ މަނަވަރަކުން ދޯންޏަށް އަރައި ސުވާލުކުރަމުން އަންނަ ކަމަށެވެ. ދޯނި ފާސްކުރުމުގައި އިންޑިއާގެ ދެ މަނަވަރު ހަރަކާތްތެރިވާކަމަށް މައުލޫމާތު ދިނެވެ.

އަސުރުމާ-3ގެ އޮޑިވެރިން މައުލޫމާތުދިން ގޮތުގައި އިންޑިއާ ސިފައިން އަރައި ސުވާލުކުރަމުން ދަނީ ތުރާޔާ ބްރޭންޑުގެ ސެޓެލައިޓް ފޯނު ބޭނުންކުރަމުން ދޭތޯ އެވެ. ނަމަވެސް އެ ދޯނީގައި އެބްރޭންޑުގެ ފޯނެއް ބޭނުން ނުކުރާކަމަށް ބުންޏެވެ.

"ތުރާޔާ ސެޓްލައިޓް ފޯނު އޮތްތޯ ސުވާލުކުރަނީ. އެކަމަކު ތުރާޔާ ފޯނު ރާއްޖޭގަ ބޭނުންކުރުމަކީ މަނާކަމެއް ވެސް ނޫން. އެ ދޯނީގަ ނީންނާނެ އޭގެ ފޯނެއް ވެސް. އެ ދޯނީގަ އިންނާނީ އުރީދޫއިން ހަރުކޮށްފައިން ޑިވައިސްއެއް" އޮޑިވެރިޔަކު މައުލޫމާތު ދިނެވެ.

އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން އެރީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އޮއްވާ ކަމަށް ދޯނީގެ ފަޅުވެރިން މައުލޫމާތު ދިންކަމަށް އޭނާ ބުންޏެވެ. އެ ދޯންޏަށް ސިފައިން އަރާފައި ވަނީ މެންދުރު ފަހު 14:30 ހާއިރު އެވެ.

"މިއަދު ދެގަޑި ބައިން ފެށިގެން ދޯންޏާ ގުޅެމުން ދަނީ، ދޯންޏާ ކޯސްޓުގާޑާ ގުޅުވާ ހަމަ ހުރިހާކަމެއް އަޅުގަނޑުމެން ކޮށްފިން މިހާރު. ދޯނިން ބުނީ އިންޑިއާގެ ދެ މަނަވަރު އެބަ އޮތޯ ދޯނި ކައިރީގަ. [ދޯންޏަށް] އަރާ އެމީހުން އެބަ އުޅޭ ދޯނި ތެރޭގަ" އޭނާ ބުންޏެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި އޮއްވާ އިންޑިއާ ސިފައިން ދޯންޏަށް އަރައި ސުވާލުކުރުން އޮޑިވެރިން ކުއްވެރިކުރި އެވެ.

"ގިނަ ދުވަސްތަކެއް ވަންދެއް ދުއްވަ ދުއްވާފަ އައިނަކާ ދިމާވި ދުވަހު އިންޑިއާ ސިފައިން ދޯންޏަށް އެ އެރީ. ވަރަށް ބޮޑު ގެއްލުމެއް އަދި، ވަރަށް ބޮޑު ބިރުވެރިކަމެއް މިއީ ދިވެހި މަސްވެރިންނަށް އޮތް" އޭނާ ބުންޏެވެ.

އަސުރުމާ-3ގައި މިވަގުތު 18 ފަޅުވެރިން އެބަތިއްބެވެ. އެ ދޯނިން މަސްވެރިކަމަށް ނިކުމެ އުޅޭތާ ދެ ހަފްތާއަށްވުރެ ގިނަދުވަސްވެފައިވާކަމަށް ވެއެވެ.