Advertisement

ޖެހިލުމެއް ނެތި ހަމަލާ ދެނީ ސަރުކާރުން ގޭންގުތަކާ ގާތްވުމުން: އެމްޑީޕީ

31 ޖަނަވަރީ 2024 - 11:21 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އެ ޕާޓީން ބުނީ ދައުލަތުގެ އިސްވެރިންނަށް ދޭން ޖެހޭ ހިމާޔަތް މި ސަރުކާރުން ނުދޭކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޖެހިލުމެއް ނެތި ހަމަލާ ދެނީ ސަރުކާރުން ގޭންގުތަކާ ގާތްވުމުން: އެމްޑީޕީ

31 ޖަނަވަރީ 2024 - 11:21 0

ޖެހިލުމެއް ނެތި ގޭންގުތަކުން ދައުލަތުގެ އިސްވެރިންނަށް ހަމަލާދެނީ އެފަދަ ގްރޫޕްތަކާ ސަރުކާރުގެ އިސްވެރިންނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ.

މިއަދު ހެނދުނު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މަރުތެލަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ކުށްކުރާ ގްރޫޕްތަކަށް ސަރުކާރުން ހިމާޔަތްދޭ ކަމަށާއި އެކަން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.

"މިފަދަ އަނިޔާވެރި އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަން މި ޕާޓީން ގަބޫލުކުރަން،" އެމްޑީޕީގެ ބަޔާނުގައި ބުނެ އެވެ.

ޝަމީމްއަށް ހަމަލާ ދިނުން "ހަރުއަޑުން" ކުށްވެރިކުރާ ކަމަށް ބުނެ އެ ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގަން އެމްޑީޕީން ގޮވާލި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެއްޖެ ކަމަށް ވެސް އެމްޑީޕީއިން ބުނެ އެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރައީސް ޑރ. މުއިއްޒަށް ގޮވާލަނީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓާ ޖެނަރަލްއަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ, ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި އެމަނިކުފާނަށް ހަމަލާ ދިން ފަރާތްތައް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެ އެވެ.

ފުލުހުން ބުނީ ޝަމީމަށް ހަމަލާދިން ކަމަށް މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށާއި ހަމަލާދިން ކަމަށް ބެލެވެނީ ތޫނު އެއްޗަކުން ނޫން ކަމަށެވެ. އެނގިފައިވާ ގޮތުގަައި ޝަމީމަށް ހަމަލާދިނީ މަރުތޭލަކުންނެވެ.

މަރުތޭލުން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އޭނާއަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ.

ސަރުކާރުން އައްޔަންކުރި ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއިން ނިންމުމުން، މި ހަފްތާގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި، ބައެއް މެންބަރުންނަށް ގުޅައި މަރުގެ އިންޒާރު ވެސް ދިނެވެ.