Advertisement

ފޮރެސްޓް ބަލިކޮށް އާސެނަލް ލީގުގެ ދެ ވަނަ އަށް

31 ޖަނަވަރީ 2024 - 08:41 0

އާސެނަލްގެ ސަކާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ފޮރެސްޓް ބަލިކޮށް އާސެނަލް ލީގުގެ ދެ ވަނަ އަށް

31 ޖަނަވަރީ 2024 - 08:41 0

ލަންޑަން (ޖެނުއަރީ 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް ދަނޑުގައި 2-1 އިން މޮޅުވެ، އާސެނަލް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އާސެނަލް ދެ ވަނަ އަށް އެރީ، ކުރިން އެ މަގާމުގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ 21 މެޗުން 48 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އާސެނަލް އޮތީ 22 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ.

ތިން ވަނައިގައި އޮތް ސިޓީ އަށް 20 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް 22 މެޗުން ލިބިފައި އޮތީ 43 ޕޮއިންޓެވެ. އެސްޓަން ވިލާ ވަނީ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން ބަލިވެފަ އެވެ.

ފޮރެސްޓް ދަނޑުގައި އާސެނަލުން ލީޑުނެގީ މެޗުގެ 65 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ޖެހި ގޯލުންނެވެ. އާސެނަލްގެ އޮލެކްސަންޑަ ޒިންޗެންކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ޖީސޫސް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ހަތް މިނިޓް ފަހުން، ފޮރެސްޓުން ހެދި ގޯހެއްގެ ފައިދާނަގައި، ޖީސޫސް ދިން ބޯޅައަކުން ބުކާޔޯ ސަކާ ވަނީ އާސެނަލްގެ ލީޑުފުޅާކޮށްދީފަ އެވެ.

މެޗު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށް، ފޮރެސްޓުން ވަނީ ލަނޑެއް ޖަހައިފަ އެވެ. މިއީ އެ ޓީމުގެ ގޮންޒާލޯ މޮންޓިއެލް ދިން ބޯޅައަކުން ޓައިވޯ އަވޮނިޔީ ޖެހި ގޯލެކެވެ. މެޗުގެ އިތުރު ވަގުތުގައި އަވޮނިޔީ ނަތީޖާ ހަމަހަމަކުރަން ޖެހި ބޯޅަ އާސެނަލް ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މިއީ އެ ޓީމުން ދަމަހައްޓަމުން އައި ފޯމުގައި ކުރިއަށްދާން ބަލާއިރު މުހިންމު މޮޅެއް ކަމަށެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ފުލަމް އާއި އެވަޓަން ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ލޫޓަން އިން އަމިއްލަ ދަނޑުގައި 4-0 އިން ބްރައިޓަން އަތުން ވަނީ މޮޅުވެފަ އެވެ. އަދި ކްރިސްޓަލް ޕެލަސް އިން 3-2 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކުރި އެވެ.