Advertisement

ދުނިޔޭގެ އިންޑޯ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ސާއިދު

29 ޖަނަވަރީ 2024 - 12:43 1

ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން ސާއިދު.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދުނިޔޭގެ އިންޑޯ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ސާއިދު

29 ޖަނަވަރީ 2024 - 12:43 1

ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާުތުގައި ރާއްޖޭގެ ފަރާތުން ވާދަކުރާނެ އެތުލީޓަކަށް، ހަސަން ސާއިދު ހޮވިއްޖެ އެވެ.

މާޗް 1-3 އަށް ގްލާސްގޯގައި ކުރިއަށްދާ ވޯލްޑް އިންޑޯ މުބާރާތަށް ސާއިދު ނެގީ، މިދިޔަ ހުކުރު ދުވަހު ކުރިއަށްދިޔަ ޓައިމް ޓްރަޔަލްސް އަށް ބެލުމަށް ފަހު އެވެ. ވޯލްޑް އިންޑޯ މުބާރާތުގައި ސާއިދުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ، ހުސެއިން ހަލީމް އެވެ.

މީގެ ކުރިން، 2022 ވަނަ އަހަރު ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވެސް ސާއިދު ވާދަކުރިއިރު، ކޯޗަކަށް ހުރީ ހުސެއިން އެވެ.

މިއީ، ކުރިން އޮލިމްޕިކްސް އާއި އެތުލެޓިކްސްގެ ވޯލްޑް ޗެމްޕިއަންޝިިޕްގައި ވެސް ރާއްޖެ ތަމްސީލްކޮށްފައިވާ ސާއިދު، ވޯލްޑް އިންޑޯ މުބާރާތުގައި ފެންނާނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2022 ވަނަ އަހަރު ސާބިއާގައި ކުރިއަށްދިޔަ ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފަ އެވެ.

ވޯލްޑް އިންޑޯ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ސާއިދު އަށް ލިބުނުއިރު، އަންނަ މަހު އޭނާ އޭޝިއާގެ އިންޑޯ މުބާރާތުގައި ވެސް ވާދަކުރާނެ އެވެ.

އިރާނުގެ ތެހެރާންގައި އަންނަ މަހުގެ 17-19 އަށް ކުރިއަށްދާ 11 ވަނަ އޭޝިއަން އިންޑޯ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނެ އެތުލީޓުން ކަނޑައަޅާފައިވަނީ ފަސް ވަނަ ގައުމީ ގްރޯން ޕްރީގެ އިވެންޓްތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު އެވެ. އެ ގޮތުން، ސާއިދުގެ އިތުރުން އޭޝިއާ އިންޑޯ މުބާރާތުގައި ވާދަކުރަނީ، ފަސޫހާ އަހުމަދު އެވެ.

ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ވަރުގަދަ ސްކޮޑެއް

ޕާކިސްތާންގެ އިސްލާމްއާބާދުގައި އަންނަ މާޗް މަހުގެ ތިން ވަނަ ދުވަހު ކުރިއަށްދާ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް އެތުލެޓިކްސް އެސޯސިއޭޝަނުން ނަގާފައިވަނީ ވަރުގަދަ ސްކޮޑެކެވެ.

މި ސްކޮޑުގައި ހިމެނެނީ، ޖޫނިއާ ތިން ދުވުންތެރިންނާއި ސީނިއާ ތިން ދުވުންތެރިންނެވެ. ޖޫނިއާ އެތުލީޓުންގެ ތެރޭގައި ހިމެނެނީ، އާއިދު އަބްދުﷲ ރިފާއު، މުހައްމަދު އަޔާން ޝަފީއު އަދި އަބްދުﷲ އިކްރާމް އެވެ. ސީނިއާ އެތުލީޓުންނަކީ، މުހައްމަދު ރަޝީދު (މޯޑު)، މުހައްމަދު އިރުފާން އަދި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ.

ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށްދޭނީ، އަބްދުﷲ އިބްރާހިމް (އަބުޅޯ) އެވެ.