Advertisement

ފަހަތުން އަރައި މޮޅުވެ ސިނާ، އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

28 ޖަނަވަރީ 2024 - 18:44 0


ފަހަތުން އަރައި މޮޅުވެ ސިނާ، އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

28 ޖަނަވަރީ 2024 - 18:44 0

މެލްބާން، އޮސްޓްރޭލިއާ (ޖެނުއަރީ 28) - ރަޝިއާގެ ޑަނީލް މެޑްވެޑޭވް ދެ ސެޓު ގެންގޮސްފައި ވަނިކޮށް، ފަަހަތުން އަރައި މޮޅުވެ، އިޓަލީގެ ހުނަރުވެރި ތަރި، ޖަނިކް ސިނާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ، ސިނާ، 22، ޓެނިސް ގްރޭންޑް ސްލޭމް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެެވެ. އަނެއްކޮޅުން މިއީ، ގްރޭންޑް ސްލޭމް ފައިނަލެއްގައި އޭނާގެ ފުރަތަމަ ފެނިލުމެވެ. ސިނާ، ފައިނަލުން ފުރުސަތު ހޯދީ، ސެމީގައި މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް ބަލިކުރުމަށް ފަހު އެވެ.

ސެމީގައި ޖޮކޮވިޗް ކައިރިން ދެއްކި ވަރަށް ވުރެ ތަފާތު ހިތްވަރެއް ފައިނަލުގައި ސިނާގެ ފަރާތުން ވަނީ ފެނިގެންގޮސްފަ އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓު، 3-6، 3-6 އިން ގެންދިޔައީ މެޑްވެޑޭވް އެވެ. އެކަމަކު، ސިނާ ވަނީ ތިން ވަނަ ސެޓާ ހަމައިން މެޗުގެ ނަތީޖާ ބަދަލުކޮށްލައިފަ އެވެ. ސިނާ މޮޅުވީ، ދެން ކުޅުނު ސެޓުތައް، 6-4، 6-4 އަދި 6-3 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

މިއީ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ދެ ސެޓުގެ ލީޑެއް ނަގާފައި މެޑްވެޑޭވް ބަލިވި ދެ ވަނަ ފަަހަރެވެ. މީގެ ކުރިން، 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ސްޕެއިނުގެ ރަފައެލް ނަޑާލް އަތުން މެޑްވެޑޭވް ބަލިވީ ވެސް ދެ ސެޓުގެ ލީޑެއް ލިބިފައި ވަނިކޮށެވެ.

ޓެނިހުގެ ބޮޑު މުބާރާތްތަކުގެ ފައިނަލުގައި އެންމެ ފަހުން މެޑްވެޑޭވް ކުޅުނު ހަ ފަހަރުގެ ތެރެއިން ފަސް ފައިނަލުން ވަނީ ބަލިވެފަ އެވެ. މެޑްވެޑޭވް ބުނީ ފައިނަލަށް ދަތުރުކުރުމަކީ ވެސް ކާމިޔާބެއް ކަމަށާއި އެކަމަކު، ތަށްޓާ ހަމައަށް ދާން އެ ކުރަން ޖެހޭ ފަހު މަސައްކަތުގައި ނާކާމިޔާބީއާ ތަކުރާރުކޮށް ކުރިމަތިލާން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ސިނާ ބުނީ، ޓެނިސް ކެރިއަރު ފެށިއިރު އެންމެ ފުރަތަމަ ވެސް ބޭނުންވީ ގްރޭންޑް ސްލޭމް ތަށްޓެއް ހޯދުމަށް ކަމަށާއި އެކަން ހާސިލްވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.