28 ޖަނަވަރީ 2024 - 17:39 0
މިންހާ އަބްދުﷲ
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ބުނެ -- ފޮޓޯ: ރައީސް އޮފީސް
28 ޖަނަވަރީ 2024 - 17:39 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ 23 މެމްބަރުންގެ ސޮޔާއެކު ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމާއި ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖެވެ.
އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިއަދު ރިޔާސަތުގައި އިންނަވާ އަމަލުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ބ، ޅ. އަދި އ. އާ ހިލާފަށް ކަމަށް ބުނެ އެވެ. އަދި ގާނޫނު އަސާސީގައި 70 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާ ވެސް ހިލާފު ވެފައިވާކަމަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައިވެ އެވެ.
ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޑިސެމްބަރު 10، 2023 ގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި، މައްސަލަ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކުރެވެން އޮތް އެންމެ އަވަހަކަށް އެ މައްސަލަ ތާވަލުކުރުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ވީ ނަމަވެސް، އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ރިޕޯޓު ތަޅުމަށް ލިބުންތާ އަށް ދުވަސް ފަހުން ކަމަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައިވެ އެވެ.
ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނު އަސާސީއާ ހިލާފަށް މަސައްކަތް ކުރަމުން ދިޔައިރު ވެސް، ނައިބު ރައީސްގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ. އަދި ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާ ކަމަށް ކަށަވަރު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ.
ހެނދުނުގެ ހުސް ވަގުތަށް މަޖިލިސް މެދުކަނޑާލުމުގެ ކުރިން، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހާނެ ކަން އަސްލަމް އިއުލާން ކުރެއްވި އެވެ. އެހެންނަމަވެސް، ސަރުކާރު ކޯލިޝަންގެ މެމްބަރުން ހުރަސް އަޅައި މަޖިލީހުގެ ޖަލްސާ އަލުން ފެށިޔަ ދީފައެއް ނުވެ އެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ހާމަ ކުރުމުން، މަޖިލިސް ސަރަހައްދަށް އެއްވި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަސްލަމްގެ އިސްތިއުފާއަށް ވެސް ގޮވާލެއްވި އެވެ.
މަޖިލީހުގެ ގޮނޑިތައް މިވަގުތު ބެހިފައިވާ ގޮތުން މި މައްސަލަ ކާމިޔާބު ކުރަން ބޭނުންވާ މެޖޯރިޓީއެއް ސަރުކާރަށް ނެތެވެ.
މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދަކީ 80 ކަމަށްވާއިރު އެމްޑީޕީގެ 44 މެމްބަރުން އެބަތިއްބެވި އެވެ. އަދި, މިހާރު އެ ޕާޓީއާއެކު ދަ ޑިމޮކްރެޓްސްއިން މަސައްކަތް ކުރަމުންދާތީ މި މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ނުބެލެވެ އެވެ.
އަސްލަމާއި ސަލީމް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުތަކުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲ އެ މަގާމުން ވަކި ކުރުމަށް ފަހު، މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment