28 ޖަނަވަރީ 2024 - 18:11 0
އަމަން ހަލީމް
ދިއްފުށީގައި ހުޅުވި ސްޓޯން ހޮޓެލްސް: މިއީ މިހާތަނަށް ދިއްފުށީގައި ހުޅުވި އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑު ހޮޓާ -- ފޮޓޯ: ސްޓޯން ހޮޓެލްސް
28 ޖަނަވަރީ 2024 - 18:11 0
މުޅިން އަލަށް ޓޫރިޒަމް ދާއިރާއަށް ނިކުންނަ ސްޓޯން ހޮޓެލްސް ކުންފުނިން ދިއްފުށީގައި ތަރައްގީކުރި 50 ކޮޓަރީގެ މަތީފަންތީގެ "ސްޓޯން ހޮޓެލްސް ދިއްފުށި" ހުޅުވައިފި އެވެ.
ސްޓޯން ހޮޓެލްސް ރަސްމީކޮށް ހުޅުއްވައިދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދާއި ވެލިގާ އަދި ސްޓޯން ހޮޓެލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަބޫބަކުރެވެ.
މިއީ މިހާތަނަށް ދިއްފުށީގައި ހުޅުވި އެންމެ ބޮޑު ހޮޓަލެވެ. އަދި އެންމެ ގިނަ ހިދުމަތްތަކެއް ލިބޭ ހޮޓަލު ވެސް މެ އެވެ.
ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދާއި ސްޓޯން ހޮޓެލްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބޫބަކުރު ސްޓޯން ހޮޓެލްސް ހުޅުއްވައިދެއްވަނީ: ސްޓޯން ހޮޓެލްސްއިން ރިސޯޓުތަކުން ލިބޭ ގިނަ ހިދުމަތްތައް ލިބޭ -- ފޮޓޯ: އަމަން ހަލީމް/އަދަދު
ރިސޯޓުތަކުން ލިބޭ ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ތަރައްގީކޮށްފައިވާ ސްޓޯން ހޮޓެލްގައި ހަތް ވައްތަރެއްގެ ކޮޓަރި ހުރެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ގްރޭންޑް އިންފިނިޓީ ސީވިއު ރޫމްތަކާއި ގްރޭންޑް ސީވިއު ރޫމްތަކެވެ. މިއީ މޫދާއި އިރުއޮއްސޭ މަންޒަރު ފެންނަ ދިމާލަށް ހުންނަ ކޮޓަރިތަކެވެ.
މި ތަނުގައި އެކި ވައްތަރުގެ ކެއުމަށް ހާއްސަ ހަ ރެސްޓޯރަންޓު ހުރެ އެވެ. އަދި ސްޕާ އާއި މޫދު ކުޅިވަރާއި ޑައިވިން އާއި އެކްސްކާޝަން ހިދުމަތް ސީދާ ހޮޓަލުން ގެސްޓުންނާ ހަމައަށް ފޯރުކޮށްދެ އެވެ. އަދި ހަފުތާގެ ހުރިހާ ދުވަހެއްގައި 24 ގަޑިއިރު ރިސެޕްޝަން ހިދުމަތާއި މިހާރުގެ ހޮޓާތަކުން ލިބޭ ޒަމާނީ ހުރިހާ ހިދުމަތެއް ވެސް ލިބެ އެވެ.
ސްޓޯން ހޮޓެލްސްއިން ބުނި ގޮތުގައި އެ ހޮޓެލް ޕްރޮމޯޓު ކުރުމުގެ އިތުރުން، މަންޒިލެއްގެ ގޮތުގައި ދިއްފުށި މާކެޓުކުރަން ހާއްސަ މަސައްކަތްތަކެއް ވެސް ކުރެވޭނެ އެވެ. އެއާ އެކުއެކީ ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތުގައި އާއި އާންމު ރައްޔިތުންގެ މަންފާއަށް ކުރެވޭ ހުރިހާ ކަމެއްގައި އެ ހޮޓަލުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ސްޓޯން ހޮޓެލްސްގައި ހުންނަ އާނު ރެސްޓޯރަންޓް އެންޑް ބާ: މި ތަނުގައި އެކި ވައްތަރުގެ ކެއުމަށް ހާއްސަ ހަ ރެސްޓޯރަންޓު ހުރޭ -- ފޮޓޯ: އަމަން ހަލީމް/ އަދަދު
ސްޓޯން ހޮޓެލްސްއިން ވަނީ ވަރަށް އަވަހަށް ނ. މަނަދޫގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް އެޅުމުގެ މަސައްކަތް ވެސް ފަށާނެ ކަން، އިއްޔެގެ ރަސްމިއްޔާތުގެ ތެރެއިން، އިއުލާންކޮށްފަ އެވެ.
Comment