28 ޖަނަވަރީ 2024 - 09:56 0
ހަސަން މުހައްމަދު
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް: ވާހަކަ ދެއްކެވީ ހުރިހާ ވަޒީރުންނަށް ރުހުން ނުދޭނެ މޭރުމަކުން -- ފޮޓޯ: ފައިލް
28 ޖަނަވަރީ 2024 - 09:56 0
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް މިއަދު ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާކޮށްފައި އޮތް އިރު، އިދިކޮޅު އެމްޑީޕީގެ ވިސްނުމަކީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުކަން ހާމަވެއްޖެ އެވެ.
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ބައެއް ވަޒީރުންނަށް މަގާމު ދީފައި ވަނީ "ހަދިޔާއެއް" ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއް މަސައްކަތެއް ކުރާ ދެ މިނިސްޓްރީ އުފައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރުމުގެ ބާރު ވަކި މިނެއް ނެތު ލިބިދީފައިވާކަން އަޅުގަނޑު ގަބޫލު ކުރަން. އެހެން ނަމަވެސް އޭގެ މާނައަކީ ސަރުކާރުގެ ކޮންމެ ޕްރޮޖެކްޓަކަށް ސަރުކާރުގެ ކޮންމެ މަސައްކަތަކަށް ވަކި ވުޒާރާއެއް ހެއްދެވުމެއް ވެސް ނޫން،" ސަލީމް ވިދާޅުވި އެވެ.
ހުރިހާ ވަޒީރުންނަށް ރުހުން ނުދިނުމުގެ ވިސްނުމެއްގައި އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކިއިރު މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ދަ ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަން އެ ޕާޓީން ހާމައެއް ނުކުރެ އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ "ހުރިހާ ވަޒީރުންނަށް ރުހުން ދޭން" އެ ޕާޓީއަށް އެހާ ފަސޭހަ ނޫން ކަމަށެވެ.
ނަމަވެސް ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މިއަދުގެ ޖަލްސާގައި ގޮވާލައިފަ އެވެ. އެގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"ވަޒީރުން އައްޔަނުކޮށްފައި މި މަޖިލީހަށް ފޮނުވީމާ ހުރިހާ ރައްޔިތުންގެ މަޖިލީހެއްގައި ފުރަތަމަ ފަހަރަށް އޮތީ ރުހުން ދީފަ،" ތޯރިގު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުން ހިމެނޭއިރު ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ވާހަކަ ދައްކާއިރު އެ ދެ ޕާޓީން ގުޅިގެން މަސައްކަތް ކުރަން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެ ދެ ޕާޓީއަށެވެ.
Comment