Advertisement

ނެލުފުތު، ކޭލަކުނު ކުއްޖެއްބާ؟

27 ޖަނަވަރީ 2024 - 14:56 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

ކޭލަކުނުގެ ވަލުތެރޭގެ މަންޒަރެއް: ފޮޓޯ: އަދަދު ފައިލް


ނެލުފުތު، ކޭލަކުނު ކުއްޖެއްބާ؟

27 ޖަނަވަރީ 2024 - 14:56 0

ކޭލަކުނު ތަޅާލި ވިއްސާރައިގެ ޚަބަރަކީ މުޅިރާއްޖެއަށް ވެސް ލިބުނު އެންމެ ބިރުވެރި ޚާދިސާ ތަކުގެ ތެރެއިން އެއް ޚާދިސާ އެވެ. މި ހާދިސާގެ ސަބަބުން އެންމެ ބޮޑު ސިހުމެއް ލިބުނު ބަޔަކީ މި ބޮޑުތިލަދުންމަތީގެ މީހުންނެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގައި ގެއްލުންވީ ހަމައެކަނި ކޭލަކުނަކަށް ނޫނެވެ. އޭގެ މާ އުތުރުގެ ރަށްތަކާއި ހުޅަނގު ދުނީގެ އެންމެ ހުޅަނގު ރައްތައްކަމުގައިވާ ށ. ކަކައިރަދޫ ވެސް ފަޅުވެގެން ދިޔައީ މި ތޫފާނުގައެވެ. 1235 ހ. އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 13 ވަނަ ދުވަހު ކުރިމަތިވި ތޫފާނުގެ ސަބަބުން އެތައްބައިވަރު އޮޑިދޯނިފަހަރާއި މީހުން ގެއްލިގެން ދިޔައެވެ.

މި ހިތާމަވެރި ނާމާން ހާދިސާއަށްފަހު ތޫފާން މަޑުވެ މީހުންނަށް ދަތުރުފަތުރުކޮށް އުޅެވޭ ވަރުވުމުން ރަށްރަށުގައި ތިބި އެމީހުންގެ ރަޙުމަތްތެރިން ދިރިދުނިޔޭގައި ތިބިތޯ ބެލުމަށް ދަތުރު ކޮށް އުޅުނެވެ. މި ގޮތުން ށ. ބިލެތްފަހީގެ ބަޔަކު ކޭލަކުނުގައި ދިރިއުޅުނު އެމީހުންގެ އެކުވެރިބަޔެއްގެ ހާލުއަހުވާލު ބެލުމަށް ދަތުރެއް ކުރިއެވެ. މި ދަތުރުގައި ކޭލަކުނާ ކައިރިކުރިއިރުވެސް ރަށުގެ މަލަމަތިން ނާމާންކަމުގެ އަސަރު ފެންނަން ހުއްޓެވެ.

އޮޑީގެ ރިޔާދޫކޮށް ރަށަށް ފޭބުމުން ރަށުން ފެނުނު ހިތްދަތި މަންޒަރަތަކުގެ ސަބަބުން ރަށުގައި ތިބެން ކެރޭވަރެއް ނޫނެވެ. ބިންދައިފައި ހުރި ރުއްގަހާ އެގޮތްމިގޮތަށް އުކާލެވިފައި ގެދޮރުގެ ބައިތަކުގެ ސަބަބުންނާއި ފުރާދުއްވާ އުޅަންދެއް ނެތުމުންނާއި ރަށުގައި ދިރޭފުރާނައެއް ނެތްކަން އެނގުމުން އަވަހަށް ބެލީ ރަށުން ފޭބޯތޯއެވެ. މިފަދަ މަންޒަރުތަކަކީ ދިވެހިންނަށް ގިނައިން ފެންނާނޭ މަންޒަރެއް ނޫނެވެ.

ކޭލަކުނުން ފުރައިގެން އައި މަގުމަތީގައި, ދުވަހުގެ ވަގުތުވެސް އޮތުމައިއެކު ޖެހިގެންއޮތް ނެލަށް ލަފާ ރުކުފަތި ކޮޅެއް ހިފައިގެން ރަށަށްދާން ނިންމިއެވެ. ރަށަށް ފޭބުމުން ނެލުތެރޭންވެސް ފެނުނީ ކޭލަކުން ފެނުން ހިތްދަތި މަންޒަރެވެ. ނަމަވެސް ކޮންމެވެސްވަރަކަށް ރުކުފައްޗާއި ކާށިވެސް ހިފައިގެން ނުނީނުދަން ނިންމިއެވެ. މަސައްކަތްފަށާ މާދުރަށް ނުދެވިގެން އުޅެނިކޮށް ފެނުނީ ކޭލަކުންނުންވެސް ނުފެންނަވަރުގެ ހައިރާންކުރުވަނިވި މަންޒަރެކެވެ. ރަށުތެރޭގައި އޮތް އަލި ހިސާބަކުން ފެނުނީ ކުޑަކުޑަ ތުއްތުކުއްޖަކު ފިރުކިފައި އަންނަތަނެވެ. ޖެހިލުންވެ ފަހަތަށް ޖެހެންޖެހުނުކަމުގައި ވިޔަސް ކުއްޖާފުޅު ނެގުމަށްފަހު އެކުއްޖާފުޅުގެ ހަވާލުދާރެއްފެނޭތޯ މުޅިރަށް ބެލިރުވެސް އެއްވެސް އިންސާނެއްގެ ހިލަމެއް ނުވިއެވެ. އެހެންކަމުން އެކުއްޖާފުޅަކީ އިންސިއަކަށް ވިޔަސް ޖިންނިއަކަށް ވިޔަސް ގޮވައިގެން ނޫނީ ފުރާކަށް ބޭނުމެއް ނުވިއެވެ.

ނެލުން ފުރައިގެން ދަތުރުކޮށް ބިލެއްފަށްސަށް ފޭބުމުގެ ކުރިން އޮޑީގެ މާލިމީ އެންމެންނަށް އެންގިއެވެ. މިކުއްޖާގެ ހަވާލުދާރަކީ ތިމަންނައެވެ. އެހެންވީމާ ކުއްޖާ ބަލަހައްޓާނީވެސް ތިމަންނައެވެ. މިއަދުން ފެށިގެން މި ކުއްޖާފުޅުގެ ނަމަކީ "ނެލުފުތު" އެވެ.

މާލިމީގެ ދެމަފިރިން ނެލުފުތު ބެލުމުގެ ކަންތައް ބަލަހައްޓަމުން ގެންދިޔައީ އެދަމަފިރިންގެ އަމިއްލަ ދަރިއެއް ފަދައިންނެވެ. ޒަމާންތައް ބަދަލުވަމުން އައިސް ފުރިހަމަ ސިއްހަތެއްގައި ނެލުފުތު ބޮޑުވެ ފިރިފުރާވަރަށް އަރާ މީހާކާ އިންދެ އަމިއްލަ ދިރިއުޅުން ބިލެއްފަހީގައި ފަށައިގަތެވެ. އެއަށްފަހު އެރަށުގައި މި ފުތުގެ އާއިލާ ބޮޑުވެ ފެތުރިގެން އައެވެ.

މިރާއްޖޭގެ ރަށްރަށް އާބާދުވުމުގައި އެއްރަށާއި އަނެއްރަށް ގުޅިލާމެހިފައި ވެއެވެ. އެގޮތުން މި ކަނޑިތީމުގައިވެސް ބިލެއްފަހީގެ ވަރަށް ބޮޑު ދަރިކޮޅެއް އޮވެއެވެ. މި ދަރިކޮޅުގެ ތެރޭގައި "ފުތުއާއިލާއެއް" ވެއެވެ. އެއްފަހަރަކު ކުރި މާލެދަތުރެއްގައި ދެއްކި ވާހަކައެއްގެ ތެރޭގައި މިފުތުގެ ވާހަކަ ދެކެވުނެވެ. ކަނޑިތީމުގައި މިހާރު މިއޮތް ފުތުއާއިލާއަކީ ކޭލަކުނު ތަޅާލި ވިއްސާރާގައި ބިލެއްފަހީ ބަޔަކު ކޭލަކުނު ބަލަންގޮސް އަންނަމުން ނެލުން ގެނައި ކުއްޖާފުޅުގެ ފަރާތުން ދެމެމުން އައި ފުތު އާއިލާ ބައެކެވެ.

މިއަދު މިފުތު އާއިލާއަކީވެސް ބޮޑުއާއިލާ އެކެވެ. ނަމަވެސް މިއަދު މީހުންނަށް ނަންކިޔުމަށް އައިސް އޮތްބަދަލުގެ ސަބަބުން ނަމުގެ ފަހަތަށް ނޫނީ ކުރިއަށް ފުތު ގުޅުވުންވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހާރު އެއާއިލާގައި ފުތުގެ ނަން ބޭނުން ކޮށްއުޅޭ ދެމީހަކު ނޫނީ ނެތެވެ. އެކަކީ ދުވަސްވެ މުސްކުޅި ވެފައިހުރި ފުތުހުސޭނަށެވެ. ދެން އޭނާގެ ދަރި ފުތު ޣަފޫރެވެ. އެއަށްފަހަކު ކާފަ މުނިކާފަ ހިސާބުގެ ކުއްޖަކަށްވެސް ފުތުލައިގެން ކިޔައެއް ނޫޅެއެވެ. ދާދި މިދާކަށް ދުވަހު ބިލެއްފަހީގައި އާސާރެއް ހުޅުވަން ދިޔުމުގެ ފުރުސަތެއް ލިބިގެން ގޮސް “ފުތު” ނަމަށް ބޭނުންކުރާ މީހުން އެބަތިބިތޯ ސުވާލުކޮށްލީމެވެ. ނަމަވެސް މިހާރު އެރަށުންވަނީ އެނަން ބޭނުން ކުރާ މީހުން ހުސްވެފައެވެ. ނަމަވެސް އާސާރުގައި އޮތް ކުރީގެ ފޮތެއް ހުޅުވާލި އިރު ފުތުބޭނުންކޮށްގެން ކިޔާފައި ހުރި ނަންތައް ފެނުނެވެ.

ކޭލަކުނު ތަޅާލި ވިއްސާރައިގައި  އައިވަރުގަދަ ނަގޫރޯޅިގައި  ކޭލަކުނުގައި ތިބިމީހުން މިސަރަހައްދު ރަށްރަށުން ފެނުނު ވާހަކަ ކިޔާއަޑު އަހަމެވެ. އެހެންކަމުން މި ނެލުފުތަކީވެސް އެ ރޯޅީގައި ނެލަށްގެނެސްފައިވާ ކުއްޖެއްކަމަށް ވުމަކީ ވަރަށް ގާތް ކަމެކެވެ.

ނޯޓު: އާއިލާތަކުގައި މިއުޅޭ “ދޮންފުތު” ކިޔާ އުޅެނީ އެއާއިލާއާއި ގުޅޭތީއެއް ނުނެވެ. މިވާހަކަ އަހަރެންނަށް ކިޔައިދިނީ އަހަރެންގެ ބޭބެ އާދަމް ސައީދެވެ. ބޭބެއަށް މި ވާހަކަ ކިޔައިދިނީ ބޭސްފާތުމަދައިތަ އެވެ.