Advertisement

އައިސީޖޭގެ ނިންމުމަށް ރައީސްގެ މަރުހަބާ، ގޮވާލެއްވީ ވަގުތުން ހަމަލާތައް ހުއްޓާލުމަށް

26 ޖަނަވަރީ 2024 - 21:17 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އައިސީޖޭގެ ނިންމުމަށް ރައީސްގެ މަރުހަބާ، ގޮވާލެއްވީ ވަގުތުން ހަމަލާތައް ހުއްޓާލުމަށް

26 ޖަނަވަރީ 2024 - 21:17 0

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމި ނިންމުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ބުނެފައި ވަނީ ގަތުލުއާއްމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މިއަދު އައިސީޖޭން ނިންމި ނިންމުމުގައި ވަނީ ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ވަގުތުން ހަމަޖައްސައިދިނުމަށް އަމުރުކޮށްފަ އެވެ. އޭގެ އިތުރުން ނަސްލު ނައްތާލުމާ ގުޅޭ އެންމެހާ އަމަލެއް ހުއްޓާލައި އެ ކަމުގެ ހެކިތައް ފޮހެލުން ހުއްޓާލުމަށް ވެސް އަމުރުކޮށްފައިވެ އެވެ. އޭގެ އިތުރުން, އައިސީޖޭގެ އަމުރާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރާ ގޮތާ ގުޅޭ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

"އިޒްރޭލުން ގާޒާގައި މީހުން ގަތުލުރުކުން ހުއްޓައި ވަގުތުން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ރާއްޖެއިން ގަބޫލުކުރަން. ކޮންމެ އިންސާނީ ފުރާނައެއްގައި ވެސް އަގެއް އޮންނާނެ، އެ ހިމާޔަތް ކުރަން ޖެހޭ. ބޮމުގެ ހަމަލާތަކާއި، ގެދޮރު ގެއްލުމާއި، ނަސްލީ ތަފާތުކުރުންތަކުން ހަމަޖެހުމެއް ނުލިބޭނެ," އެކްސްގައި ރައީސް ވިދާޅުވެފައިވެ އެވެ.

ހަގީގީ އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށް ރައީސް މިރޭ ވެސް ވިދާޅުވި އެވެ.

ދެކުނު އެފްރިކާއިން ބޭނުންވަނީ ހަނގުރާމަ މެދުކަނޑާލަން އައިސީޖޭއިން އެންގުމެވެ. ނަމަވެސް, ހަނގުރާމަ މެދުކަނޑާލަން މިއަދުގެ އަމުރުކޮށްފައި ނުވެ އެވެ.

މިއަދުގެ އަމުރު ތަންފީޒުކުރުން އިޒްރޭލުގެ މައްޗަށް މަޖުބޫރު ކުރުމަށް ހަމާސްގެ އިސް އޮފިޝަލަކު ވަނީ ގޮވާލާފަ އެވެ. އަދި, މިއީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް މުޅި ދުނިޔެއަށް ހާމަވެ އެ ގައުމު އެކަހެރިވެގެންދާނެ ކަމެއްގެ ގޮތުގައި ހަމާސްގެ އިސް އޮފިޝަލް ސިފަކުރެއްވި އެވެ.

ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަންތައް ވަގުތުން މެދުކަނޑާލުމަށް އައިސީޖޭން 2022 ގައި ރަޝިއާއަށް އެންގި އެވެ. ނަމަވެސް އެ އެންގުމަށް ރަޝިއާއިން އަމަލެއް ނުކުރެ އެވެ.

އައިސީޖޭއިން މިފަދަ އަމުރެއް މިއަދު ނެރުނު ނަމަވެސް މާޒީގެ ސަފުހާތަކަށް ނަޒަރު ހިންގާއިރު އިޒްރޭލުން އެ އަމުރަށް ތަބާވާނެ ކަމަކަށް ނުބެލެވެ އެވެ.