ލިވަޕޫލް (ޖެނުއަރީ 26) - އަނިޔާގެ ސަބަބުން އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ މިސްރު ޓީމު ދޫކޮށް ލިވަޕޫލަށް އަންނަން މުހައްމަދު ސަލާހު ނިންމި ނިންމުމުގެ ދިފާއުގައި އޭނާ ކުޅެމުން އަންނަ ކްލަބް، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވާހަކަ ދައްކައިފި އެވެ.
އެފްރިކަން ކަޕްގައި، ގާނާއާ 2-2 އިން މިސްރު އެއްވަރުވި މެޗުގައި ސަލާހުގެ ފަލަމަސްގަނޑަށް އަނިޔާވެގެން ޖެހުނީ ބަދަލުކުރާށެވެ. ފުރަތަމަ ބެލެވުނީ، ސަލާހަށް މިސްރުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިނަމަ ކުޅެވޭނެ ކަމަށެވެ. އެކަމަކު، އަނިޔާގެ މައްސަލަ ހީކުރި ވަރަށް ވުރެ ގޯސްވުމުން، ސަލާހު ވަނީ މިސްރު ކޭމްޕް ދޫކޮށް ލިވަޕޫލްގެ މެޑިކަލް ޓީމު ކައިރިން ފަރުވާގެ ކަންކަން ކުރިއަށް ގެންދަން އިންގްލެންޑަށް އައިސްފަ އެވެ.
އައިވަރީ ކޯސްޓްގައި ތިބި މިސްރު ޓީމުގެ ކޭމްޕް ދޫކޮށް ސަލާހު، އިންގްލެންޑަށް އައުމުން، މިސްރުގެ ކުޅުންތެރިންނާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން އަންނަނީ ސަލާހަށް ފާޑުކިޔަމުންނެވެ. އަދި ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން ސަލާހު އަނިޔާގައި ހުރެ ވެސް ޓީމާ އެކު ހުންނަން ޖެހޭ ކަމަށް މިސްރުގެ ކުރީގެ ކުޅުންތެރިން އަންނަނީ ބުނަމުންނެވެ.
މި ވާހަކަތަކާ ގުޅުވައިގެން ކުރި ސުވާލަކަށް ޖަވާބު ދެމުން، ކްލޮޕް ބުނީ، ސަލާހަކީ އޭނާއާ ދިމާވި މިސްރަށް ނިސްބަތްވާ އެންމެ ވަފާތެރި މީހާ ކަމަށެވެ.
"ގަބޫލުކުރަންޖެހޭ މިތަނުގައި (ލިވަޕޫލްގައި) ހުރެގެން ސަލާހަށް އެންމެ ރަނގަޅު ބޭސްފަރުވާގެ ކަންކަން މި ކުރެވެނީ. އޭނާގެ ރިކަވަރީ އަވަސްވެއްޖިއްޔާ އޭގެ ފައިދާ އޮތީ ވެސް މިސްރަށް. މީގެ މަކަރެއް ހަދައިގެން ކުރަން ޖެހޭ ކަމެއް އޮތް ކަމަކަށް އަހަންނަށް ނުފެނޭ. މިތަނަށް ސަލާހު ގެނައީ މިސްރު ޓީމާ ދުރުކުރާކަށް ނޫން، ބޭސްފަރުވާ އަށް،" ކްލޮޕް ބުންޏެވެ.
މިސްރުން އެފްރިކަން ކަޕްގެ ގަދަ 16 ގައި ކުޅެނީ ކޮންގޯއާ ދެކޮޅަށެވެ. މިސްރު މުބާރާތުގެ ސެމީ ފައިނަލަށް ގޮސްފިނަމަ ސަލާހު ފިޓްވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
އެކަމަކު، ދާދި ފަހުން، ސަލާހުގެ އެޖެންޓް ރެމީ އައްބާސް ބުނީ އަނިޔާއިން ރަނގަޅުވެ، ސަލާހަށް އެންމެ އަވަހަށް ވެސް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ބެލެވެނީ 21 ދުވަސް ފަހުން ކަމަށެވެ. މާނަ އަކީ، ސަލާހަށް ދެން އެފްރިކަން ކަޕްގައި ކުޅުމުގެ ފުރުސަތު ނެތް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment