28 ޖަނަވަރީ 2024 - 08:02 1
ސާއިފް ޝިޔާދު
28 ޖަނަވަރީ 2024 - 08:02 1
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެއް މޭޒަކުން ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބައެއްގެ ސުވާލުތަކެއް އެކަމަށް އަމާޒުވި އެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން މި ދެ ޕާޓީއަށް އެކުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފި ނަމަ ގަބޫލުކުރާ މީހުން ވަރަށް މަދުވާނެ އެވެ.
އެއީ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ބައެއް ސިޔާސަތުތަކާ ހިތްހަމަނުޖެހުންތަކެއް ހުރުމުން އެ ޕާޓީން ވަކިވި މެމްބަރުންތަކެއް އިސްވެ އުފެއްދި ޕާޓީއަކަށްވާތީ އެވެ. ރިޔާސީ އިންތިހާބުގައި ދެ ޕާޓީގެ ކެންޑިޑޭޓުން ވެސް ވާދަކުރިއިރު އެމްޑީޕީއަށް އިންތިހާބު ގެއްލުނު އެއް ސަބަބަކީ އެ ޕާޓީ ވެސް ގަބޫލުކުރާ ގޮތުން ވަކިވި މެމްބަރުންގެ ތާއީދު ނުހޯދުމެވެ.
އެ އިންތިހާބުގައި ޑިމޮކްރެޓްސްއިން ނުކުތީ "އިބޫ ނޫން ގޮތެއް" ނުވަތަ "އެމްޑީޕީ ނޫން ގޮތެއް" ހޯދުމަށެވެ. ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރި ނަމަވެސް އެކަން އެ ޕާޓީއަށް ކާމިޔާބުވި އެވެ. ވޯޓުލީ ގިނަ މީހުން ބޭނުންވީ އެގޮތެވެ. އެއަށްފަހު އެމްޑީޕީ މެމްބަރުން ދެއްކީ "އަންނި ނޫން ގޮތެއް" ނުވަތަ "ޑިމޮކްރެޓްސް ނޫން ގޮތެއް" ހޯދުމުގެ ވާހަކަ އެވެ.
ކަން މިހެން އޮއްވައި އަނެއްކާ ވެސް ފިކުރީ ގޮތުން އެއްގޮތް ނަމަވެސް ބައެއް ކަންކަމުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އޮތް މި ދެ ޕާޓީ އެއްގަލަކަށް އަރައި މަސައްކަތް ކުރާނެކަން މިވަނީ ހާމަކޮށްފަ އެވެ. އެމްޑީޕީގެ ވެރިކަމުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރާނެ ފުރުސަތެއް މަޖިލިސް ތެރެއިން ވެސް އަދި އެހެން ގޮތަކުން ވެސް މިވަގުތު ވެރިކަމުގައި ތިބި ޕާޓީތަކަށް ލިބިފައި ނުވެ އެވެ.
މަޖިލީހުގެ އިންތިހާބަށް އެކުގައި ނުނުކުންނާނެކަން އެމްޑީޕީ-ޑިމޮކްރެޓްސްއިން ހާމަކޮށްފައިވާއިރު ސުވާލަކީ އެ ޕާޓީތަކަށް މަޖިލީހުގައި އޮތް މެޖޯރިޓީގެ ތެރެއިން ނިޒާމީ ހެޔޮ ބަދަލުތަކެއް ގެނެވިދާނެތޯ އެވެ. ސަރުކާރަށް ފާރަވެރިވެ ޒިންމާދާރު ކުރެވިދާނެތޯ އެވެ. ނުވަތަ ސަރުކާރުގެ ޖަވާބުދާރީ ކުރެވިދާނެތޯ އެވެ. މަޖިލީހުގެ ނަންބަރުތަކުންނާއި ދެ ޕާޓީގެ ތާއީދު މިނެކިރާލާއިރު މިއީ އެ ދެ ޕާޓީއަށް ކުރެވޭނެ ކަންކަމެވެ. އެކަމުގައި ދެން އޮންނާނީ ރަނގަޅު ނިޔަތެއް އޮތުމެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް އަދިވެސް އެބަހުރި. އަޅުގަނޑުމެން މި އުޅެނީ އެއްގޮތަކަށް ވެސް ކައިވެންޏެއް ކުރާކަށް ނޫން."
މިއީ ދެ ޕާޓީ އެކުގައި އެއް މޭޒަކުން ފެނުމުން އަމާޒުވި ސުވާލުތަކަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެއްވި ޖަވާބެވެ. އޭނާ ދެކޭ ގޮތުގައި ދެ ޕާޓީއަށް އެކުގައި މަސައްކަތް ކުރެވެނީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައި ތިބި މީހުން ތިބުމުންނެވެ.
"މި މަސައްކަތް ކުރަނީ މި ގައުމުގައި އަޅުގަނޑުމެން ދެ ބައި ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރުމީ އެކަންކަން [ހައްލު ކުރަން] މަޖިލިސް ތެރެއިން އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. އެގޮތަށް އެބަ ލިބޭ, އެއްބަސްވެވޭ ކަންތައްތަކެއްގެ ތެރޭގައި," މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒުއާ ޖެހިގެން އިންނެވި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވެސް ވަނީ އެމްޑީޕީއާ ހިޔާލު ތަފާތުވުންތައް އަދިވެސް ހުރި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް, މިހާރު ވެސް ދައްކަމުން ދަނީ އޭރު ވެސް އެ ޕާޓީން ދެއްކި ސިޔާސަތުތަކުގެ ވާހަކަތައް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
"މިހާރު އަޅުގަނދު ދަންނަ އެމްޑީޕީގެ އެންމެ މެންބަރެއް ވެސް އެންމެ ޑިމޮކްރެޓެއް ވެސް ހުންނަވާނެ ކަމަށް ގަބޫލެއް ނުކުރައްވަން މި މަސައްކަތް ކުރަން އަޅުގަނޑުމެން އެއްބަސް ނުވާންވީ ކަމަށް ދެކެވަޑައިގެން. ޒަމާނުއްސުރެ ދައްކަމުން އައި ވާހަކަތައް ކުރާން ފުރުސަތު ލިބުނީމާ އެކަން ކޮށްގެން ނުވާނޭ އެމްޑީޕީއާ އެކީގައި ވީމާ, އެއަށްވުރެ ތަސައްރަފު ފުދިފައި ތިބި މީހުން ސިޔާސީ މަސައްކަތުގައި އުޅެނީ," ހަސަން ވިދާޅުވި އެވެ.
މިއީ ހަމައެކަނި މަޖިލީހުގެ ފަހު ދައުރަށް ދެ ޕާޓީން އެކުގައި ކުރާ މަސައްކަތެއް ކަމަށް ބެލެވުނު ނަމަވެސް އެއަށްފަހު ވެސް ދެ ޕާޓީން އެކުގައި މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވި އެވެ.
"މިއަދު ކުރާ މަސައްކަތަކީ ސަރުކާރުގެ މިސްރާބު ހުރި ގޮތުން ގައުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރެ, ލޯމައްޗަށް އެކަންކަން ގޯސްވާތަން ފެންނަމުން ގޮސް އެ ޔަގީންކަން ހިތަށް ވަންނާތީ އެކަން އެހެން ވިޔަ ނުދޭން," އެކުގައި ދެ ޕާޓީ މަސައްކަތް ކުރާ ސަބަބު ސާފު ކޮށްދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އަވައްޓެރި އިންޑިއާ އާއެކު އޮތް ގުޅުންތައް ވަނީ ހީނަރުވާން ފަށާފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން މުހުލަތެއް ވަނީ ދީފަ އެވެ.
"ވަރަށް ނުރަނގަޅު ގޮތަކަށް މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށް, މި ދެންނެވި ބޮޑު ބާރަކަށް މި ރާއްޖޭގެ ހާރިޖީ ސިޔާސަތުން ޖެހިގަންނަ ގޮތަށް ބައްޓަން ކުރަމުން އެއާ އެއްގޮތަށް އަމަލުކުރަމުންދާ ކަމީ ވަރަށް ނުރައްކާތެރި ކަމެއް. އެއީ ދިވެހިންނަށް ރަނގަޅު ގޮތެއް ނޫން," ޑިމޮކްރެޓްސްގެ ވިސްނުން ހާމަކުރައްވަމުން ހަސަން ލަތީފް ވިދާޅުވި އެވެ.
ވަޒީފާއިން މީހުން ވަކިކުރަމުންދާ ކަމަށާއި ސިޔާސީ ގޮތުން މީހުންނަށް ބިރު ދެއްކުމުގެ އަމަލުތައް ވެސް ހިނގަމުންދާ ކަމަށް ދެ ޕާޓީން ވެސް ބުނެފައިވެ އެވެ.
"މަސައްކަތް ކުރާނަން ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ ދިވެހިންނަށް ބިރު ދައްކަމުންދާ ކަންކަން ގާނޫނީ އިމުގެ ތެރެއިން ހުއްޓުވައި ގާނޫނު އަސާސީން ދީފައިވާ ފުރިހަމަ ސިޔާސީ މިނިވަންކަން އެ އެންމެނަށް އޮވެގެން ކަންކަން އޮންނަ ނިޒާމެއްގެ ތެރެއިން ކަންކަން ގެންދިޔުމަށް," ސަރުކާރަށް ފާޑުވިދާޅުވެ ފައްޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން, މި ސަރުކާރު ވެރިކަމަށް އައީ ރާއްޖެ ދަރަނިވެރިވަމުންދާ ކަމަށް ބުނަމުން ކަމަށާއި ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ބަދަލުގައި ބޮޑެތި މަޝްރޫއުތައް އިއުލާނުކޮށް ހަރަދުތައް އިތުރުވެފައިވާ ކަމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ވެސް ވަނީ ބުނެފަ އެވެ.
"މިހާރު އެންމެނަށް ވެސް މުހިންމީ ގައުމު ސަލާމަތް ކުރުން. އެއަށް ފަހު އަމިއްލަ މަސްލަހަތުގެ ވާހަކަ ދައްކަން ޖެހޭނީ. މި ގައުމު މިދާ މިސްރާބު ރަނގަޅު ނޫންކަން އެނގޭ. ސަރުކާރުގެ ސިޔާސަތުތަކުގައި ދެފުށް ފެންނަ ގޮތެއް ނެތް. އެއްވެސް އެއްޗެއް ނޭނގި މިދަނީ. ނަގާފައި ހުރި ލޯނުތައް ދައްކަން 200 މިލިއަން ޑޮލަރު ލިބުނު ކަމެއް ވެސް ނޭނގެ," ސަރުކާރާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނޭނގެ މި ގައުމު މިދާ ގޮތުން މި ގައުމު ޑީފޯލްޓް ނުވާނެ ކަމެއް, ދަރަނިވެރި ނުވާނެ ކަމެއް. ނޭނގޭތީ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަން ޖެހެނީ."
މި ދެ ޕާޓީ ގުޅިގެން މައިގަނޑު ގޮތެއްގައި ހުށަހަޅަން ނިންމާފައި ވަނީ ހަތަރު ކަމަކެވެ. އެއީ, މަޖިލިސް މެމްބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ފުރިހަމައަށް ރެގިއުލޭޓް ކުރުމާ ގާނޫނުތައް އިސްލާހުކުރުމާއި ސަރުކާރުން ސިޔާސީ މަގާމުތައް އުފެއްދުން ލިމިޓް ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައަށް ފަހު ބޭއްވުމަށެވެ.
"އެ އަދަދު ]މަޖިލިސް މެމްބަރުންގެ އަދަދު] އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުން ނުވާ މިންވަރަށް އިތުރުވަމުން އިތުރުވަމުން އިތުރުވަމުންދާ އުސޫލެއް މިހާރު އެ އޮތީ ކަނޑައަޅާފައި. އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދަކަށް ވާން ޖެހޭ ކަމަށް ދެ ޕާޓީއަށް ވެސް ފެނޭ," ހަސަން ލަތީފު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ސިޔާސީ މަގާމުތަކަށް އައްޔަނުކުރާ ބޭފުޅުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ހާއްސަކޮށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި މިނިސްޓަރުން ފެންވަރުންގެ ބޭފުޅުން އައްޔަނުކުރަމުންދާ ކަމަށް ހަސަން ލަތީފް އިއްޔެ ވިދާޅުވި އެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 296 އެވެ. އޭގެ ތެރޭގައި 163 ޑެޕިއުޓީ މިނިސްޓަރުންނާއި 90 ސްޓޭޓް މިނިސްޓަރުން ހިމެނެ އެވެ. އަދި މިނިސްޓަރުންގެ ގޮތުގައި 22 ބޭފުޅުން ތިއްބެވިއިރު, މިނިސްޓަރު ފެންވަރުގައި ވެސް 20 ބޭފުޅުން އެބަ ތިއްބެވެ.
އެއީ ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު "ބޮޑު މައްސަލައެއް" ގެ ގޮތުގައި ހަސަން ސިފަކުރެއްވި އެވެ.
ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސިޔާސީ މަގާމުތައް ލިމިޓްކުރުމަށް ހުށަހަޅާ ހުށަހެޅުން މިހާރު ޑްރާފްޓް ވެސް ކޮށްފައިވާ ކަަމަށެވެ.
"މިހާރު އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުތަކާއި މިނިސްޓްރީތަކުގެ އަދަދުތަކާ, އެހެންމެ އެކަންތައް ކުޑަކުރެވޭނެ ގޮތަކާމެދު ވާހަކަ ދައްކާ, އެވެސް ޑްރާފްޓު ކުރެވި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރެވެމުން މިދަނީ،" އާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް "ހިތުހުރި ގޮތަކަށް" ހިންގުމުގެ ފުރުސަތު މިހާރު އޮތް ކަމަށާއި ނަމަވެސް ނިޒާމީ ގޮތުން ކުންފުނިތައް ވެސް "ހަންމަތަ" ކުރަން އެ ދެ ޕާޓީން ވަނީ އެއްބަސްވެފަ އެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމުގައި އާއި އަދި އެ ރެގިއުލޭޓް ކުރުމުގައި ވަކި އުސޫލެއް ކަނޑައެޅިފައި ނެތުމުން އޭރެއްގައި ސަރުކާރުގައި ތިބޭ ބަޔަކު ހިތުހުރި ގޮތަކަށް ކުންފުނިތައް ހިންގަން ދިމާކުރީމާ ރާއްޖޭގެ އިގުތިސާދަށް އެވާ ގެއްލުން އެއީ ވަރަށް ބޮޑު ގެއްލުމެއް. ފޫނުބެއްދޭ ވަރުގެ ގެއްލުން އޭގެ ސަބަބުން ވާނެ," އެ ދެ ޕާޓީގެ ދެކޭ ގޮތް ހިއްސާކުރައްވަމުން ހަސަން ވިދާޅުވި އެވެ.
މިކަންކަމުގެ އިތުރުން މަޖިލިސް އިންތިހާބު ލަސްކުރަން ވެސް ދެ ޕާޓީން އެއްބަސްވެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަން މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. އާދިއްތަ ދުވަހު އެ ޖަލްސާ އޮންނައިރު ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް ދެ ޕާޓީން އެކުގައި މަސައްކަތް ކޮށްފާނެ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.
Comment