25 ޖަނަވަރީ 2024 - 06:29 0
ިއިނާކީ ވިލިއަމްސް ބާސެލޯނާ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
25 ޖަނަވަރީ 2024 - 06:29 0
ބިލްބާއޯ، ސްޕެއިން (ޖެނުއަރީ 25) - ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގައި އެތުލެޓިކް ބިލްބާއޯ އަށް ކުޅޭ ވިލިއަމްސް ދެބެން، އިނާކީ ވިލިއަމްސް އާއި ނީކޯ ވިލިއަމްސް ޖެހި ގޯލުތަކާ އެކު، 4-2 އިން ބާސެލޯނާ ކަޓުވާލައިފި އެވެ.
ފުރިހަަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވެފައި އޮތް މި މެޗުގެ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނުއިރު، އިތުރު ދެ ގޯލު ޖަހައި، ބިލްބާއޯ އިން ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބިލްބާއޯ އިން ވަނީ ފުރަތަމަ މިިނިޓްގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، މެޗުގެ ފުރަތަމަ މިނިޓްގައި ބިލްބާއޯގެ މި ލަނޑު ޖެހީ، ގޯކާ ގުރުޒެޓާ އެވެ.
ބިލްބާއޯ އިން ފުރަތަމަ ލަނޑު ޖެހިޔަސް ބާސެލޯނާ އިން ވަނީ ހިތްވަރު ދައްކައިފަ އެވެ. އެ ޓީމުން އެއްވަރުކުރީ ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުންނެވެ. އަދި 16 އަހަރުގެ ފޯވާޑް، ލަމިން ޔަމާލް ޖެހި ގޯލުން ލީޑުނެގި އެވެ. ޔަމާލް އަކީ ސްޕެނިޝް ކަޕްގައި ގޯލު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އެވެ. ލީގުގައި ވެސް އެންމެ ހަގު އުމުރެއްގައި ލަނޑު ޖަހާފައިވަނީ ޔަމާލް އެވެ.
ލަނޑު ޖެހުމަށް ފަހު ޔަމާލް އުފާފާޅުކުރަނީ.--
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ، ބިލްބާއޯ އިން އެއްވަރުކުރީ ނީކޯ ވިލިއަމްސް ދިން ބޯޅައަކުން، އޮއިހާން ސަންކޭޓް އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ބިލްބާއޯ އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ބިލްބާއޯ އަށް އަލުން ލީޑުނަަގައިދިނީ ނީކޯ ވިލިއަމްސް އެވެ. އަދި ސެމީގެ ޖާގަ ބިލްބާއޯ އިން ޔަގީންކުރީ އިނާކީ ވިލިއަމްސް ޖެހި ގޯލުންނެވެ. މިދިޔަ ހޯމަ ދުވަހު ގާނާ ޓީމަށް އެފްރިކަން ކަޕްގައި ކުޅުމަށް ފަހު، އެ މުބާރާތުން އެ ޓީމު ކެޓުމުން، ބިލްބާއޯ އަށް އައިސް އިނާކީ ވިިލިއަމްސް މި ވަނީ ތަފާތު ދައްކައިފަ އެވެ.
ބިލްބާއޯގެ ކޯޗަކީ ކުރިން ބާސެލޯނާއާ އެކު ސްޕެނިޝް ކަޕް ކާމިޔާބުކުރި އާނެސްޓޯ ވަލްވޭޑޭ އެވެ. ސްޕެނިޝް ކަޕުން ވެސް ކެޓުމާ އެކު، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވާނެ އެވެ.
މި ފަހަރުގެ ސްޕެނިޝް ކަޕުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވެސް ވަނީ ކަޓައިފަ އެވެ. ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ބިލްބާއޯގެ އިތުރުން ރެއާލް ސޮސިއެޑާޑް އާއި މަޔޯކާ އެވެ. ދެން އޮތް ޖާގަ ލިބޭނީ ކުއާޓާގެ ފަހު މެޗުގައި، ސެވިއްޔާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކަށެވެ.
Comment