Advertisement

ސާފިން ލީގުގައި މި އަހަރު ވެސް ހަތަރު އިވެންޓް

24 ޖަނަވަރީ 2024 - 15:08 0

އަތޫފް އާތިފް

އަތޫފް އާތިފް

މިދިޔަ އަހަރުގެ ސާފިންގެ ބޮޑު މުބާރާތް ރަންނަމާރި ޗެލެންޖުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ސާފިން ލީގުގައި މި އަހަރު ވެސް ހަތަރު އިވެންޓް

24 ޖަނަވަރީ 2024 - 15:08 0

ގައުމީ ސާފިން ލީގުގައި މި އަހަރު ވެސް ހަތަރު އިވެންޓް ބާއްވަން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ނިންމައިފި އެވެ.

ގައުމީ ސާފިން ލީގުގައި މިދިޔަ އަހަރު ފަސް މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު މި އަހަރު ހަތަރު އިވެންޓް ކުރިއަށް ގެންދަން ސާފިން އެސޯސިއޭޝަނުން ވަނީ ނިންމާފަ އެވެ. ގައުމީ ލީގުގެ އިތުރުން މި އަހަރު ސާފިން އެސޯސިއޭޝަނުގެ ބޮޑު ފޯކަސް އެއް ޖަޖިން ކޯސްތަކާއި, ކުޑަ ކުދިން ސާފިން އަށް ޝައުގުވެރި ކުރުމަށް "ރާޅުދާން" ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

މި އަހަރުގެ ސާފް ލީގުގެ ކަލަންޑަރަށް ބަލާއިރު, އެންމެ ފުރަތަމަ ކުރިއަށް ދާނީ ގދ. ގައްދޫގައި "ކަޅެގަލެކޮޑާ" ފެބްރުއަރީ މަހުގަ އެވެ. ދެވަނަ މުބާރާތް ކަމަށްވާ "ގާމާދޫކޮޅު"ކުރިއަށް ދާނީ ޖޫން މަހު ކ. ހިތްމަފުށީގަ އެވެ. އަދި ތިންވަނަ މުބާރާތް ޖުލައި މަހު ފަހުކޮޅު ކުރިއަށް ދާނީ މ. މުލީގަ އެވެ. އަދި ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖު" ކުރިއަށްދާނީ މާލޭގައި އޮކްޓޯބަރު މަހުގަ އެވެ. އަދި މި އަހަރު ތިންވަނަ ޖޫނިއާ ޗެމްޕިއަންޝިޕް ބާއްވަން ސާފިން އެސޯސިއޭޝަނުން ވަނީ ނިންމާފަ އެވެ.

ސާފިން އެސޯސިއޭޝަނުން ބުނީ މި އަހަރު މުބާރާތްތައް ބޭއްވުމަށް ލޮކޭޝަންތައް ބެލިއިރު, ކުރިން ބޭއްވި ރަށްތަކަށް ބެލިކަމަށާއި, އޭގެ އިތުރުން ރަނގަޅު ރާޅު ނަގާ ހިސާބުތައް ބެލި ކަމަށެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ އެންމެ ބޮޑު އިވެންޓަކީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕެވެ. ސާފިން އެސޯސިއޭޝަނުން ބުނީ މިދިޔަ އަހަރުގެ ކާމިޔާބީއާއެކު އެ މުބާރާތް މިއަހަރު ވެސް ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ދޭން ޖެހޭ އެއްބާރުލުން ސްޕޯޓްސް މިނިސްޓްރީން ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

މިދިޔަ އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޓީމު އިވެންޓުން ރާއްޖެ ލޯ މެޑަލް ހޯދިއިރު, މުބާރާތުގެ ތިންވަނަ ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ހޯދި އެވެ.