Advertisement

މުހައްމަދު މުއިއްޒުއްދީން ނުވަތަ ކަޅުބަންޑާރައިންގެ ވެރިކަމުގައި ކުރީގެ ރަދުންނަށް ހަދާލި ގޮތް!

26 ޖަނަވަރީ 2024 - 08:19 4

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


މުހައްމަދު މުއިއްޒުއްދީން ނުވަތަ ކަޅުބަންޑާރައިންގެ ވެރިކަމުގައި ކުރީގެ ރަދުންނަށް ހަދާލި ގޮތް!

26 ޖަނަވަރީ 2024 - 08:19 4

އައްސުލްތާން މުހައްމަދު މުއިއްޒުއްދީން ސިރީ ކުލަ ސުންދުރަ ބޮވަނަ މަހާރަދުން ދިވެހި ރަސްކަމުގެ ތަހުތާ ހަވާލުވެވަޑައިގަތީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި، އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (ދެވަނަ) ރަސްކަމުގެ ތަހުތު ދޫކުރައްވައި، މި މަނިކުފާނާ ރަސްކަން ހަވާލުކުރެއްވުމުންނެވެ. މުހައްމަދު މުއިއްޒުއްދީނަކީ ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުންނެވެ.

މުހައްމަދު ޝަމްސުއްދީން (ދެވަނަ) އިގެ ވެރިކަމަކީ ދިޔަމިގިލީ ދަރިކޮޅުން ހުރާ ދަރިކޮޅަށް ވެރިކަން ފުރޮޅާލުމަށް ހިންގުނު ހައިޖާނުގެ ނަތީޖާ އެވެ. އޭގެ ކުރިން ވެރިކަމުގައި ހުންނެވީ ދިޔަމިގިލީ ދަރިކޮޅުން ވެރިކަން ކުރެއްވި އައްސުލްތާން މުހައްމަދު ޣިޔާޘުއްދީނެވެ. މި ރަދުންގެ ވެރިކަން ފުރޮޅާލީ ރަދުން ހައްޖަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ޣިޔާޘުއްދީން ރަދުން ހައްޖަށް ވަޑައިގަންނަވަމުން ވެރިކަމުގެ ޒިންމާތައް ހަވާލުކުރެއްވީ އެރަދުންގެ ދައިތާފުޅު، އާމިނާ ކަނބާފާނާއި އެކަމަނާގެ ފިރިކަލުން އަލީ ވެލާނާ މަނިކުފާނު (ޝާހު ބަންދަރު) އާ އެވެ. އެހެން ނަމަވެސް، މި ބޭފުޅުން ވެރިކަން ހިންގަވަން ގަސްތުކުރެއްވީ އިޔާޒުއްދީންގެ ރަދުންގެ ނަންފުޅަކު ނޫނެވެ. އަމިއްލަ ނަންފުޅުގަ އެވެ. މިކަމާ އެންމެ ބޮޑަށް އިއުތިރާޒުކުރެއްވީ ހުރާ މުހައްމަދު މަނިކުފާނެވެ. އެއީ ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭނާ ރައްޔިތުން އެއްކޮށްގެން ކިޔަ އެވެ.

"އަލީ ވެލާނާ މަނިކުފާނުންގެ ދެކަނބަލުން އިޔާޒުއްދީން ރަދުންގެ އަމުރުފުޅު ހިލާފުކޮށް އެ ވެލާނާ މަނިކުފާނު މައްޗަށް ރަސްކަން އަމިއްލަކޮށްފިއޭ. މަލާބާރީން މި ރާއްޖެ ހިފައި ދަރަނިވެފައި، ފެތި ފަރާވަންދުވެފައި އޮއްވައި ތިމަންގެ ބޮޑުބޭބޭފުޅު (ދޮންބަންޑާރައިން) ރާއްޖެ މިނިވަންކޮށް ދަރަނިދެއްކެވިއޭ. ރާއްޖޭގެ ރަސްކަން ދެން އެހެން މީހަކަށް ނުދެއްވާނަމޭ. މި ރަސްކަން ހައްގުވެގެން ހުރީ ތިމަން މަނިކުފާނަށޭ. މި ރަސްކަމާހުރެ ތިމަން މަނިކުފާނު މަރުދެއްވައި ތޮޅުއްވާނަމޭ." މިހެން ވިދާޅުވެ ރައްޔިތުންނާއިގެން ނުކުމެވަޑައިގެން ވެރިކަން އަތުލައްވައި، މުހައްމަދު ޝަމްސުއްދީންގެ ނަންފުޅުގައި ރަސްކަން ފެށްޓެވި އެވެ.

ހުރާ މުހައްމަދު މަނިކުފާނު ނުވަތަ ޝަމްސުއްދީން ރަދުން ވެރިކަން އަތުލެއްވުމުގެ ބޭނުންފުޅެއްކަމަށް ފެންނަނީ ހުރާ ދަރިކޮޅަށް ރަސްކަން ފިރުކާލުމެވެ. ރަސްކަމުގެ ތަހުތުގައި އިށީނދެވަޑައިގަތުމާއެކު، ޣިޔާޘުއްދީން ރަދުންގެ މުޅި ހާންދާނާއި ދިމާކޮށްލެއްވި އެވެ. އެ ރަދުންގެ ގަނޑުވަރު ރޫޅާލައްވައި، އެ އާއިލާގެ ބޭފުޅުންނަށް އިލްމު ހާސިލުކުރުން މަނާކުރައްވައި އެންމެ ބޭފުޅުން ކޮޅުމަޑުލު ދިޔަމިގިއްޔަށް އަރުވާލެއްވީ އެވެ. މި ހުރިހާ ކަމެއް ހަމަޖައްސަވައި ގަދަކުރެއްވުމަށްފަހު، ހުރާގައި ތިއްބެވި، ދޮންބަންޑާރައިންގެ ދަރިދަރިކަލުން މާލެ ގެންނަވައި، ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން މުހައްމަދު، މުހައްމަދު މުއިއްޒުއްދީންގެ ނަންފުޅުގައި ވެރިކަމުގެ ތަހުތުގައި ވަޑުވައި މި ރަދުން ވެރިކަން ދޫކޮށްލެއްވީ އެވެ. އެ ހިސާބުން މުހައްމަދު މުއިއްޒުއްދީން ނުވަތަ ކަޅު ބަންޑާރައިންގެ ވެރިކަން ފެށުނީ އެވެ.

މުއިއްޒުއްދީން ވެރިކަން ހިންގަވަމުން ގެންދެވީ ޝަމްސުއްދީން އެޅުއްވި ބިންގަލުގެ މަތީގަ އެވެ. ވެރިކަމުގެ ފަރާތުން ރުހޭ މީހަކު މެނުވީ އިލްމު ހާސިލުކުރުން މަނާކޮށް، އިލްމުވެރިންގެ ފޮތް އަތުލުމާއި އުނގަންނައިދޭ ތަންތަން ހަލާކުކުރުން އިހެކޭ އެއްގޮތަށް ކުރިއަށް ގެންދެވި އެވެ.

މުހައްމަދު މުއިއްޒުއްދީންގެ ވެރިކަމަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް، ޣިޔާޘުއްދީން ރަދުން ހައްޖު ފުރިހަމަކުރައްވައި އެނބުރި ރާއްޖެ ވަޑައިގެންނެވި އެވެ. ރާއްޖޭގެ ރަސްކަން ހުރާ ދަރިކޮޅަށް ފިރުކާލެވިއްޖެކަމުގެ ހަބަރު އެ ރަދުންނަށް ލިބިވަޑައިގަތީ ތިލަދުންމަތިން ރާއްޖެ ވަދެވަޑައިގެންނެވި ހިސާބުންނެވެ. ޣިޔާޘުއްދީން ރަދުން ހުންނެވީ ވެރިކަމާ ތޮޅޭން ކަމަކަށް ނޫނެވެ. އެ ރަދުން ވަނީ ހަތް އަހަރު ވެރިކަން ކުރައްވާފަ އެވެ. ގަސްތުކުރައްވައިގެން ހުންނެވީ ރާއްޖޭގައި އޮތް ރަސްކަމަށް ރުހިވަޑައިގެން ހެޔޮ ދިރިއުޅުއްވުމެއް އުޅޭށެވެ.

ޣިޔާޘުއްދީން ރަދުން ނަވުގައި މާލެ އަތޮޅަށް ވަޑައިގެން ގުރައިދޫ ވިލިނގިލިވަރު ކައިރީގައި ނައު ބާއްވާފައި، އެ ނަވުގެ އިސް ދެ މީހެއްގެ ހަވާލުގައި މުއިއްޒުއްދީން ރަދުންނަށް ފަތްކޮޅެއް ފޮނުއްވި އެވެ. ފަތްކޮޅުގައި މުއިއްޒުއްދީންގެ އަރިހުން އަމާންކަމަށް އެދިވަޑައިގެންނެވި އެވެ. އަދި ޣިޔާޘުއްދީން ރަދުން މިހުންނެވީ މާތްކަލާނގެ ކުރެއްވި ނިޔާފުޅަށް ރުހިވަޑައިގެން (ވީހާލެއްގައި ވުމަށް) ކަމަށް ވިދާޅުވި އެވެ.

ފަތްކޮޅުގެ އިބާރާތުގައި، ދިވެހި ރަސްކަމާ ނުތޮޅުމަށް ޣިޔާޘުއްދީން ދެއްވާފައިވާ ކަށަވަރުކަމަކީ މުއިއްޒުއްދީން ރަދުންނަށް އިތުބާރު ކުރެވުނު ކަމަކަށް ނުވި އެވެ. އެރަދުން ދެކެވަޑައިގަތީ ޣިޔާޘުއްދީން ރަދުންނަކީ ހުރަވީ ރަސްކަމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާނޭ ކަމަށެވެ. އެކަމާ ފިކުރު ކުރައްވާފައި އެ ރަދުންގެ ނައުކޮޅަށް އަސްކަރުންގެ ބަޔަކު ފޮނުއްވި އެވެ. މި މީހުން ދިޔަ އޮޑި ނައުކޮޅާ ގާތްކޮށް، އިޔާޒުއްދީން ރަދުންނާ ބައްދަލުކޮށް ދެއްކި ވާހަކައެއް ދެއްކުމަށްފަހު އެމީހުންގެ އޮޑިއަށް އިޔާޒުއްދީން ރަދުން އެރުވި އެވެ. ބެލެވެނީ އަސްކަރުން އެ ރަދުން އޮޑިއަށް އެރުވީ ވެރިކަމުގެ ފަރާތުން އަމާންކަން އޮތްކަމުގެ ކަށަވަރުކަން ދީގެން ކަމަށެވެ. އޭގެ ކުރިން ވަނީ އެއޮޑީގައި ތިބި މަސްކަތުގެ މީހުންނާއި ބައެއް ދިވެހިން އެހެން އޮޑިއެއްގައި މާލެ ގެންނަވާފަ އެވެ.

ޣިޔާޘުއްދީން ރަދުން ގޮވައިގެން އެމީހުން އޮޑީގައި ދަތުރުކޮށް މީހުންގެ ލޯތަކަށް ނިވާވާ ހިސާބަށް ދުރަށް ގޮސްފައި އެ ރަދުންގެ ގައިކޮޅުގައި ބަރޯސީ ބަނދެ ކަނޑުފެއްތީ އެވެ. މިކަންތައް ހިނގީ ހިޖުރައިން 1188 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު އެވެ. އެއީ މީލާދީން އޮކްޓޯބަރު 7، 1774 އެވެ.

ހުރަވީ ދަރިކޮޅަށް ވެރިކަން ފުރޮޅާލެވުނަސް ދިޔަމިގިލީ ދަރިކޮޅުގެ ތާއީދާއި ނުފޫޒު ރާއްޖޭގައި ކުޑައެއް ނޫނެވެ. ޣިޔާޘުއްދީން ރަދުންނާމެދު އަނިޔާވެރިވެއްޖެކަމުގެ ހިލަމެއް ވުމަކީ ހައިޖާނެއްގެ ފެށުމަކަށްވާނެ އެވެ. މިކަން ދެނެވަޑައިގެން މުއިއްޒުއްދީން ވެރިކަމުގެ ފަރާތުން ނިންމެވީ ޣިޔާޘުއްދީން ރަދުންނަށް ހަދާލި ގޮތް ސިއްރު ކުރުމަށެވެ.

ޣިޔާޘުއްދީން ރަދުން ކަނޑުފެއްތުމަށްފަހު އަސްކަރުން އެނބުރި މާލެ އައުމުން އެ ރަދުން ކޮބައިތޯ މީހުން ސުވާލު ކުރަން ފެށި އެވެ. ވެރިކަމުގެ ފަރާތުން ލިބުނު ޖަވާބަކަށްވީ ރަދުން ހެޔޮ ހާލުކޮޅުގައި ރަންޖެހިގަނޑުވަރަށް ފައިބައިވަޑައިގެން އެ ގަނޑުވަރުގައި އެބަ ހުންނެވި ކަމަށެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫންކަން ރައްޔިތުން ދެނެގެންފި އެވެ. އެންމެ ފަހުން، ރަދުން ކަނޑުފައްތައި އަވަހާރަކޮށްލައިފި ކަމުގެ ހަބަރުވެސް ފެތުރިއްޖެ އެވެ. އެއާ ވިދިގެން އުފެދިދާނޭ ހައިޖާނެއް މަތަކުރުމަށް މުއިއްޒުއްދީން އެޅުއްވި ފިޔަވަޅަކީ އެހާތަނަށް މާލޭގައި ހުންނެވި، ޣިޔާޘުއްދީން ރަދުންގެ ތުއްޕުޅު ދަރިކަލުން އަބްދުﷲ ވެސް ފުވައްމުލަކަށް އަރުވައިލެއްވުމެވެ. އެހެން ހެއްދެވުމުން، ރައްޔިތުން ކިތަންމެ ނުރުހުނު ނަމަވެސް މުއިއްޒުއްދީނާ ދެކޮޅަށް އިންގިލާބެއް އިންތިޒާމު ކުރާނޭ އިސްވެރިޔަކުވެސް އަދި އެފަދަ ކަމެއްގެ ހިތްވަރުވެސް ނައްތާލެވުނީ އެވެ.

މަލާބާރީންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ދޮންބަންޑާރައިންނަށް ދިވެހިން ދަރާފައިވަނީ ވަރަށްވެސް ބޮޑު ދަރަންޏެކެވެ. މިނިވަންކަން ހޯއްދަވައި ދެއްވުމާއެކު، ދިވެހީންނާއެކު ކުރެއްވީ އެހާމެ އަދުލުވެރި ހިދުމަތްތެރި ވެރިކަމެކެވެ. އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ހުރާ މުހައްމަދު މަނިކުފާނާއި، ދޮށީ ދަރިކަލުން މުހައްމަދު މުއިއްޒުއްދީން ހިންގެވި އަނިޔާވެރި ވެރިކަމުގެ އެއްވެސް ހުތުރަކުން ދޮންބަންޑާރައިންގެ ނަންފުޅު ދިވެހިންގެ ތެރޭގައި ކިލަނބެއް ނުވެ އެވެ.

މުހައްމަދު މުއިއްޒުއްދީން ރަސްކަމުގައި ހުންނެވިއިރު ކުރީގެ ރަދުން، މުހައްމަދު ޝަމްސުއްދީން ނުވަތަ ހުރާ މުހައްމަދު މަނިކުފާނުވެސް ގެންދެވީ ވެރިކަމުގެ ކަންކަމާ ވަރަށް ބޮޑަށް ބެހިވަޑައިގަނެ، ކަންކަމުގައި އިރުޝާދު ދެއްވައި އަމުރުކުރައްވަމުންނެވެ. ނިލަންދެއަތޮޅު ހިމިތީއަށް އުރުނު 'ދުރާސް' އޭ ކިޔުނު ފަރަންސޭސި ނަވުން ވަޑައިގެންނެވި ދެ އަންހެން ބޭފުޅަކު މުއިއްޒުއްދީން ނުވަތަ ކަޅުބަންޑާރައިންނާ ބައްދަލުކުރެއްވި އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ޕޮންޑިޗެރީގެ އެޑްމިނިސްޓްރޭޓަރުގެ އަނބިކަނބަލުންނެވެ. އޭނާ ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވާފައިވާ ގޮތުގައި، ރަސްކަމުގެ ކަންކަން ހިންގަވަމުން ގެންދެވީ ކުރީގެ ރަދުންނާއި އެހެން ބޮޑު ބޭފުޅުންނެވެ. މުހައްމަދު މުއިއްޒުއްދީން ނުވަތަ ކަޅު ބަންޑާރައިންނަކީ ރަސްކަމުގެ ތަހުތުގައި އިންނެވި ގޮނޑިކޮއްކޮ އެކެވެ.