Advertisement

މޫސަ ކުއްޓިގެ ކެޔޮގަނޑާއި ރާއްޖޭގެ ގާނޫނުއަސާސީ

29 މާރިޗު 2024 - 08:57 3

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


މޫސަ ކުއްޓިގެ ކެޔޮގަނޑާއި ރާއްޖޭގެ ގާނޫނުއަސާސީ

29 މާރިޗު 2024 - 08:57 3

"އަޅުގަނޑުމެންގެ ގާނޫނުއަސާސީއެކޭ މޫސާ ކުއްޓީގެ މަޝްހޫރު ކެޔޮގަނޑެކޭ ދިޔައީ ދާދި އެއްގޮތްވަމުންނެވެ. އެއްބައި ފަހަރަށް އޮވެ އެވެ. އަނެއްބައި ފަހަރަށް ނޯވެ އެވެ. ނެތިފައި ދެން ފެންނައިރު އޮންނަނީ އިހަށް އޮތް ގޮތަކަށް ނޫނެވެ."

މިއީ 'ގާނޫނުއަސާސީގެ ހަޔާތް' މި ސުރުހީގެ ދަށުން ކުރީގެ ރައީސް އަމީންދީދީ ސަރުކާރު ހަބަރުގައި ލިޔުއްވަމުން ގެންދެވި މަޒުމޫނުތަކުގެ ސިލްސިލާގެ އެންމެ ފަހުގެ މަޒުމޫނުގައި ލިޔުއްވާފައިވާ އިބާރާތެކެވެ. މި މަޒުމޫނު ލިޔުއްވިއިރު އަމީންދީދީ ހުންނެވީ ރާއްޖޭގެ ދުސްތޫރީ އަދި ސިޔާސީ ޖައްވުގައި ކަންހިނގަމުން ދިޔަ ގޮތާމެދު އިންތިހާއަށް ފޫހިފުޅުވެފައިކަން މަޒުމޫނުގެ އިބާރާތްތަކުން ސާބިތުވެ އެވެ. ވިދާޅުވެފައި އޮވެ އެވެ.

"އަޅުގަނޑު ހިތުން ގާނޫނުއަސާސީ އަޅުގަނޑުމެންނަށް ފުރަތަމަ ހެދުނީވެސް ދިވެހިރާއްޖެއާ އެކަށީގެންނުވާފަދަ މަތިވެރި ގޮތެއްގަ އެވެ. އަޅުގަނޑުމެންގެ ގާނޫނުއަސާސީ މިހާރު މިއޮތީވެސް އަޅުގަނޑުމެންނަށް އެއަށް އަމަލުނުކުރެވޭފަދަ ގޮތަކަށެވެ."

ފުރަތަމަ ގާނޫނުއަސާސީއާއެކު ސިޔާސީ ހުކޫމަތުގެ ވެރިން އަމަލުފުޅު ކުރައްވަމުން ގެންދެވި ގޮތާމެދު ރުހިވަޑައިނުގެން، އެ ގާނޫނުއަސާސީ ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރާއްޖޭގެ ސިޔާސީ ޖައްވަށް އަލްވަދާއު ވިދާޅުވެ ކޮޅުނބަށް ވަޑައިގެންފި އެވެ. "ފޫހިފުޅުވުމުގެ މާނޭވާފުޅަކާއެކު" އެވެ. އެހެންނަމަވެސް، ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އުވިދިއުމަށްފަހު ހިނގި ގަޑުބަޑުތައް މައިތިރިކުރައްވައި، އަލުން ގާނޫނުއަސާސީއެއް ޑްރާފްޓްކުރެއްވުމުގެ މަސައްކަތަށް ރަންނަބަނޑޭރި ކިލެނގެފާނު އަލުން ރާއްޖެ ވަޑައިގަތެވެ.

އެއީ ޝަމްސުއްދީން ރަދުން ގާނޫނުއަސާސީއާ ހިލާފުވެވަޑައިގަތްކަން ސާބިތުވެ ވެރިކަމުން އަޒުލުކުރެވުނު ފަހުން ހިނގައިދިޔަ ހައިޖާނުގެ ތެރެ އެވެ. އޭރު ސިޔާސީ ބޮޑުންގެ މެދުގައި އެކަކު އަނެކަކާމެދު އޮތް ޝައްކާއި ހަސަދައާއި ނޭއްގާނީ ހުރިހާ ވިސްނުމެއްގެ ސަބަބުން އުފެދިދާނޭހާ ހަމަނުޖެހުމެއް ދަފަރާކުރެއްވީ ރަންނަބަނޑޭރިކިލެގެފާނުގެ ހިކުމަތުންނެވެ. ގާނޫނުއަސާސީ އިސްލާހުކުރައްވައި، އެ ގާނޫނުއަސާސީއާ އެއްގޮތަށް އުޅުމަށް ސިޔާސީ ބޮޑުންނަށް ނަސޭހަތް ދެއްވައި ވަސިއްޔަތް ކުރެއްވުމަށްފަހު އަނެއްކާވެސް އެކިލެގެފާނު މިސްރަށް ވަޑައިގެންނެވީ އެވެ.

ރަންނަބަޑޭރިކިލެގެފާނު މާލެއިން ފުރާވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވަނީސް އަނެއްކާވެސް ސިޔާސީ މަސްރަހު ކިލަނބުވެއްޖެ އެވެ. ސިޔާސީ ބޮޑުން ބޭނުންވާ ގޮތަށް ކަންކަން ގެންދިއުމަށްޓަކައި ގާނޫނުއަސާސީގެ ވަރަށް މުހިންމު މާއްދާތަކަށް 'ކުޑަކުޑަ' ބަދަލުތައް ގެނެވޭން ފަށައިފި އެވެ. އެގޮތުން ގެނެވުނު ހުތޫރަތްތެރި އެއް ބަދަލަކީ ގާނޫނުއަސާސީ އިސްލާހުކުރުމުގައި ރާއްޖޭގެ އަތޮޅުތަކުން މީހުން އިންތިހާބުކޮށްގެން މަޖިލިސް އެކުލަވާލުމުގެ އުސޫލު ބަދަލުވުމެވެ. އެ ވާހަކަ ގާނޫނުއަސާސީގައި އޮތް މާއްދާގެ އިބާރާތަށް ބަދަލު ގެނެސް ލިޔުނީ "ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ނުވަތަ އައު ގާނޫނުއަސާސީއެއް ފާސްކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނާއި، މާލޭގައި އެވަގުތަކު ތިބި އިލްމުވެރިންނާއި އިއްޒަތްތެރިންގެ ވަކި މަޖިލީހެެއްގައި އެ މަޖިލީހުގެ ތިންބައިކުޅަ އެއްބައިގެ އަގުލަބިއްޔަތުން ފާސްވެގެން ރަދުންގެ އަމުރަށެވެ." މިހެންނެވެ. އެ އިސްލާހު މަޖިލީހަށް ހުށަހެއްޅުއްވި އޭރުގެ ވަޒީރުއްދާހިލިއްޔާ، އަލްއަމީރު ހަސަން ފަރީދު ދީދީ އެވެ.

އެ ބަދަލުގެ ފަހުން އަނެއްކާވެސް 1938 ވަނަ އަހަރު ގާނޫނުއަސާސީއަށް ވަރަށް ބޮޑެތި ބަދަލުތައް ގެނެވިއްޖެ އެވެ. ގާތްގަނޑަކަށް މުޅި ގާނޫނުއަސާސީ އަލުން ލިޔުއްވީ އެވެ. އެހެންނަމަވެސް ލިޔުނު އެއްޗަކާއި ކަންހިނގަމުން ދިޔަ ގޮތުގައި ހުރީ ބޮޑެތި ތަފާތުތަކެވެ. ދުސްތޫރީ ހުކޫމަތެއް ހިންގުމަށް ގާނޫނުއަސާސީއެއް ލިޔެފައި އޮތަސް އަމަލުކުރަމުން ގެންދިޔައީ އެ ގާނޫނުއަސާސީއަށް ބަލައިގެނެއް ނޫނެވެ.

އަމީންދީދީ ސިފަކުރައްވާ ގޮތުން ގާނޫނުއަސާސީއެއް ލިޔެވުނު ފަހުން އެ ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެވުނީ އެންމެ ދޮޅު އަހަރުވާންދެނެވެ. އެ ގާނޫނުއަސާސީގެ ދަށުން އުފެދުނު ގާނޫނު ހަދާ މަޖިލީހުގައި ކުރެވެމުންދިޔަ ބަހުސްތަކާއި، މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ ކަންކަމަށް ވެރިކަން ހިންގާފަރާތުން ދިޔައީ ތަބާވަމުންނެވެ. ވެރިކަމުގެ ފަރާތުން ބޭނުންވާ ކަންކަން ކުރަނީ މަޖިލިސް ތެރެއިން 'ލޮބީކޮށްގެން' އެ ބޭނުންވާ ކަމެއްގެ ހުއްދަ މަޖިލީހުން ހޯދައިގެންނެވެ. އެހެންނަމަވެސް އެކަމުގެ ހުރި އުނދަގޫކަމުގެ ނަތީޖާއަކަށްވީ ގާނޫނުއަސާސީއެއް އޮތުމަކީ ވެރިކަން ހިންގުމަށް އޮތް ބޮޑު ހުރަހަކަށް ވުމެވެ. ވެރިކަމުގެ ކަންކަމާ ބައްސަންޖެހޭ މީހުންގެ ގިނަކަމުން، އެކަމުން އަރައިގަތުމަށް އެހެން ސަބަބުތައް ދައްކައިގެން ހޯދި ވަގުތީ ހައްލުގެ އަސަރަކީ މުޅި ދުސްތޫރީ ހުކޫމަތު ގަޑުބަޑުވުމެވެ.

އަނެއްކާވެސް 1939 ވަނަ އަހަރުގެ ފެބުރުއަރީ 20 ވަނަ ދުވަހު ރާއްޖެ ދުށީ ދުސްތޫރީ ބޮޑު ބަދަލެކެވެ. ކުއްލި ގޮތަކަށް މަދަރްސަތުއްސަނިއްޔާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ބައްދަލުވުމަކަށްފަހު ނިންމުނީ ރާއްޖޭގެ އެއިރުގެ ހާލަތަށް ކަމުނުދާތީ ގާނޫނުއަސާސީ އުވާލެވުނު ކަމަށެވެ. އަދި އަލްއަމީރު ހަސަން ފަރީދު ދީދީއަށް ރާއްޖޭގެ އެންމެ މަތީ ވަލީ އޮތުމަށް ފެނިގެން އެކަންވެސް އެގޮތުގެ މަތީން ކަނޑައެޅިއްޖެ އެވެ. ތަހުތުގައި އިންނެވީ އައްސުލްތާން ހަސަން ނޫރައްްދީން އެވެ. އޭރު ގާނޫނުއަސާސީއެއް އޮތްކަމެއް ނުވަތަ ނެތްކަމެއް ކަށަވަރެއް ނުވެ އެވެ. ވެރިކަން ހިންގަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ބަޔަކު މީހުން ބުނަނީ ގާނޫނުއަސާސީއެއް އޮތްކަމަށް އެބައިމީހުން ދެކޭތީ އެވެ. އެހެންނަމަވެސް ވެރިކަމުގެ ހަގީގީ ބާރުއޮތް ބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި ގާނޫނުއަސާސީ އުވިއްޖެ އެވެ.

ތިން އަހަރެއްހައި ދުވަސްފަހުން، 1942 ގައި އަނެއްކާވެސް ގާނޫނުއަސާސީއެއްގެ ވާހަކަ ދެކެވޭން ފަށައިފި އެވެ. ގާނޫނުއަސާސީއެއް އޮތުމުގެ ބޭނުންތެރިކަން ބޮޑުކަމުން އެކަން ހުށަހެޅުއްވީ ރަދުން ހަސަން ނޫރައްދީންގެ ފަރާތްޕުޅުންނެވެ. އެންމެ 12 ސަފުހާގެ މައްޗަށް އެކުލެވޭ ކުޑަ ގާނޫނުއަސާސީއެއް ފާސްވެ އެއީ ދައުލަތް ހިންގާންވީގޮތްކަމަށް މީހުން ރުހިގެންފި އެވެ. އެ ގާނޫނުއަސާސީގައި އޮތްގޮތުން 'ރާއްޖެ ބެލެހެއްޓުމުގެ އެންމެ މަތީ ދަރަޖައިގެ ވެރިކަންވަނީ ރަދުންނާއި ވަޒީރުލްއައުޒަމަށެވެ.' ކޮން މަގާމަކަށް ކިހައި ބާރެއްކަން އެއީ ބަޔާންވެފައި އޮތް އެއްޗެއް ނޫނެވެ. ގާނޫނުއަސާސީ ފަރުމާކުރެވުނީ އޭރު ތިބި ވަކިބަޔަކަށް ހެޔޮވަރުކޮށް، ވަކިވަކި ބޭފުޅުންގެ ސިޔާސީ މަސްލަހަތުތައް ހަމަޖެއްސުމުގެ ނިޔަތް އިސްކޮށްގެންނެވެ.

މި ވާހަކަ މިހާ ދިގުކޮށް މި ދެއްކީ ސަބަބެއް އޮވެގެންނެވެ. އަޅުގަނޑުމެންގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަމީންދީދީ، ރާއްޖޭގެ ގާނޫނުއަސާސީއެކޭ މޫސަ ކުއްޓިގެ މަޝްހޫރު ކެޔޮގަނޑެކޭ އެއްވަރުކަމަށް ވިދާޅުވީ ކޮންފަދަ އަސަރެއް ހިތްޕުޅަށް ކުރައްވާފައި އޮވެގެންކަން ވިސްނައިގަތުމަށް ފަސޭހައަކަށެވެ. ދުސްތޫރީ ހުކޫމަތެއް ގެނައުމުގެ ހުރިހާ މަރުހަލާއެއްގައި މެކެވި، ފަހުން 'އޮލަނބުދަނޑިއަކަށް' ވެވަޑައިގެންފިކަމުގެ އިހުސާސަކީ ފަސޭހަފުޅު އިހުސާސަކަށް ނުވާނެ އެވެ. ގާނޫނުއަސާސީ އޮތީ އެވެ. ހިންގަވަން ތިއްބެވި ބޭފުޅުން އަމަލުކުރައްވަނީ އެހިނދަކަށް ފެނިވަޑައިގެންނެވި ގޮތަކަށެވެ.

ދެން މޫސާ ކުއްޓިގެ ކެޔޮގަނޑުގެ ވާހަކަ އެވެ. މޫސަ ކުއްޓިއަކީ ހިތްޕުޅުހެޔޮ ސާދާ މިޒާޖުގެ ބޭފުޅެކެވެ. މީހަކު ހިތުގައި ޖެހިދާނޭފަދަ ކަމެއް ނުކުރައްވާނެ އެވެ. ހުރިހާ އެންމެންނާ ހަމަ އެއްވަރަކަށް ގުޅުން ބާއްވާނެ އެވެ. މާލެތެރޭގައި މިހެން ދިރިއުޅުން ވެއަތުކުރައްވާއިރު، ރަށްރަށުން ތަކެތި ގެނެސްގެން ވިއްކެވުމަކީ ދޭތެރެދޭތެރެއިން ކުރައްވާ ކަމެކެވެ. އެހެންވެ، މޫސާ ކުއްޓި މަގުމަތިން ފެނިއްޖެނަމަ އެވެނި އެއްޗެއް މިވެނި އެއްޗެއް ވިއްކަން އެބަހުރިތޯ މީހުން އަހާލާނެ އެވެ.

އެއްފަހަރަކު މޫސަ ކުއްޓިއަށް ރަށަކުން ގެނެވިފައި އޮތީ އެންމެ ކެޔޮގަނޑެކެވެ. ކެޔޮ އެބަހުރިތޯ މީހަކު އަހާލާއިރަށް ވިދާޅުވެ އެވެ. ޔަގީންތާ އެވެ. ކެޔޮ އެބަހުއްޓެވެ. ދެން މޫސަ އަރިހުގައި އެ ކެޔޮގަނޑު ބަލާލަން އެމީހާ މޫސަގެ ގެއަށް ދެ އެވެ. ކެޔޮގަނޑު ބަލާލާފައި ފައިސާ ބަލާ ހިނގައިދާނެ އެވެ. މިގޮތަށް ކިތަންމެ މީހެކެވެ. ކޮންމެ މީހަކު އަހާލާއިރަށްވެސް މޫސަ ކުއްޓި ވިދާޅުވަނީ ކެޔޮ އެބަހުރި ކަމަށެވެ. ދެން ކެޔޮގަންނަން އެކި މީހުން އަންނައިރު، އޭގެ ކުރިން އައި މީހަކަށް އަރިއެއް ވިއްކާފައި އޮވެދާނެ އެވެ. އެގޮތަށް އަރިއަކުން އަރިއަކުން ވިއްކަމުން ގޮސް މުޅި ކެޔޮގަނޑު ހުސްވެ އެވެ. އޭރު މޫސަ ކުއްޓި އަތުގައި ކެޔޮހުރި ކަމަށް މުޅި މާލެއަށް ހަބަރުވެއްޖެ އެވެ. ކެޔޮ ހުރިކަމަށް ހަބަރުވެގެން އެ ގަންނަން މީހުން އަންނައިރު ކެޔޮގަނޑު އޮންނަނީ ހުސްވެފަ އެވެ. އަރިއަރިން ގަނެގެން ދިޔަ މީހުން ވެސް ގަންނަން ދިޔައިރު ކެޔޮގަނޑު ފެނުނީ ފުރަތަމަ ފެނުނުއިރު އޮތް ގޮތަކަށް ނޫނެވެ. އެއްބައި މަދުކޮށެވެ.

މި ހާދިސާއެއް ހިނގައިދިޔަފަހުން މިއީ މަޝްހޫރު މިސާލު ބަހަކަށް ވެއްޖެ އެވެ. އެއްޗެއް ހުރިތޯ ނެތްތޯ ކަށަވަރުކޮށްނުދެވޭ ހާލަތުގައި ތިޔައެކޭ މޫސަ ކުއްޓިގެ ކެޔޮގަނޑެކޭ ތަފާތެއް ނެތެއް ނޫންހޭ ބުނެ އުޅުނެވެ.

މި ވާހަކަ މި މައުލޫމާތު އެނގިވަޑައިގަންނަވާ ތިން ބޭފުޅެއްގެ އަރިހުން ސާފުކުރީމެވެ. ވާހަކަ އައީ ދާދި އެއްގޮތަކަށެވެ. މޫސަ ކުއްޓިއަކީ ކާކުތޯ އެހުމުން އެ ތިން ބޭފުޅުންވެސް އެއީ މިވެނި މީހެކޭ ވިދާޅުވެ ވަކި ބޭފުޅެއްގެ ވާހަކަ ވިދާޅުވެއްޖެ އެވެ. އެހެންވެ، އެ ލޭ ހިނގާ ބޭފުޅަކަށް ގުޅާލީމެވެ. އެ ބޭފުޅުން އެ ވިދާޅުވާ މޫސަ ކުއްޓިއަކީ އެކަހަލަ މަސައްކަތެއްގައި އުޅުއްވި ބޭފުޅެއް ނޫންކަމުގެ ކަށަވަރުކަން ލިބުނެވެ. އަދި ތާރީހުތަކުން ބެލީމާ އެބޭފުޅުން އެ ވިދާޅުވާ މޫސަ ކުއްޓި ވާނީ އަމީންދީދީ މި މަޒުމޫނު ލިޔުއްވި ދުވަސްވަރަށް ބަލާއިރު ޅަ ކުއްޖަކަށެވެ. އެހެންވީމާ، އަމީންދީދީ މި ވިދާޅުވަނީ އެހެން މޫސަ ކުއްޓިއެއްގެ ވާހަކަ ކަމަށްވުން އެކަށީގެންވެ އެވެ.

ކޮންމެޔަކަސް، މާލެތެރޭގައި މަޝްހޫރުވެފައި އޮތް މިސާލު ބަހަކުން އަމީންދީދީ އެ ވިދާޅުވެދެއްވީ ރާއްޖޭގެ ގާނޫނުއަސާސީގެ އޭރުގެ ހާލަތެވެ. މިވާހަކައެއް ހަނދާނަށް އަންނަ ގޮތެއް މިވީ ދާދި މިދާދުވަހަކު ސުޕްރީމް ކޯޓުގައި ހިނގި ޝަރީއަތެއްގައި ފަނޑިޔާރު ހުސްނުއްސުއޫދު މި މިސާލު ވިދާޅުވުމުންނެވެ. ކެންޑިޑޭޓެއްގެ ޝަރުތެއް އުނިވެއްޖެތޯ ހިންގުނު އެ ޝަރީއަތުގައި ފަނޑިޔާރު ސުއޫދު ސުވާލުކުރެއްވީ ދައްކަންޖެހޭ ސާބިތު ދަރަންޏެއް އެއް ދުވަހު އޮވެފަ އަނެއް ދުވަހު ދަރަންޏެއް ނެތިފައި މިހެން މިދަނީ މޫސަ ކުއްޓިގެ ދޮންކެޔޮގަނޑަށް ވާހެންތޯއޭ އެވެ.

ގާނޫނުއަސާސީގެ ހާލަތާމެދު އަމީންދީދީ މި މިސާލު ޖެއްސެވި ޒަމާނުގައި ރާއްޖޭގެ ދުސްތޫރީ ހުކޫމަތުގައި ލިޔެވެމުން ދިޔައީ ކަޅު ސަފުހާތަކެކެވެ. ގާނޫނުއަސާސީއަށް އަމަލުކުރުން އޮތީ އެކީއެކަށް ދޫކޮށްލެވިފަ އެވެ. ގާނޫނުއަސާސީއެއް އޮތުން ބޭނުންތެރިކަމަށް ދެކިގެން އުޅުނު މީހުންގެ އަދަދުވެސް މަދީ އެވެ.

"...އާދޭހެވެ! އަޅުގަނޑުމެންގެ ހާލަތު ހުރިގޮތުން ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތް ހިންގޭން އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނެ އެވެ. ގާނޫނުއަސާސީގައި އެކައްޗެއް ލިޔެފައި ބާއްވައިގެން އެހެންގޮތަކަށް ދައުލަތް ހިންގަމުން ދިއުމަކީ އިންތިހާ ދަރަޖައިގެ ހިޔާނާތެކެވެ. އެހެންކަމުން،.... އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެންނަށް އަމަލުކުރެވޭނޭ މިންވަރަކަށް، އަމަލުކުރެވޭނޭ ގޮތަކަށް ގާނޫނުއަސާސީ ބަދަލުކުރުމެވެ." މަޒުމޫނުތަކުގެ ސިލްސިލާ ނިންމަވާލައްވަމުން އަމީންދީދީ ވިދާޅުވެފައި އޮވެ އެވެ.

އަޅުގަނޑުމެން މިހާރު މި އަމަލުކުރަމުން ގެންދާ ގާނޫނުއަސާސީއަކީވެސް މޮޅު ގާނޫނުއަސާސީއެކެވެ. އެ ގާނޫނުއަސާސީގެ ލަފުޒެއް ނުވަތަ އިބާރާތެއްގެ އުނިކަމެއްގެ ވާހަކައެއް އެއީ ބައެއް ބޭފުޅުންގެ އަރިހުގައި ދެއްކުންވެސް ހެޔޮވެގެންވާނޭ ވާހަކައެއް ނޫނެވެ. އަމުދުން އެ ގާނޫނުއަސާސީ ފަރުމާކުރެއްވި ބޭފުޅުންގެ ހިތުގެ ހިމަނާރަށް ކުރާ އަސަރަކުން އެފަދަ ވާހަކަ ދެއްކުމާ ދުރުހެލިވެވޭތޯ ބެލުމަކީ އަޅުގަނޑުވެސް ހިފާމަގެވެ. އެހެންނަމަވެސް ހަގީގަތުން ދުރަށް ޖެހެވި ތާއަބަދަކު ނުތިބެވޭނެ ނޫންތޯ އެވެ.

އަޅުގަނޑުވެސް އެއްބަސްވާގޮތުގައި ރާއްޖޭގެ މިވަގުތުގެ ހާލަތުގައި އަމީންދީދީ ޖެއްސެވި ފަދަ މިސާލެއް މި ގާނޫނުއަސާސީއާމެދު ޖެހޭކަށް ނެތެވެ. މަދު ފަހަރެއްގައި ނުފެންނަކަމަށް ހަދައިގެން ތިއްބަސް ގިނައީ އަޅުގަނޑުމެންނަށް ގާނޫނުއަސާސީ ފެނި އެ މައްޗަށް އަމަލުވެސް ކުރެވޭ ފަހަރެވެ. މި ވާހަކަ މި ދެންނެވީ އެކަމާ އަޅުގަނޑު ފަހުރުވެރިވާތީ އެވެ. އެހެންނަމަވެސް، ގަދަބާރުން އުފަންކުރުވި މި ގާނޫނުއަސާސީގައިވެސް އަޅުގަނޑުމެން އިތުރަށް ވިސްނާލަންޖެހޭ މާއްދާތަކާއި، އިތުރުކުރަންޖެހޭ މާއްދާތަކާއި އިތުރަށް ތަފުސީލު ހިމަނާންޖެހޭ މާއްދާތައްވެސް އެބަހުއްޓެވެ. މިނިވަން މުއައްސަސާތަކުގެ ދައުރާއި ފާރަވެރިވުމުގެ ނިޒާމު ރޭވިފައި އޮތްގޮތާއި، މިކަންކަމަކީ އަލުން ފިކުރު ހިންގާލުން ހަމަ އެންމެ ރަނގަޅު ކަންކަމެވެ. އެ ވާހަކަ އެގޮތަށް ދެންނެވުމަކީ ގާނޫނުއަސާސީ އެކުލަވާލި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ރައްދުކުރެވޭ ދެރަ ބަހެއް ނޫނެވެ. ކަމުގެ ހަގީގަތެވެ. އެމައްޗަށް ފިކުރު ނުހިންގައި ލަސްކޮށްފިނަމަ މާ ދުރުނޫން މުސްތަގުބަލެއްގައި މި ގާނޫނުއަސާސީ ވެސް މޫސަ ކުއްޓިގެ ކެޔޮގަނޑުގެ ހާލަތަށް ދިއުމަކީ ނުވާނޭ ކަމެއް ނޫނެވެ.

މި ލިޔުމާ ގުޅޭ ރަދީފު

  • "އޮލަނބުދަނޑި"

ތަނެއްރާނާއިރު އޮލަނބަށް ތެދުކޮށް ރޭނުމަށް ޓަކައި ރޯނުދަމާން ޖަހާ ދަނޑި

  • "އޮލަނބުދަނޑިއަކަށް ނުވާށެވެ"

ކަމެއް ކުރުމުގައި މީހަކު ބައިވެރިވެގެން އެ ކަމެއްކޮށް މަގުސަދު ހާސިލުވުމުން، އެ މީހެއްގެ ބޭނުން ނުހިފާނޭ ކަންކަމުގައި މާ އިސްމީހަކަށް ވެގެން ނޫޅޭށެވެ.

  • "ދަފަރާ"

ކަމަކުންވާ ދިފާއު ނުވަތަ ސަލާމަތް.