Advertisement

ހީވަކި މައިދައިތަ ހޮޅިންނަށް އަވަސްކޮށްލިހެން އަވަސްކޮށްލިޔޯ

12 އޭޕްރީލް 2024 - 09:56 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ހީވަކި މައިދައިތަ ހޮޅިންނަށް އަވަސްކޮށްލިހެން އަވަސްކޮށްލިޔޯ

12 އޭޕްރީލް 2024 - 09:56 0

ރާއްޖޭގެ ސަރަހައްދު ކަމަށް އިހުގެ ލޯމާފާނުތަކުގައި ބަޔާންވެފައިވާ ސަރަހައްދަކީ 'މަލިކައްޑޫ މިދެމެދު' އެވެ. މަލިކާއި އައްޑޫއާއި ދެމެދުގައި ވާހާ ރަށްތަކެކެވެ. މަލިކަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް ޒަމާނުގައި ވެސް މަލިކުގެ މައްޗަށް ދިވެހިރާއްޖޭގެ ރަސްމީ ސަރުކާރުގެ ބާރު ނުހިނގައި ކަންނަންނޫރުގެ ބާރު ގަދަކޮށް އޮތް ޒަމާންވެސް ތާރީހު ދެކެފި އެވެ. މަލިކު އޮތް ސަރަހައްދުގެ ސަބަބުން ވިޔަފާރި އާއި އިގުތިސާދީ ގުޅުންތައް ބާއްވަން ފަސޭހައީ ކަންނަންނޫރާއެކު ކަމަށްވުމަކީ އެކަމުގެ އެއް ސަބަބެވެ.

ހޮޅިން ރާއްޖެ ހިފުމަށް މަސައްކަތްކުރިއިރު މަލިކާއި އައްޑޫއާ ދެމެދު ހުރި ރަށްތަކުގެ ތެރެއިން އެމީހުންނަށް ހަމަލާ ދެވެން އޮތް ކޮންމެ ރަށަކަށް އަރައި ހަމަލާދީ ހެދި އެވެ. މުޅި އެ ހަރަކާތް ރޭވިފައި އޮތީ ހަގީގީ ގެއްލުން ދިނުމަށްވުރެ ބޮޑަށް ބިރުދެއްކުމުގެ މައްޗަށެވެ. ކޮންމެ ރަށަކަށް އަރައި، އެހެން ރަށްތަކަށްވެސް އަލި ފެންނަ ގޮތަށް އެރަށެއްގައި ހުޅުޖެހުމަށްފަހު އަވަސް އަވަހަށް ފުރައިގެން އެހެން ރަށަކަށް ދަނީ އެވެ. ރަށުގެ މީހުންނާ ކުރިމަތިލުމަށްވުރެ ވިސްނުން އޮތީ ބާރުވެރިކަމުގެ ލިސާނެއް ދޫކުރުމަށްފަހު ރަށުން ފައިބައިގެން ދިއުމެވެ.

މިގޮތަށް އަމަލުކުރުމުން އެރަށެއްގެ މައްޗަށް އެހެން ބަޔަކު ބާރުވެރިކަން ހިންގައިފިކަން އެހެން ރަށްތަކަށް އެނގޭނެ އެވެ. އެކަމުގެ ސަބަބުން ރަށުތެރޭގައި އުފެދޭނޭ ބިރުވެރިކަމާއެކު ރަށްޔިތުން މައިތިރި ކުރުމަކީ ހޮޅިންގެ އަސްލު ވިސްނުމެވެ. އެމީހުންގެ ހަގީގީ އަމާޒަކީ ދިވެހިރާއްޖޭގެ ވެރިކަމެވެ.

ހޮޅިންގެ ގުރޫޕުތައް މިގޮތަށް އެތައް ރަށެއްގައި ހުޅުޖަހަމުންދާކަމުގެ ހަބަރު މަލިކަށް އޮތީ ވެފަ އެވެ. އެ ހަބަރުވުމުން މަލިކު ހީވަކިމައިދައިތާއަށް މޮޅު ބުއްދިއެއް ލިބުނެވެ. ރަށުގެ ޒުވާން ފުރައިގެ ކުދިންނަށް ގޮވައި އިރުޝާދު ދިނެވެ. ރަށުގެ މަލަމަތިން ދުރަށް އަލިފެންނަ ގޮތަށް ރަށުގެ އަތިރިއާ ވީފަރާތުން އެތަން މިތަނުގައި ހުޅުޖަހާށެވެ. ހުޅުޖެހުމުގައި ހޮޅިންގެ އާދަ ހުރިގޮތް ހީވަކިމައިދައިތަ ދެނެގެންފި އެވެ. ރޯކޮށްލުމަށްފަހު އަވަސް އަވަހަށް އެރަށަކުން ފައިބައިގެން ދަނީ އެވެ. މިގޮތަށް މިމަސައްކަތުގައި ހޮޅިންގެ އެތައް ގުރޫޕެއް ހަރަކާތްތެރިވަމުންދިޔަ އެވެ. ހޮޅިންގެ މި އާދަ ހުރިގޮތުގެ ފައިދާ ހީވަކިމައިދައިތަ ފުރިހަމައަށް ނެގި އެވެ. ރަށުގެ ޒުވާން ކުދިން އެއްކޮށްގެން، އެކުދިންނަށް އާލާތާއި އުޖޫރަ ދީގެން ރަށުގެ މަލަމަތިން ދުރަށް ފެންނަ ގޮތަށް ހުޅު ރޯކުރުވީ އެވެ.

ހޮޅިންގެ އޮޑިތައް އެރަށާ ދިމާލަށް މިސްރާބު ޖެހިއިރު ފެނުނީ އެރަށް ރޯކޮށްފައި ހުއްޓަ އެވެ. ހޮޅިންނަށް ހީވީ އެމީހުންގެ އެހެން ގުރޫޕެއް އެރަށަށް އަރައި މަސައްކަތް ފުރިހަމަކޮށްލީ ކަމަށެވެ. އެހެންވެ އެ ގުރޫޕުގެ އަމާޒު އަނބުރާލައި އެހެން ރަށަކަށް މިސްރާބު ޖެހީ އެވެ. އެރަށުގައި ހުޅު ރޯކުރީ ކޮންބައެއްތޯ އަދި އެކަން ހިނގާފައިވަނީ ކިހިނެއްތޯ ބަލާކަށް އެމީހުން މަސައްކަތެއް ނުކުރެވެ. އެމީހުން އިސްކަން ދިނީ ހަވާލުވެފައި އޮތް މަސައްކަތް އަވަހަށް ފުރިހަމަކުރުމަށެވެ.

މި ހާދިސާގެ ފަހުން މިއީ މިސާލު ބަހަކަށްވި އެވެ. ކަމެއް ރަނގަޅަށް ކުރުމަށްވުރެ، އަވަސް އަރުވާލައިގެން އެކަމެއް ކުރެވުނު ގޮތަކަށް ކޮށް ނިންމާލައިފިނަމަ 'ތިއޮތީ ހީވަކިމައިދައިތަ ހޮޅިންނަށް އަވަސްކޮށްލިހެން އަވަސްކޮށްލާފަ' އޭ ބުނެ އުޅޭނެ އެވެ.

މައުލޫމާތު؛ ދިވެހިންނާއި މަލިކު؛ ޑރ.މުނީރު (މަލިކު)