Advertisement

ޔޫރަޕްގައި ހިމަބިހި ފެތުރުން އިތުރުވެ، ފަސް މަރު

24 ޖަނަވަރީ 2024 - 06:28 0


ޔޫރަޕްގައި ހިމަބިހި ފެތުރުން އިތުރުވެ، ފަސް މަރު

24 ޖަނަވަރީ 2024 - 06:28 0

ނިމިގެން ދިޔަ 2023 ގައި ޔޫރަޕުގައި ހިމަބިހި ފެތުރުން 30 ގުނަ އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

ޔޫރަޕްގައި 2022 ވަނަ އަހަރު ހިމަބިހީގެ 941 ކޭސް ފެނިފައި ވާއިރު، ނިމިގެން ދިޔަ އަހަރު 30،000 އަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެ އެވެ.

ޔޫރަޕްގެ ހާލަތާ ބެހޭ ގޮތުން ޑަބްލިޔޫއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ޑރ. ހާންސް ކްލޫޖް ވިދާޅުވީ ހިމަބިހި ޖެހިގެން ގާތްގަނޑަކަށް 21،000 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި، ފަސް މީހަކު މަރުވެފައިވާ ކަމަށެވެ.

މިއީ ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް، ހާންސް ގޮވާލެއްވީ އަވަސް ފިޔަވަޅުތައް އެޅުމަށެވެ. އެކަމަށް އެންމެ މުހިންމީ ވެކްސިން ފުރިހަމަ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕްގައި ހިމަބިހި އިތުރުވީ ޑަބްލިޔޫއެޗްއޯއިން ގަބޫލުކުރާ ގޮތުގައި ކޮވިޑުގެ ތެރޭގައި ހިމަބިހީގެ ވެކްސިން ކުޑަކުދިންނަށް ދިނުން ދަށްވުމުންނެވެ.

އިނގިރޭސި ވިލާތުގެ ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި ހިމަބިހި ބޮޑަށް ފެތުރެމުން ދަނީ ވެކްސިން ދިނުން ދަށް ސަރަހައްދުތަކުގަ އެވެ. ވެކްސިން ނުޖެހުމުގެ ސަބަބުން 16 އަހަރުން ދަށުގެ 3.4 ކުދިންނަށް ނުރައްކާ އޮތް ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.

ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ޕްރައިމަރީ ސްކޫލް ފަށާ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައި ވަނީ 85 ޕަސެންޓު ކުދިންނެވެ.