Advertisement

ފަސްއަހަރުގެ މެދުކެނޑުމަކަށްފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މިއަހަރު ބާއްވަނީ

23 ޖަނަވަރީ 2024 - 18:11 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން އެންސީއޭއިން ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތެއްގެ އިނާމުދިނުމުގެ ހަފުލާ -- ފޮޓޯ: މުނިއަވަސް


ފަސްއަހަރުގެ މެދުކެނޑުމަކަށްފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މިއަހަރު ބާއްވަނީ

23 ޖަނަވަރީ 2024 - 18:11 0

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މިއަހަރު ބޭއްވުމަށް ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންސީއޭއިން މިއަދު ގެޒެޓު ކުރި އިއުލާނުގައި ވަނީ މުބާރާތުގެ އުސޫލާއި ބައިވެރިވުމަށް އެދޭ ފޯމުގެ އިތުރުން ކޮންޓެންޓު ގައިޑު އާންމުކޮށްފަ އެވެ.

އެގޮތުން މުބާރާތްތަކުގައި ބައިވެރިވާ އޮފީސްތަކުން ޑްރާމާ ހަދަން ޖެހޭނީ އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތާ ގުޅުން ހުރި އިޖުތިމާއީ މައްސަލައަކަށް ބިނާކޮށް އެ މައްސަލައަށް ހައްލެއް ހޯދޭނެ ތީމެއްގެ މައްޗަށް ކަމަށް އެންސީއޭއިން އާންމު ކުރި އުސޫލުގައި ބުނެފައިވެ އެވެ.

އަދި މުބާރާތުގައި ބައިވެރިކުރާ ޑްރާމާއަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގެ ތާރީހާއި އާދަކާދައާ ހިލާފު ނުވާ މުޖުތަމައުގައި ހިމެނޭ ދޭދޭ އަފުރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ހަދާ ޑްރާމާއަކަށް ވާންޖެހޭނެ ކަމަށް އެންސީއޭގެ އުސޫލުގައި ބުނެފައިވެ އެވެ. އުފައްދާ ޑްރާމާއެއްގެ ތީމް ކުރިއަށްދާ ޝަރުއީ އެއްވެސް މައްސަލައަކަށް ބިނާކޮށްގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

މި އަހަރުގެ ރޯދަ މަހު ދެއްކުމަށް ނިންމާފައިވާ އެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ފެބްރުއަރީ 1 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން މުބާރާތުގައި ބައިވެރިވުމުގެ ފޯމު އެންސީއޭއަށް ހުށަހަޅަންޖެހޭނެ އެވެ.

މުބާރާތުގައި ބައިވެރި ކުރާ ޑްރާމާތައް އެންސީއޭއަށް ހުށަހަޅަންޖެހެނީ މާޗު 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިންނެވެ. ޑްރާމާއާއެކު ބައިވެރިންގެ މައުލޫމާތު ފޯމާއި އެއް މިނެޓަށްވުރެ ދިގުނޫން ޓްރެއިލާއަކާއި ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ކްލެސިފައި ކުރުމަށްފަހު ކްލެސިފިކޭޝަން ސެޓުފިކޭޝަން ސެޓުފިކެޓު ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެންސީއޭގެ އުސޫލުގައި ބުނެފައިވެ އެވެ.

އެންސީއޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި އަމިއްލަ މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. ނަމަވެސް މިނިސްޓަރީތަކާއި މިނިސްޓަރީތަކުގެ ދަށުން ހިނގާ އެއްވެސް އޮފީހަކަށް އެ މުބާރާތުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

މުބާރާތަށް ހުށަހަޅާ ޑްރާމާތަކުގައި ބައިވެރިވާން ޖެހޭނީ ޑްރާމާ ތައްޔާރު ކުރާ އޮފީސްތަކުގައި ނުވަތަ ކުންފުނިތަކުގައި ފުލްޓައިމްކޮށް ނުވަތަ ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަންޏެވެ. ނަމަވެސް ޑްރާމާއެއްގެ ވާހަކަ އޮންނަ ގޮތުން ޑްރާމާގައި ކުޑަކުއްޖަކު ބައިވެރި ކުރަން ޖެހިއްޖެ ހާލަތެއްގައި ކުޑަކުއްޖަކު ބައިވެެރި ކުރުމަށް އެ އުސޫލުގައި ހުއްދަ ދީފައިވެ އެވެ. އެހެނަސް ޑްރާމާގައި އެ ކުއްޖާގެ ރޯލަކީ ޑްރާމާގެ 25 އިންސައްތައަށްވުރެ ބޮޑު ބަޔަކަށް ވެގެން ނުވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް އޭސީއޭއިން ހުށަހަޅާފައި ވަނީ 50،000ރ. ރުފިޔާގެ ފައިސާގެ އިނާމެކެވެ. އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަށް އެންސީއޭއިން ހުށަހަޅާފައި ވަނީ 15،000ރ. ގެ ފައިސާގެ އިނާމެކެވެ. އޭގެއިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން ސަޕޯޓިން އެކްޓަރަށް 10،000ރ. ހުށަހަޅާފައިވާއިރު، އެންމެ މޮޅު ނިއު ކަމާއަށް 5000ރ. ގެ ފައިސާގެ އިނާމެއް އެންސީއޭއިން ހުށަހަޅާފައިވެ އެވެ.

މުބާރާތުގެ ފަނޑިޔާރުކަން ކުރާނީ އެންސީއޭއިން އެކުލަވައިލާ ފަސް ފަނޑިޔާރުންގެ ޓީމަކުންނެވެ.