Advertisement

ފިތުނައިގެ ތުހުމަތު އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވީމާ ލިބުނު ފުރުސަތު

25 ޖަނަވަރީ 2024 - 12:16 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ފިތުނައިގެ ތުހުމަތު އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވީމާ ލިބުނު ފުރުސަތު

25 ޖަނަވަރީ 2024 - 12:16 1

ވެރިކަން ހިންގާ މާލޭގެ މާފަންނު އަވަށުގައި ގާރީ މުހައްމަދު ތައުފީގު އަލީ ނުދަންނަ މީހަކު މަދުވެދާނެ އެވެ. ގާރީ ތައުފީގުއޭ ބުނެގެން ނޭނގިއްޖެ ނަމަ އީގަލްސް ތޯއްޓޭ ބުނުމުން ގައިމު ވެސް އެނގޭނެ އެވެ. އެވަރުން ވެސް ނޭނގިއްޖެ ނަމަ ތޮއިބާ މިސްކިތަށް ނަމާދަށް އަރާ، ސަލަފު ޖަމިއްޔާގެ ތައުފީގޭ ބުނުމުން އެއީ ކާކުކަން ޔަގީންވާނެ އެވެ.

ކުޅިވަރުގެ މެނޭޖްމަންޓާއި ގުރްއާން އުނގަންނައިދިނުމުގައި އެތައް އަހަރެއް ހޭދަ ކުރައްވާފައިވާ ތައުފީގު، 58، ދަންނަ އެންމެން ވެސް ބުނަނީ ފިތުނަ، ގަޑުބަޑު، ފަސާދަ، ބައިބައިކުރުން އެއީ ތަބީއީ ގޮތުން ތައުފީގުގެ ހުންނަ ސިފަތަކެއް ނޫން ކަމަށެވެ. އޭނާއާ ގުޅުވައި ކޮންމެ މީހަކު ވެސް ބުނަން އޮތީ، ހިތްތިރި، ސާފު، ހިތްވަރުގަދަ، އަޅުވެރި، މިފަދަ ބަސްތަކެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒުގެ އިސް ވަޒީރު އަދި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާދީއްތަ ދުވަހު ތައުފީގަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާއަކީ ފިތުނަ އުފައްދާ މީހެއް ކަމަށެވެ. އަބްދުއްރަހީމް ތުހުމަތު ކުރެއްވީ ތައުފީގަކީ ޕާޓީ ތެރޭގައި ބައިބައިވުން އުފައްދަން މަސައްކަތް ކުރާ މީހެއް ކަމަށެވެ.

"ސިޓީ ލިބުނީ ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނު. ހީކުރީ ބަޔަކު ސަމާސާއެއް ކުރަނީ. ފަހުން އަސްލުކަން ޔަގީންވުމުން ވަރަށް ގިނަ އިހުސާސްތައް ކުރެވުނު. އެވަރުގެ ބޮޑު ތުހުމަތެއް، އެއްވެސް އަސްލަކާ ނުލާ ކުރުމުން އެކަން ގަބޫލުނުކުރެވުމުގެ އިހުސާސް އެންމެ ބޮޑީ،" ތައުފީގު މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ތައުފީގުގެ އިތުރުން ވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ޕާޓީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ޕީއެންސީ/ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތިލި 354 ގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އަބްދުއްރަހީމްގެ ސިޓީ ދިޔަ އެވެ. އެންމެން ކައިރީ ވެސް ބުނެފައި އޮތީ ޕްރިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. ފިތުނަ އުފެއްދިކަމުގެ ތުހުމަތުގެ އިތުރުން ޕާޓީއަށް ހިދުމަތް ނުކުރާ ކަމަށް ވެސް ބައެއް މީހުންނަށް އެންގި އެވެ.

އެކަމަކު ސިޓީތައް ފޮނުވިތާ އެއް ދުވަހުގެ ތެރޭގައި ޕީއެންސީން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފަ އެވެ. އެ ޕާޓީން މިހާރު ބުނަނީ، ޕްރައިމަރީގައި ވާދަ ކުރަން އެދުނު އެންމެނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތަށް ނިންމެވީ ރައީސް ޑރ. މުއިއްޒު ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން ދެން އުފެދޭ ސުވާލުތައް ގިނަ އެވެ. ކުރިން ކުރި ތުހުމަތުތަކަށްވީ ކީއްތޯ އެވެ؟ އެންމެނަށް ފުރުސަތު ދިނުމުގެ މާނައަކީ، ޕްރައިމަރީގައި ވާދަ ކުރަން އެކުލަވައިލި އުސޫލު ބޮލާލައިޖެހުން ނޫންތޯ އެވެ؟ ނުވަތަ އެ ތުހުމަތުތަކަކީ، ބޭއިންސާފުން ވަކި ބަޔަކު ހޮވުމުގެ މަގްސަދުގައި ބައެއްގެ ބޮލުގައި އެޅުވި އިލްޒާމެއްތޯ އެވެ؟

ކެންޑިޑޭޓުން ކަނޑައެޅުމުގެ އުސޫލު

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުން ކަނޑައެޅުމުގެ އުސޫލެއް ވެރިކަން ހިންގާ ކޯލިޝަނުން އޮތީ މާ ކުރިން އާންމުކޮށްފަ އެވެ.

ޕީއެންސީ/ޕީޕީއެމްއިން އާންމު ކުރި އުސޫލުގައިވާ ގޮތުން ޕްރައިމަރީގައި ވާދަ ކުރުމުގެ އުސޫލުގެ ކަނޑައެޅުމުގެ އިންތިޒާމުތައް ހަމަޖައްސަންޖެހެނީ ކޯލިޝަނުގެ ލީޑާޝިޕުންނެވެ. ޕާޓީގެ ލީޑާޝިޕުގައި ހިމެނެނީ 13 ބޭފުޅެކެވެ. އެއީ؛

  1. ރައީސުލްޖުމްހޫރިއްޔާ އަދި ކޯލިޝަނުގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒު
  2. ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
  3. ނައިބު ރައީސް އަދި ޕާޓީގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
  4. ނައިބު ރައީސް ގައްސާން މައުމޫން
  5. ނައިބު ރައީސް އަހުމަދު ޝިޔާމް
  6. ނައިބު ރައީސް މުހައްމަދު ސައީދު
  7. ނައިބު ރައީސް ހުސެއިން މުހައްމަދު ޝަރީފު
  8. ނައިބު ރައީސް އިބްރާހިމް ސުޖާއު
  9. ނައިބު ރައީސް މުހައްމަދު ނިމާލް
  10. ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް
  11. ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ތޯރިގު
  12. ސެނެޓަރު އާދަމް ޝަރީފް
  13. ސެނެޓަރު އިބްރާހިމް ފަޒުލް ރަޝީދު

ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނީ މައިގަނޑު ތިން ކަމަކަށް ބެލުމަށްފަހު ކަމަށް ކޯލިޝަނުން އާންމު ކުރި އުސޫލުގައި ބުނެފައިވެ އެވެ. އެއީ؛

  • ޑިސެމްބަރު 23، 2023 ގެ ނިޔަލަށް ޕީއެންސީ ނުވަތަ ޕީޕީއެމްގެ މެމްބަރަކަށްވުން
  • އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ފިޔަވަޅެއް އަޅާފައިނުވުން
  • ގާނޫނުތަކުގައި ބުނާ ޝަރުތު ހަމަވުން

އޭގެ އިތުރުން، މަތީގައި ބުނި ޝަރުތުތައް ހަމަވި ނަމަވެސް ޕްރައިމަރީގައި ވާދަ ކުރާ މީހުން ބެލުމުގައި އިތުރު ހަތަރު ކަމަކަށް ބަލާނެ ކަމަށް ކޯލިޝަނުގެ އުސޫލުގައި ބަޔާންކޮށްފައި އޮވެ އެވެ. އެއީ؛

  • އަބުރުވެރި ނަޒާހާތްތެރި މީހަކަށްވުން
  • މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ފަރިތަ މިންވަރު
  • ޕާޓީއަށް ހިދުމަތްކޮށްފައިވާ މިންވަރު

އެ އުސޫލުތަކަށް ބެލުމަށްފަހު ކެންޑިޑެސީ ބާތިލު ކުރިކަމުގެ ސިޓީ ލިބުނު މީހުންގެ އަދަދެއް ކޯލިޝަނުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ އެންމެންގެ ކެންޑިޑެސީ ވެސް ބާތިލު ކުރީ ދެ ކަމަކަށް ބެލުމަށްފަހެވެ. އެއީ އަބުރުވެރި، ނަޒާހާތްތެރި މީހަކަށްވާންޖެހޭނެ ކަމަށް ބުނާ ނުކުތާ އާއި ޕާޓީއަށް ހިދުމަތްކޮށްފައިވާ މިންވަރު ބެލޭނެ ކަމަށް ބުނާ ނުކުތާ އެވެ.

ފިތުނަ އުފެއްދި ކަމަށް ބުނާ ކެންޑިޑޭޓުންނަށް ކޯލިޝަނުން ފޮނުވި ސިޓީތަކުގައި ބުނަނީ؛

"މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމާ ބެހޭ އުސޫލުގެ ހަތަރު ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމައި މަނިކުފާނުފެ ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން."

އެކަށީގެންވާ ހިދުމަތެއް ނުކުރާ ކަމަށް ބުނާ މީހުންނަށް ޕާޓިން ފޮނުވި ސިޓީތަކުގައި ބުނަނީ؛

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމާ ބެހޭ އުސޫލުގެ ހަތަރު ވަނަ މާއްދާގެ ށ. ގެ ހަތަރު ވަނަ ނަމްބަރުގައި ބުނާ ގޮތުގެ މަތިން ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވާފައިވާ ކަމަށް ނުފެންނާތީ، މަނިކުފާނުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމާފައިވާތީ، ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން."

މެމްބަރުންގެ ދެކޮޅުވެރިކަމާއެކު ޕާޓީގެ ނިންމުން ބަދަލު ކުރުން

ކެންޑިޑެސީ ބަލައިނުގަތް މެމްބަރުންނަށް އަބްދުއްރަހީމްގެ ސިޓީ ލިބެން ފެށުމާއެކު އެ ނިންމުމަށް އޮތް ދެކޮޅުވެރިކަން މެމްބަރުންނާއި އެމީހުންގެ ސަޕޯޓަރުން ހާމަ ކުރަން ފެށި އެވެ. ކެންޑިޑެސީ ބާތިލު ކުރިއިރު ވަރަށް ގިނަ މެމްބަރުން ތިބީ ކެމްޕެއިން ފައްޓައި ބޮޑެތި ހަރަދުތަކެއްކޮށްގެންނެވެ.

"ސިޓީގައި ފާހަގަކޮށްފައި ހުރި ޕޮއިންޓަކަށް ބަލާއިރު ވަރަށް ބޮޑެތި ވާހަކަތަކެއް ދައްކާފައި ހުރީ. ކޯޓަށް ވެސް ދެވިދާނެ ފަދަ ވާހަކަތަކެއް އެއީ. އެއްވެސް ބެލުމެއް ނެތި، އުސޫލެއް ނެތި ކޮށްފައި އޮތް ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" މި ލިޔުމަށް ކުރިން ވާހަކަ ދެއްކެވި ތައުފީގު ވިދާޅުވި އެވެ. "މިއީ ވަރަށް ޅަފަތުގައި އޮތް ޕާޓީއެއް. ޕާޓީން ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އަޅުގަނޑު ހީކޮށްގެން ހުރީ."

ސިޓީ ލިބުނު ބައެއް މެމްބަރުން ބުނީ ޕާޓީން އެމީހުންގެ "އަބުރު ކަތިލީ" ކަމަށެވެ.

"ހައްގަކާ ނުލާ އަޅުގަނޑާއި އަޅުގަނޑާއެކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެ އިހްލާސްތެރި ބުރަ މަސައްކަތް ކުރި ޓީމުގެ އެންމެން ބާކީކޮށް، ކަތިލީ އަޅުގަނޑުމެން އެންމެންގެ އަބުރު. މީހުންނަށްވާ މީހުންގެ ކޮންމެވެސް ގޮތެއް ހުންނަންވާނެ. އަޅުގަނޑުމެން ދައްކާނީ އަޅުގަނޑުމެންގެ ޝަހްސިއްޔަތު، ތިބޭނީ ރައްޔިތުންނާއަކީ،" އައްޑޫ މީދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރަން ހުށަހެޅި އަބްދުއްރަހްމާން އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި އޮތެވެ.

ފިތުނަ އުފެއްދިކަމުގެ ތުހުމަތު ބައެއް މެމްބަރުންގެ ބޮލުގައި އެޅުވިއިރު އެ މެމްބަރުން ތިބީ ޕާޓީއަށް ގިނަ އަދަދެއްގެ އެހެން މެމްބަރުން ވައްދައިފަ އެވެ. އެފަދަ ބައެއް މެމްބަރުން ރިއެކްޓު ކުރީ ޕާޓީއަށް ވެއްދި ސަޕޯޓަރުން، ޕާޓީން އިސްތިއުފާ ދިނުމަށް ފެށި ކެމްޕެއިނަކުންނެވެ.

"މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ އިހުސާސްތަކަށް ބެއްލެވުމެއް ނެތި، ހަގީގަތާ ހިލާފު ކަންތައްތަކެއް ތުހުމަތުކޮށްފައި، ވަކި ބައެއްގެ އަމިއްލަ މަންފާއަށްޓަކައި އަޅުގަނޑު ތާއީދު ކުރާ ހ. ވާލީވިލާ، ހަސަން ޝިޔާމްގެ ކެންޑިޑެސީ ބާތިލު ކުރަން ނިންމާފައިވާކަން ހަސަން ޝިޔާމްއަށް ފޮނުވި ސިޓީއިން އެނގެން އޮންނާތީ މިއަދުން ފެށިގެން އަޅުގަނޑު ތިޔަ ކޯލިޝަނުގައި ހިމެނޭ ޕީއެންސީން ވަކިކޮށްދެއްވުން އެދި ދެންނެވިން،" މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލެއްވި ހަސަން ޝިޔާމްގެ ސަޕޯޓަރުން ސޮއި ކުރަން ފެށި ސިޓީތަކުގައި ބުނެފައިވެ އެވެ.

މެމްބަރުންގެ ދެކޮޅުވެރިކަން އިންތިހާއަށް ދިޔުމުން، ސިޓީތައް ފޮނުވިތާ 24 ގަޑިއިރު ހަމަނުވަނީސް ޕާޓީގެ ނިންމުން ކޮންގްރެސް ކޯލިޝަނުން ބަދަލު ކުރި އެވެ. އެކަން އިއުލާނު ކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމެވެ.

"ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހާ ބޭފުޅުންނަށް ވާދަ ކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި،" ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕާޓީއަށް އަމާޒުވާ ތުހުމަތުތައް ގިނަ އަދި ސީރިއަސް

ޕްރައިމަރީއަށް ވާދަ ކުރާ މީހުން ކަނޑައެޅުމުގެ އުސޫލެއް ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން އާންމު ކުރުމުން އެ އުސޫލަށް ވެސް ބައެއް މީހުންގެ ފާޑުކިޔުންތައް އޮއްސައިލި އެވެ. ވާދަވެރި ސިޔާސީން ބުނަމުންދިޔައީ ބޭއިންސާފުން ކަންތައް ކުރުމަށް ހުޅުވައިލި ދޮރެއް ކަމަށެވެ.

ކޯލިޝަނުގެ އެ އުސޫލަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ޕީޕީއެމްއިން ވަކިވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އުސޫލަށް އިންސާފުވެރިކޮށް ބެލޭނެ އެއްވެސް ގޮތެއް ނެތެވެ.

"ފުރަތަމަ ތިން ޝަރުތު އޯކޭ. ކޮން ފަހު ހަތަރު ޝަރުތެއް. އޭގެ ތެރެއިން 1,3,4 އަކަށް މާކްސް ދެނީ ކިހިނެތް؟ މިއީ ޕާޓީއަށް މީހުން ވައްދަން ހިންގާފަ އޮތް ސްކޭމެއް. ޕްރައިމަރީ ނަމުގަ ވައްކަން،" އުސޫލު ނެރުނުތާ ގިނަ ދުވަސްތަކެއްނުވެ މި ނޫހާ ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް ވިދާޅުވީ ޕްރައިމަރީގައި ވާދަ ކުރާނެ މެމްބަރުން ކަނޑައެޅުމަށް ސަރުކާރު ހިންގާ ކޯލިޝަނުން އެކުލަވައިލި އުސޫލު އިންސާފުވެރި ނޫން ކަމަށެވެ.

"މަޖިލިސް އިންތިހާބަށް ވާދަ ކުރަން ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ އިތުރަށް، އިތުރު ޝަރުތެއް ކުރެވިދާނެ ކަމަށް ނުދެކެން، ޕޓީގެ އުސޫލުތައް ގަބޫލު ކުރަންވާނީ ހަމަ އެކަނި ޓިކެޓު ބޭނުން ވާތީއެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މި ނޫހަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ނަމަވެސް އެ އުސޫލު ދިފާއު ކުރައްވަމުން، ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ކުރިން ވިދާޅުވީ، އެ އުސޫލުގެ ސަބަބުން ފުރުސަތު ބަންދުވާނީ ނޫން ކަމަށާއި އޭގެ ސަބަބުން ޕާޓީގެ މެމްބަރުންނަށް އޮތް ފުރުސަތުތައް އިތުރަށް ތަނަވަސްވެގެންދާނީ ކަމަށެވެ.

"މަޖިލީހުގެ ތަޖުރިބާއަށް ބެލުމަށް ނިންމުމުން، އާ ބަޔަކަށް ފުރުސަތު ދިނުމަށް ހުރަހެއް ނޭޅޭނެ، އާ ބޭފުޅުންގެ ތެރޭގައި ވެސް ތިއްބަވާނެ ގާނޫނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން، މި ޝަރުތުތައް މިހެން ހިމަނާފައި ހުރުމުން ޝަކުވާ އެއް މިހާތަނަށް އައިސްފައި ނެތް،" ހީނާ ވިދާޅުވި އެވެ.

ކޮންގްރެސް ކޯލިޝަނުން އާދީއްތަ ދުވަހު ނިންމުން ވެގެންދިޔައީ މެމްބަރުންނަށް ހަޖަމު ކުރަން ދަތި ހިތި ބޭސް ގުޅައަކަށެވެ. އެންމެފަހުން، ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ވެސް މި ލިބެނީ ރައީސުލްޖުމްހޫރިއްޔާ އެ ފުރުސަތު ދެއްވީމަ އެވެ. އޭގެ ސަބަބުން، ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ އިންސާފުވެރިކަމާމެދު ވެސް މެމްބަރުންގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.