23 ޖަނަވަރީ 2024 - 08:23 0
23 ޖަނަވަރީ 2024 - 08:23 0
ލިވަޕޫލް (ޖެނުއަރީ 23) - އަނިޔާވުމާ އެކު، ލިވަޕޫލަށް އައިސް ފަރުވާގެ ކަންކަން ކުރިއަށްގެންދަމުން އަންނަ ތަރި، މުހައްމަދު ސަލާހަށް، ދެން މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެވޭނީ މިސްރު ފައިނަލަށް ދަތުރުކޮށްފިނަމަ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ގާނާއާ 2-2 އިން މިސްރު އެއްވަރުވި މެޗުގައި ސަލާހުގެ ފަލަމަސްގަނޑަށް އަނިޔާވެގެން ޖެހުނީ ބަދަލުކުރާށެވެ. ފުރަތަމަ ބެލެވުނީ، ސަލާހަށް މިސްރުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިނަމަ ކުޅެވޭނެ ކަމަށެވެ. އެކަމަކު، އަނިޔާގެ މައްސަލަ ހީކުރި ވަރަށް ވުރެ ގޯސްވުމުން، ސަލާހު ވަނީ މިސްރު ކޭމްޕް ދޫކޮށް ލިވަޕޫލްގެ މެޑިކަލް ޓީމު ކައިރިން ފަރުވާގެ ކަންކަން ކުރިއަށް ގެންދަން އިންގްލެންޑަށް އައިސްފަ އެވެ.
ސަލާހުގެ އަނިޔާއާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ދިން ޖަވާބުގައި ކްލޮޕް ބުނީ، މީގެ އެންމެ މުހިންމު ކަމަކީ ސީޒަނުގެ މި ހިސާބުގައި އަވަސް އަރުވާލައިގެން ކަންކަން ކުރުމަށް ވުރެ ހަމަޖެހިގެން ގޮތެއް ނިންމުން ކަމަށެވެ. އެހެންވެ، ސަލާހުގެ ރިކަވަރީގައި ވެސް އޭނާ 100 ޕަސެންޓް ފިޓްކޮށް އެނބުރި އާދެވޭ ގޮތަށް ކަންކަން ރޭވުން މުހިންމު ކަމަށް ކްލޮޕް ބުނެފައިވެ އެވެ.
"އަހަންނަކީ ޑޮކްޓަރެއް ނޫން. އެކަމަކު، ފެންނަ ފެނުމަށް އަހަންނަށް ވެސް ލަފާ ކުރެވިދާނެ. ބެލެވޭ ގޮތުގައި މިސްރު ފައިނަލަށް ގޮސްފިއްޔާ ސަލާހަށް ކުޅެވިދާނެ، އެކަމަކު މާނަ އަކީ އޭގެ ކުރިން ފިޓްވުމުގެ ފުރުސަތެއް ނެތެކޭ އެއް ނޫން. ފިޓްވިއްޔާ ޓީމާ ގުޅެންވީ،" ބޯންމައުތު އަތުން 4-0 އިން ލިވަޕޫލް މޮޅުވެ، ލީގުގެ އެއް ވަނައިގައި ލީޑުނެގި މެޗަށް ފަހު ކްލޮޕް ބުންޏެވެ.
މިސްރުން ހަތް ފަހަރު އެފްރިކަން ކަޕް ކާމިޔާބުކުރިއިރު، އެންމެ ފަހުން ތަށި އުފުލާލީ 2010 ވަނަ އަަހަރު އެވެ.
ސަލާހު، އެންމެ ރަނގަޅު ފޯމުގައި ކުޅެން ފެށި ފަހުން، މިސްރުން ވަނީ ދެ ފަހަރު ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. އެއީ، 2017 އާއި 2021 ވަނަ އަހަރު އެވެ. ސަލާހު ބުނީ، އެފްރިކަން ކަޕް ކާމިޔާބު ކުރަން ހާއްސަ އުންމީދެއް އެބައޮތް ކަމަށާއި މި ފަހަރު އެކަން ހާސިލްނުވި ކަމުގައި ވިޔަސް އަދިވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
އެފްރިކަން ކަޕްގެ ކުއާޓާ ފައިނަލުން މިސްރުން ޖާގަ ހޯދީ ރޭ ކުޅުނު މެޗުން ކޭޕް ވާޑްއާ 2-2 އިން އެއްވަރުވެގެންނެވެ. މިސްރުން ކުޅުނު ތިން މެޗު ވެސް އެއްވަރުވެ، ދިޔައި ގްރޫޕްގެ ތިން ވަނަ އެެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ރޭ މޮޒަމްބީކުން ވަނީ އިތުރު ވަގުތުގައި ދެ ގޯލު ޖަހައި، 2-2 އިން ގާނާއާ އެއްވަރުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment