Advertisement

ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި އިޒްރޭލްގެ މައްސަލައަށް ބެލްޖިއަމްގެ ތާއީދު

22 ޖަނަވަރީ 2024 - 09:25 0

ބެލްޖިއަމްގެ މިނިސްޓަ އޮފް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކެރޮލީން ޖެނޭޒް


ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި އިޒްރޭލްގެ މައްސަލައަށް ބެލްޖިއަމްގެ ތާއީދު

22 ޖަނަވަރީ 2024 - 09:25 0

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލްއާއްމުތަކެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލަ އަށް ބެލްޖިއަމުން ތާއިދުކުރާ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިނިސްޓަރު ކެރޮލީން ޖެނެޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ފުރިހަމައަށް ތާއިދު ކުރާ ކަމަށާއި، ހަނގުރާމަ ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިޒްރޭލަށް ގޮވާލައިފި ނަމަ އެކަމަށް ބެލްޖިއަމްއިން ތާއިދު ކުރާނެ ކަމަށެވެ.

ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގެ އަޑުއެހުން ޖެނުއަރީ 11 އަދި 12 ވަނަ ދުވަހު ވަނީ ބާއްވައިފަ އެވެ. އެ އަޑުއެހުންތަކުގައި ދެކުނު އެފްރިކާއިން މައްސަލަ އިއްވާފައިވަނީ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ރޮނާލްޑް ލަމޯލާ އެވެ.

އިޒްރޭލުން މަސައްކަތް ކުރަނީ ފަލަސްތީނުގެ ގައުމިއްޔަތާއި ނަސްލު އަދި ދަރިފަސްކޮޅު ނައްތާލުމަށް ކަމަށާއި އެ އަމަލުތައް ހަނގުރާމައިގެ ޖަރީމާ ނުވަތަ ގަތުލުއާއްމު ކެޓެގަރީއަށް ފެތޭ ކަމަށް ދެކުނު އެފްރިކާއިން ބުނެފައިވެ އެވެ.

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ބުނެފައި ވަނީ ގަތުލުއާއްމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ ދެކުނު އެފްރިކާއިން ބޭނުންވަނީ ހަނގުރާމަ މެދުކަނޑާލަން އައިސީޖޭ އިން އެންގުމެވެ.

އެގޮތަށް އަމުރު ކުރިޔަސް، މާޒީއަށް ބަލާއިރު އިޒްރޭލުން އެ އަމުރަށް ތަބާވާނެ ކަމަކަށް ނުބެލެވެ އެވެ.

ޔޫކްރެއިންގެ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން މެދުކަނޑާލުމަށް އައިސީޖޭން 2022 ގައި ރަޝިއާއަށް އެންގި އެވެ. ނަމަވެސް އެ އެންގުމަށް ރަޝިޔާއިން އަމަލެއް ނުކުރެ އެވެ.

އިޒްރޭލުން ބުނަމުން އަންނަނީ ދެކުނު އެފްރިކާގެ ތުހުމަތަކީ އަސްލެއް ނޫން ކަމަށެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށި ހަނގުރާމައިގައި މިހައިތަނަށް ފަލަސްތީނުގެ 25،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ.