Advertisement

ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފެށުން: ޒޫނާ ވިދާޅުވީ "މިއީ އެންމެ އުފާވެރި ދުވަސް" ކަމަށް

20 ޖަނަވަރީ 2024 - 08:26 0

އަމަން ހަލީމް

އަމަން ހަލީމް

ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ޒޫނާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފިޝަރީޒު މިނިސްޓްރީ


ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފެށުން: ޒޫނާ ވިދާޅުވީ "މިއީ އެންމެ އުފާވެރި ދުވަސް" ކަމަށް

20 ޖަނަވަރީ 2024 - 08:26 0

"ވަރަށް ވެސް އުފާވެރި ދުވަހެއް. އަސްލުގައި ތަމްރީނުކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެކެން ބޭނުންވާ އެންމެ އުފާވެރި ދުވަސް މިއަދު މިއީ،" އިއްޔެ ހަވީރު ގދ. މަޑަވެއްޔަށް އިރު އޮއްސެމުން ދިޔައިރު، ކުރިޔަށް ގެންދިޔަ ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ފެށުމުގެ ރަސްމިއްޔާތުގައި، ޕާޑީގެ ކޯސް ޑައިރެކްޓަ ސަނަދު ހާސިލްކޮށްފައިވާ، ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ޒޫނާ ނަސީމް ވިދާޅުވީ މިހެންނެވެ.

ޑައިވިން ދާއިރާގައި މެދުކެނޑުމެއް ނެތި 28 އަހަރު ހޭދަކޮށްފައިވާ އަދި މިހާރު ވެސް އެ ދާއިރާއިން މީހުން ތަމްރީނު ކުރަމުން ގެންދާ ޒޫނާ އެހެން އެ ވިދާޅުވީ މަސްވެރިން އެން ހޯދުމަށް ޑައިވްކުރާއިރު ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުބަލައި ޑައިވްކުރާތީވެ ހިނގާފައިވާ ހިތާމަވެރި ހާދިސާތައް ގިނަ ވުމުގެ ސަބަބުންނެވެ.

އެހެންވެ، ކޮންމެ މަސް ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ބެހެއްޓުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އަސްލު ރެސްކިއު ޑައިވަރެއްގެ ބޭނުމަކީ ދޯނިމަތީގައި ޑައިވްކޮށްގެން ކަމެއް ދިމާވާ ހިނދު އޭނާ އަށް އިތުރަށް ގެއްލުން ވިޔަ ނުދީ ފަރުވާ ދެވޭ ހިސާބަށް ގެންދެވެން ދެން އޭނާ ރައްކާތެރި ގޮތުގައި ބެެލެހެއްޓުން،" ޒޫނާ ވިދާޅުވި އެވެ.


"ޑައިވެއް ކޮށްގެން މައްސަލައެއް ދިމާވެއްޖިއްޔާ އޭނާއަށް ފަރުވާ ދިނުން ލަސްވެއްޖިއްޔާ އޭނާ މުޅި އުމުރު ނުކުޅެދޭ މީހަަކަށް ވެސް ވެދާނެ. އޭގެ ބަދަލުގައި އޭނާއަށް އަވަހަށް އެ ދޭންވާ ފަރުވާ ފޯރުކޮށް ދެވިއްޖެ ކަމަށް ވާނަމަ އޭނާ އެ ބަލިން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑު."

ރެސްކިއު ޑައިވަރަކާ ހަމައަށް ދެވެނީ ގިނަ ހަރުފަތްތަކެއް ގިރާކޮށްގެންނެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާ މީހުން އޯޕަން ވޯޓާ ޑައިވިން، އެޑްވާންސް ޑައިވިން ކޯހުގެ އިތުރުން މީހުން ރަސްކިއު ކުރާނެ އުކުޅުތައް ދަސްކޮށްދޭނެ އެވެ. އަދި ފަސްޓްއެއިޑް ކޯސް ފުރިހަމަ ކުރަންޖެހޭނެ އެވެ.

ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ފުރަތަމަ ޕްރޮގްރާމުގައި ގދ. މަޑަވެލި، ދެއްވަދޫ، ގއ. ކޮލަމާފުށި، ވިލިނގިލިން ޖުމުލަ 25 މީހުން ތަމްރީނު ކުރާނެ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ޕްރޮގްރާމް ފަށަން ކެބިނެޓުން ނިންމީ ޑިސެމްބަރު މަހުގެ 24 ގަ އެވެ.

މި ޕްރޮގްރާމު އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ކުރިއަށް ގެންދިޔުމަށް މި ފެށޭ ހަފުތާގައި އިންސްޓްރަކްޓަރުން ފޮނުވުމުގެ އިންތިޒާމު ހަމަޖައްސަމުން ދާކަމަށް ފިޝަރީޒު މިނިސްޓްރީން ވަނީ ބުނެފަ އއެވެ.


ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރި ފްލީޓުގެ ކޮންމެ އުޅަނދެއްގައި މަދުވެގެން ރެސްކިއު ޑައިވަރު ލައިސަންސް އޮތް އެކަކު ބެހެއްޓުމަށް ރައީސް މުއިއްޒު ނިންމެވުމަކީ، މަސްވެރިކަމުގެ ސިނާއަތަށް އެ މަނިކުފާނުގެ އޮތް ޝައުގުގެ ބޮޑުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މި ޕްރޮގްރާމު ފެށުމަށް ފަހު ކޯހުގައި ބައިވެރިވާ މީހުންނާއި އިންސްޓަކްޓަރުންނާއެކު ޝިޔާމް ޑައިވް ކުރެއްވި އެވެ. އޭނާ ޕްރޮފެޝަނަލް ޑައިވަރެކެވެ.