Advertisement

ހުޅުމާލޭގައި ކޮންމެ ހަފުތާ ބަންދަކު ބާއްވާ އަންހެން ވިޔަފާރިވެރިންނަށް ހާއްސަ "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވައިފި

19 ޖަނަވަރީ 2024 - 22:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މީގެ ކުރިން މާލޭގައި ބޭއްވި މާކެޓެއްގެ ތެރެއިން : ހުޅުމާލޭގައި ކޮންމެ ހަފުތާ ބަންދަކު ބާއްވާ އަންހެން ވިޔަފާރިވެރިންނަށް ހާއްސަ "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވައިފި - ފޮޓޯ: އަދަދު


ހުޅުމާލޭގައި ކޮންމެ ހަފުތާ ބަންދަކު ބާއްވާ އަންހެން ވިޔަފާރިވެރިންނަށް ހާއްސަ "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވައިފި

19 ޖަނަވަރީ 2024 - 22:20 0

ހުޅުމާލޭގައި ދިވެހި އަންހެން ވިޔަފާރިވެރިން އުފައްދާ ތަކެތި ވިއްކުމަށް ހާއްސަކޮށް ކޮންމެ ހަފުތާއަކު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ "ހިޔަލަ ވީކެންޑް މާކެޓް" ރަސްމީކޮށް ހުޅުވައިފި އެވެ.

މިރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މާކެޓު ހުޅުވައިދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު އެވެ.

"އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައ،ި ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން" މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމު ވިދާޅުވީ، މި މާކެޓުން އަންހެން ވިޔަފާރިވެރިންނަށް ހުޅުވިގެންދާ ފުރުސަތުތަކުގެ ފައިދާ އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން މުޅި މުޖުތަމައަަށް ވެސް ކުރާނެ ކަމަށެވެ.

"އެއްތަނަކުން އެތައް އަންހެނުންނެއް އެތައް މަސައްކަތެއްގެ ތެރެއިން ބައްދަލުވެ އެއް އަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔުން މިއީ ގިނަ އަންހެނުންތަކަކަށް ލިބޭ ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަން ޔަގީން"

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ވީކެންޑު މާކެޓުތައް ހުންނަ ކަމަށާއި އެ ތަންތަނުން އާންމުންގެ އިތުރުން ފަތުރުވެރިން ވެސް ވިޔަފާރިކުރާ ކަމަށާއި ފަތުރުވެރިންގެ މިފަދަ މާކެޓުތައް ފަތުރުވެރިންގެ ތެރޭގައި ވެސް މަގުބޫލު ކަމަށެވެ.

މި ހަފުތާއިން ފެށިގެން ކޮންމެ ހަފުތާ ބަންދެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ މި މާކެޓު ބާއްވަނީ ހުޅުމާލެ ކޮންޓެއިނާ ޕާކު ސަރަހައްދުގަ އެވެ. ޖުމްލަ 10 ސްޓޯލް ހިމެނޭ މި މާކެޓުގެ ސްޓޯލެއް އަންހެން ވިޔަފާރިވެރިންނަށް ދޫކުރަން ނިންމާފައި ވަނީ ހަފުތާ ބަންދަކަށް 300ރ. ގެ މަގުންނެވެ.