19 ޖަނަވަރީ 2024 - 13:29 0
އަހުމަދު އާއިދު
ކާށިދޫ ރުށްފާ - ފޮޓޯ: އަދަދު
19 ޖަނަވަރީ 2024 - 13:29 0
ދިރާސާ ކުރުމަށާއި އިޖުތިމާއީ ބޭނުންތަކަށް އަދި ރަށު ކައުންސިލްތަކަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު"ގެ ދަށުން އެފަދަ ރަށްތަކުން ކަނޑާ ރުށްގަހަށް ދެގުނަ އިންދަން މަޖުބޫރުކޮށްފި އެވެ.
ކުރީ ސަރުކާރުން ހަމަ މި ނަމުގައި އެކުލަވާލި ގަވާއިދު އުވާލާ އިއްޔެ އަލަށް އެކުލަވާލި ގަވާއިދުގައި ބުނާގޮތުން، އެ ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށަކުން ރުށްގަސް ކެނޑޭނީ، ނެގޭނީ ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދަންވާނީ ކަމާބެހޭ ގާނޫނާ އެއްގޮތަށް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ.
"މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި އިމާރާތެއް ކުރުމަށް ނުވަތަ އެ ނޫން އެހެން ސަބަބަކަށްޓަކައި ގަހެއް ނުވަތަ ރުކެއް ކަނޑައިފިނަމަ، އޭގެ ބަދަލުގައި އެ ރަށެއްގައި ދެ ގަސް ނުވަތަ ދެ ރުށް އިންދައި ހައްދަންޖެހޭނެ" އެ ގަވާއިދުގެ 25 ވަނަ މާއްދާގެ ށ. ގައި ބުނެފައިވެ އެވެ.
ނަމަވެސް އެ ރަށެއްގައި އެ ވަރަށް ރުށްގަސް އިންދަން ބިން ނެތްނަމަ އެކަމުން އިސްތިސްނާ ކުރުމުގެ ހާއްސަ ހުއްދައެއް މިނިސްޓްރީއަށް ދެވޭނެ އެވެ.
މީގެ އިތުރުން އެފަދައިން ދޫކުރާ ރަށަކުން އެއްވެސް ސަބަކަކަށް ކަނޑާ ގަސްރުށް، މިނިސްޓްރީގެ ހުއްދަ ނެތި ރަށުން ބޭރަށް ގެންދިއުމާއި ގިނަ ދުވަސްވީ ބޮޑެތި ބިޔަ ގަސްގަހާއި އާންމުކޮށް ނުފެންނަ ގަސްގަހާ ގެހި ކެނޑުން މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފަ އެވެ. އަދި، މިފަދައިން ދޫކުރާ ރަށެއްގައި ކުރާ ކަމަކީ އެ ރަށެއްގެ ތިމާވެށްޓަށް އަސަރު ފޯރާނެ ކަމެއްނަމަ އެ ކައުންސިލަކުން އީއައިއޭ ހަދަން ޖެހޭނެ އެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއިން ރަށެއްގައި އިމާރާތްކުރެވެނީ ބިމުގެ ޖާގައިގެ އެންމެ 10 ޕަސެންޓުގަ އެވެ.
ރާއްޖޭގެ އެކި ރަށްރަށުން މީގެ ކުރިންވެސް ގިނަ އަދަދެއްގެ ގަހާއި ރުށް ނަގާ އެހެން ރަށްތަކަށް އަދި ގައުމުތަކަކަށް ގެންދިއުމުގެ ޝަކުވާ ވަނީ ފެންމަތިވެފަ އެވެ. އެތަންތަނުން ވެސް ކަނޑާ ރުއްގަހުގެ ބަދަލުގައި ގަސް އިންދަން އޮވެ އެވެ. ނަމަވެސް އެފަދަ މައްސަލަތަކަށް އެދެވޭ ފިޔަވަޅެއް އެޅޭ މަންޒަރު ފެނިފައެއް ނުވެ އެވެ.
ސަރުކާރުން އަލަށް އިއުލާނުކުރި މި ގަވާއިދުގައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެ ފަޅުރަށެއް ދޫކުރާ ފަރާތަށް، އެއީ ސަރުކާރު ނޫނީ ކައުންސިލު ކަމުގައި ވިޔަސް، ލިބެ އެވެ.
Comment