Advertisement

ގާނޫނުތައް ތަންފީޒު ކުރަން ހުރި ގޮންޖެހުންތައް ހައްލު ވާނީ ގާނޫނުތައް މުރާޖާ ކޮށްގެން: އުއްތަމަ ފަނޑިޔާރު

19 ޖަނަވަރީ 2024 - 10:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ގާނޫނުތައް ތަންފީޒު ކުރަން ހުރި ގޮންޖެހުންތައް ހައްލު ވާނީ ގާނޫނުތައް މުރާޖާ ކޮށްގެން: އުއްތަމަ ފަނޑިޔާރު

19 ޖަނަވަރީ 2024 - 10:05 0

ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީތެރިކަމާއެކު ދެނެގަނެ ގާނޫނުތައް މުރާޖާ ކުރަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް އާ އަހަރު އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއުތަސިމް ވިދާޅުވީ ގާނޫނުތައް އެކުލަވައިލުމުގައި ގާނޫނު ހަދާ މަޖިލީހުން ހާސިލު ކުރަން ބޭނުންވާ މަގުސަދު ހާސިލު ނުވުމުގެ ސަބަބުން މައްސަލަތައް ލަސްވެ ފުނިޖެހިފައިވާ ކަމަށެވެ.

"ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީތެރިކަމާއެކު ދެނެގަންނަންޖެހޭ، އަދި ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް އެންމެ އެދެވޭ ހައްލެއް ލިބިގެންދާނީ މި ދެންނެވި ގާނޫނުތައް އެކުއެކީގައި މުރާޖާ ކުރެވިގެން ކަމަށް ދެކެން،" މުއުތަސިމް ވިދާޅުވި އެވެ.

"މި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ޝަރުއީ ދާއިރާގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން."

ގާނޫނީ ހައްލު ބޭނުންވާ ކަންކަމުގެ ކުރު ހުލާސާއެއް ދެއްވަމުން މުއުތަސިމް ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާލާފައިވާ ގޮތުން ތަންފީޒު ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާގެ އިދާރީ ހިންގުމުގެ ނިޒާމު ބައިނަލްއަގުވާމީ ހަމަތަކާއި މިންތަގަނޑުތަކާ އެއްގޮތަށް މިހާރުން މިހާރަށް ތަރުތީބު ކުރަންޖެހޭ ކަމަށް ވެސް މުއުތަސިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަނު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަން ފާހަގަކުރައްވައި މުއުތަސިމް ވިދާޅުވީ އެފަދަ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރު ގާއިމުކޮށްފައިވާ ނިޒާމު ރިވިއުކުރަންޖެހޭ ކަމަށެވެ.

"މަދަނީ މައްސަލަތަކުގައި ވެސް ވަކީލަކު އައްޔަނު ކުރުމުގައި މާލީ ގާބިލުކަން ލިބިފައި ނުވާނަމަ އެފަރާތުގެ ހައްގު ގެއްލިގެންދާކަން ފާހަގަ ކުރައްވައި އެފަދަ ފަރާތްތަކަށް ވެސް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ދެމެހެއްޓެނެވި ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" މުއުތަސިމް ވިދާޅުވި އެވެ.

ފާއިތުވި އަހަރުވެސް ގާނޫނުތަކުގައި ހުރި ބާގަނޑުތައް ޝަރުއީ ހުކުމްތަކުން ފޫބައްދައި ހައްލު ކުރުމުގެ މަސައްކަތްތަކެއް ކުރެވިފައިވަކަން މުއުތަސިމް ފާހަގަކުރެއްވި އެވެ.

އެގޮތުން ކައިވެނި ކޮށްގެން އުޅުނު ދުވަސްވަރު ލިބިފައިވާ މުދާ ވަކިވުމަށްފަހު އެ ފަރާތައް ޝަރުއީ ހަމަތަކުގެ މަތިން ހަމަހަމައަށް ނަގައިދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ނިންމި ނިންމާފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އަދި މަރުގެ މައްސަލަތަކުގައި ހުށަހަޅާ ޑީއެންއޭ ރިޕޯޓަކީ ސައްހަކަން ކަށަވަރުކުރެވޭ ވަރުގެ ތަނަކުން ހަދާފައިވާ އެއްޗަކަށްވާނަމަ އެއީ ބުރަދަން ދެވިދާނެ ހަރުދަނާ ގަރީނާއެއް ކަމަށް ވެސް އެންމެ މަތީ ކޯޓުން ކަނޑައަޅާފައިކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ޝަރުއީ ދާއިރާގެ ބޭފުޅުންގެ އިތުރުން އަވައްޓެރި ބައެއް ގައުމުތަކުގެ އިސް ބޭބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.