10 ޑިސެންބަރު 2024 - 21:17 0
ލީވާން އަލީ ނާސިރު
ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ: ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
10 ޑިސެންބަރު 2024 - 21:17 0
ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ޕެޓިޝަނެއް ފާސްކޮށްފި އެވެ.
ކާނިވާ ސަރަހައްދުގައި ކުރިއަށްދިޔަ އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގައި އެ ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި އެ ޕެޓިޝަން ގައުމީ މަޖިލީހުގައި ބައިވެރިވި 89 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.
ޕެޓިޝަން ހުށަހަޅުއްވަމުން މާރިޔާ ވިދާޅުވީ އެ ޕެޓިޝަނުގައި ސޮއި ކުރުމުން މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އޭގައި ވީހާ ވެސް ގިނަ މީހުން ސޮއި ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އެ ޕެޓިޝަންގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ ބާރު ކެނޑޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ ރައްޔިތުންގެ ހިޔާލެއް ހޯދުމެއްނެތި ގާނޫނުއަސާސީއަށް ގެނައި ބަދަލެއްކަމުން، އެ ބަދަލުގެ ސަބަބުން ވެރިކަމުގެ ނިޒާމު މަސްހުނި ނިޒާމަކަށް ބަދަލުވެ، ރައްޔިތުން ނިންމި ނިންމުން ރޫޅިގެންދާނެ ކަމަށެވެ.
"ރައްޔިތުންގެ ރުހުމެއްނެތި ގާނޫނު އަސާސީއަށް މި ގެނައި ބަދަލު ބާތިލުކުރުމަށާއި، ރައްޔިތުންގެ ބާރުވެރިކަން ނިގުޅިގެން ހިނގައިދާނޭފަދަ ހަމަ އެއްވެސް ކަމެއް ނުކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާއިން އައުދާނަކަމާއި ބާރުވެރިކަން ލިބި ތިބި ރައްޔިތުންގެ ހައިސިއްޔަތުން ރައްޔިތުންގެ މަންދޫބުންނަށާއި ދިވެހިރާއްޖޭގެ ވެރިކަން ހިންގުމަށް ދިވެހިރައްޔިތުން މަތިކޮށްފައިވާ ރައްޔިތުންގެ ހާދިމު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އަންގައި އަމުރުކުރަން،" ޕެޓިޝަންގައި ބުންޏެވެ.
ޕެޓިޝަންގައި ބުނީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން، އެ މެންބަރުންގެ މަސައްކަތުގެ އަސާސް ބިނާކުރަން ޖެހެނީ މުޅި ގައުމުގެ މަސްލަތަށްކަމަށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައި އޮތްހިނދު، އެ މެންބަރު ނިސްބަތްވާ ސިޔާސީ ޕާޓީން ބޭނުންވާ ގޮތަށް އަމަލުކުރުން މަޖުބޫރުކުރުވުން އެ މާއްދާއާ ހިލާފު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޖިލީހުގައި ދެއްކި ވާހަކައެއްގެ ސަބަބުން ނުވަތަ ވޯޓުދިން ގޮތެއްގެ ސަބަބުން އެ މެންބަރެއްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް އެ ޕެޓިޝަންގައި ބުންޏެވެ.
އެގޮތުން ޕެޓިޝަންގައި ބުނީ މެންބަރުން ވޯޓުދޭ ގޮތެއްގެ ސަބަބުން ނުވަތަ ދައްކާ ވާހަކައެއްގެ ސަބަބުން އެ މެންބަރެއްގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފު ކަމަށެވެ. .
Comment