Advertisement

ކްރިމިނަލް ކޯޓަށް ހައްލެއް ހޯދައިދިނުމަށް އުއްތަމަ ފަނޑިޔާރު ގޮވާލައްވައިފި

18 ޖަނަވަރީ 2024 - 23:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު: ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ހުއްޓިފައިވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ކްރިމިނަލް ކޯޓަށް ހައްލެއް ހޯދައިދިނުމަށް އުއްތަމަ ފަނޑިޔާރު ގޮވާލައްވައިފި

18 ޖަނަވަރީ 2024 - 23:19 0

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ އެ ކޯޓުގެ ޝަރީއަތްތައް ހުއްޓި، މާލޭ ސަރަހައްދުގެ ޖިނާއީ ހުރިހާ މައްސަލަތަކެއް ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވައި އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން މިރޭ ގޮވާލައިފި އެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އާ އަހަރު އިފްތިތާހު ކުރަން ދަރުބާރުގޭގައި މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މުއުތަސިމް ވިދާޅުވީ ކްރިމިނަލް ކޯޓު ހިންގަމުންދިޔަ އިމާރާތް ބާވެ، އެތަނަކީ މީހުން ހާޒިރުކޮށް މަސައްކަތް ކުރަން އެކަށީގެންވާ އިމާރާތަކަށް ނުވާތީ އެ ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްތައް ހުއްޓިފައިވާ ކަމަށެވެ.

އޭގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމު ހުއްޓި، މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޯޓުން ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޒިރު ކުރާނެ، ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިއްބަވާނެ ތަނެއް ނެތްކަން ފާހަގަ ކުރަން،" އެކަމާ ހިތާމަ ކުރައްވާކަން ފާހަގަ ކުރައްވަމުން މުއުތަސިމް ވިދާޅުވި އެވެ.

"ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން. މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހައި ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭންޖެހޭނެ ކަމެއް."

ކްރިމިނަލް ކޯޓުގެ އިތުރުން ވެސް މިދިޔަ އަހަރަކީ ޝަރުއީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްީ ހީނަރުވެ ޖާގައިގެ ދަތިކަމާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށް މުއުތަސިމް ވިދާޅުވި އެވެ. އެގޮތުން ވާރޭ ވެހުމުގެ ސަބަބުން ފެމިލީ ކޯޓާއި ޑްރަގު ކޯޓުގެ އިތުރުން ވެސް ބައެއް މެޖިސްޓުރޭޓު ކޯޓުތަކުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ގެއްލުން ލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ ތެރެއިން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް ވަޒަންކޮށް ޑިޕާޓުމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދަންނަވައިގެން އެތަން މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ކޮށްފައިވާ ކަމަށް މުއުތަސިމް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހުއްޓުމަކަށް އައީ މިދިޔަ ޑިސެމްބަރު 31، ގައި މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ. އެ ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ ސީލިންގެ ހުރިހާ ދިމާލަކުން އެތެރެއަށް ފެން ވަދެ، ކޯޓުގެ ސާވާ ވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ކޯޓުގައި ހަމައެކަނި ކުރިއަށް ގެންދަނީ ހައްޔަރު ކުރާ މީހުންގެ ބަންދު މުއްދަތު ޖެހުމާމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް އެކަންޏެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތަކީ މީގެ ކުރިން ވެސް ވިއްސާރައިގެ އަސަރުކޮށް ހިދުމަތަށް ބުރޫ އަރާ ކޯޓެކެވެ. އެ އިމާރާތަކީ ވަރަށް ދުވަސްވީ މުސްކުޅި އިމާރާތެކެވެ.

ކްރިިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމާއި އެތަނުގެ ޝަރީއަތްތަކަށް ބުރޫ އެރުމުގެ ސަބަބުން އެ ކޯޓުގައި ހުރީ މައްސަލަތައް ފުނިޖެހިފަ އެވެ. ހުސްވި އަހަރު އެ ކޯޓު ރިސެސްއަކަށް ވެސް ނުދެ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުގެ ބޮޑު ބައެއް ބޭނުން ކުރުން ހުއްޓާލާފައިވާއިރު، އިމާރާތުގެ ހާލަތު ވަޒަން ކުރުމަށްފަހު 2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.