Advertisement

ސަރުކާރުން ސިޓީ ކައުންސިލަށް ނުފޫޒެއް ނުފޯރުވާ: ޑެޕިއުޓީ މޭޔަރު ނަރީޝް

18 ޖަނަވަރީ 2024 - 10:13 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް؛ ސަރުކާރުން ސިޓީ ކައުންސިލަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވި - ފޮޓޯ: މާލެ ސިޓީ ކައުންސިލް


ސަރުކާރުން ސިޓީ ކައުންސިލަށް ނުފޫޒެއް ނުފޯރުވާ: ޑެޕިއުޓީ މޭޔަރު ނަރީޝް

18 ޖަނަވަރީ 2024 - 10:13 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެއްވެސް ނުފޫޒެއް ފޯރުވަމުން ނުދާ ކަމަށް، ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްއަށް ނިސްބަތްވާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

މޭޔަރުގެ މަގާމު ހުސްކޮށް އޮއްވައި، ޑެޕިއުޓީ މޭޔަރު ނަރީޝް ރިޔާސަތު ބެލެހެއްޓެވި ސިޓީ ކައުންސިލްގެ ބައްދަލުވުމަކުން އިއްޔެ ވަނީ އެ ކައުންސިލުން ހިންގާ ބޮޑެތި ގިނަ މަޝްރޫއުތަކެއް އިންފްރާާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ފާސްކޮށްފަ އެވެ.

ސިޓީ ކައުންސިލް ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު (ޝާޑު) ބައިވެރިވެވަޑައިގަތެވެ. އޭނާއަކީ މީގެ ކުރިން ސިޓީ ކައުންސިލްގެ މުވައްޒަފެކެވެ. ކައުންސިލުން ހިންގި ޕްރޮޖެކްޓްތަކުގެ އިދާރީ ބައެއް ކަންކަން ބައްލަވަމުން ގެންދެވީ އޭނާ އެވެ.

ސަރުކާރަށް ޕްރޮޖެކްޓްތައް ބަދަލު ކުރުމަށް ކަރުދާހެއް ހުށަހެޅުއްވީ ޝާޑެވެ. މާލެ ސިޓީ ކައުންސިލަކީ، ޕީއެންސީ/ޕީޕީއެމްގެ ސުޕަ މެޖޯރިޓީ އޮތް ކައުންސިލެކެވެ.

ރައީސް އޮފީހުގެ ނުފޫޒު ސިޓީ ކައުންސިލަށް ފޯރުވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ނަރީޝް ފޭސްބުކް ސްޓޭޓަސްއެއްގައި ލިޔުއްވީ ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ވެސް ކައުންސިލްގެ މަސައްކަތްތައް އަތުލަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

"ސަރުކާރުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ، ކައުންސިލުން ނިންމީ ކައުންސިލް ފްލޯއަށް ހުށަހަޅައި މަޝްވަރާ ކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ގޮތަށް ބޭނުންވީމަ،" ނަރީޝް ލިޔުއްވާފައިވެ އެވެ.

ކައުންސިލުން ފާސްކުރި ކަރުދާހުގައި ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރަށް ދިނުމަށެވެ. އެނގިފައިވާ ގޮތުގައި އެ މަޝްރޫއުތަކުގެ ތެރޭގައި ހޯލްސޭލް ސެންޓަރު ބިލްޑިންއަކާއި، ޕާކިން ބިލްޑިންތަކަކާއި ވެޓް މާރުކޭޓު ހިންގުމަށް އަޅާ ބިލްޑިންތަކެއް ހިމެނެ އެވެ.

ކައުންސިލުން އިއްޔެ ނިންމީ، އެ ޕްރޮޖެކްޓުތައް ސަރުކާރަށް ބަދަލު ކުރި ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ އަލުން އެ ޕްރޮޖެކްޓުތައް ކައުންސިލަށް ބަދަލު ކުރެވޭނެ ގޮތަށެވެ.

ސިޓީ ކައުންސިލުން ހިންގަމުން ދިޔަ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރަށް ދިނުމަށް މި ނިންމީ، އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމަށް ފަސް ދުވަހަށް ވެފައި އޮއްވަ އެވެ. އާޒިމަކީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެކެވެ. އާޒިމް ވަނީ އެ މަސައްކަތް މަޑުޖައްސައިލުމަށް ވެސް ގޮވާލައްވައިފަ އެވެ.

މޭޔަރުގެ މަގާމުގައި މިދިޔަ ދެ އަހަރު ދުވަހު ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ސަރުކާރަށް ބަދަލުކުރި މަޝްރޫއުތަކަކީ އެމަނިކުފާނުގެ މޭޔަރު ކަމުގެ ދަށުން ފައްޓަވާފައިވާ މަސައްކަތްތަކެކެވެ.