Advertisement

އައިޖީއެމްއެޗް އިމާރާތް ބާވުމުން, އެ ސަރަަހައްދުގައި އިތުރު އިމާރާތެއް އަޅަނީ

16 ޖަނަވަރީ 2024 - 12:38 1

ނިމާ ހަސަން

ނިމާ ހަސަން

އައިޖީއެމްއެޗް ހޮސްޕިޓަލް; އެ ހޮސްޕިޓަލް ހިންގާ އިމާރަތް ބާވުމުން, ހައްލެއްގެ ގޮތުގައި އިތުރު އިމާރާތެއް އަޅަން ވަނީ ނިންމާފައި


އައިޖީއެމްއެޗް އިމާރާތް ބާވުމުން, އެ ސަރަަހައްދުގައި އިތުރު އިމާރާތެއް އަޅަނީ

16 ޖަނަވަރީ 2024 - 12:38 1

އައިޖީއެމްއެޗް ހިންގާ އިމާރާތް ބާވެ, ހަލާކުވެފައިވާތީ އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެ ސަރަހައްދުގައި އާ އިމާރާތެއް އަޅަން ނިންމައިފި އެވެ.

'އަދަދު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލަށް ހަދަން ތައްޔާރުވަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަަލަށް އިތުރުކުރާ ބައެއްގެ ގޮތުގައި އެ ސަރަހައްދުގައި އިތުރު އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށެވެ.

"އައިޖީއެމްއެޗުގެ މައްޗަށް އިތުރު އިމާރާތެއް ހެދޭނީ, މިތަނުން ކޮންމެވެސް ބައެއް ތަޅާލައިގެންތާ. އެކަމަކު އެތަން ތަޅައެއް ވެސް ނުލެވޭނެ ނޫންތޯ ހިދުމަތް ހުއްޓާނުލައެއް. މަރާމާތު ވެސް ކުރަންޖެހޭ." ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހުރި އިމާރާތް ބޭނުން ކުރުން ހުއްޓާ ނުލެވޭނެތީ އެ ސަރަހައްދުގައި އާ އިމާރާތެއް އެޅުމަށްފަހު, ހިދުމަތްތައް އާ އިމާރާތަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އެކަން ކުރަނީ އައިޖީއެމްއެޗްގެ އިމާރާތް އަޕްގްރޭޑް ކުރުމާއެކު, އެ ހޮސްޕިޓަލުގައި މިހާރު ދެމުންދާ ހިދުމަތްތައް އެކްސްޕޭންޑު ކުރާނެ ޖާގަ ހޯދައި ދިނުމަށެވެ.

30 އަހަރުވީ އައިޖީއެމްއެޗް އިމާރާތް ބޭނުންކުރަން ފެށި ފަހުން އެ ހޮސްޕިޓަލުގައި ގިނަ ހިދުމަތްތަކެއް ތައާރަފުވެ, ހިދުމަތްތައް ފުޅާވެގެން ގޮސްފައިވެ އެވެ. ނަމަވެސް ޖާގަ އިތުރެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް އިތުރު އިމާރާތެއް ނާޅައެއް މިތަނުގެ ހިދުމަތްތަކެއް އެތަނަށް ބަދަލެއް ވެސް ނުކުރެވޭނެ. އެކަން ކޮށްގެން ނޫނީ މިތަން އިތުރަށް އަޕްގްރޭޑެއް ވެސް ނުކުރެވޭނެ. އައިޖީއެމްއެޗްގެ ހާލަތު ހުރިހާ ދިވެހި ރައްޔިތުންނަކަށް ވެސް އަލެއް ނުވާނެ މިހާރަކު." ހަލީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗް މިހާރު ބޭނުން ކުރާ އިމާރާތަކީ ފެން ލީކުވުމާއި, ފަންގަސް ޖެހުންފަދަ ކަންކަން ދިމާވަމުން އަންނަތަނެކެވެ. އަދި ވާރޭވެހޭ ކޮންމެ ފަހަރަކު އެތަނަށް ވަގުތީ ހައްލެއް ހޯދަން ޖެހެ އެވެ.

ހަލީމް ވިދާޅުވީ އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދޭނީ އިމާރާތް އާ ކޮށްގެން ކަމަށާއި, މިހާރު ހުރި އިމާރާތް އާ ކުރެވޭނީ އެހެން އިމާރާތެއް ބިނާކޮށް, އެތަނަށް ހިދުމަތްތައް ބަދަލުކޮށްގެން ކަމަށެވެ.

މިހާރުވެސް އައިޖީއެމްއެޗްގެ މަރާމާތުތައް ކުރަމުންދާކަން ފާހަގަކޮށް ހަލީމް ވިދާޅުވީ ދަރުމަވަންތަ އެއްކޮށް ބޭނުންކޮށް, އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް އެތަނަށް ބަދަލުކޮށްގެން ވެސް އައިޖީއެމްއެޗްގެ މަރާމާތުގެ މަސައްކަތް ކުރެވިދާނެ ކަމަށެވެ. ނަމަވެސް މަރާމާތު ކުރެވޭނީ ކިހާ ދުވަހަކަށްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"އެކަމަކު ކިހާ ދުވަހަކުތޯ އަޅުގަނޑުމެން އެކަން ކުރަންވީ. މުޅި އިމާރާތް ބާވެފައި ހުރީމަ އަޅުގަނޑުމެން ކިހާ ދުވަހަކުތޯ މަރާމާތުގައި އުޅެންވީ. އެއަށްވުރެ ދާއިމީ ހައްލެއް ހޯދަންޏާ ޖެހޭނީ އިމާރާތެއް ނޫންތޯ އަޅަން" އޭނާ ވިދާޅުވި އެވެ.