Advertisement

އެމްއައިބީއަށް އާޒިމާ ދަރަނި ދައްކަން ކުރި ހުކުމުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިނުގަތް

16 ޖަނަވަރީ 2024 - 10:15 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އައިޝަތު އާޒިމާ ޝަކޫރު؛ އެމްއައިބީއަށް ދަރަނި ދައްކަން ކުރި ހުކުމުގެ އިސްތިއުނާފު ކޯޓުން ބަލައެއް ނުގަތް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްއައިބީއަށް އާޒިމާ ދަރަނި ދައްކަން ކުރި ހުކުމުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިނުގަތް

16 ޖަނަވަރީ 2024 - 10:15 1

މޯލްޑިވްސް އިސްލާމިކް ބޭންކާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އޭނާ ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުން އެ ފައިސާ ދެއްކުމަށް ކުރި ހުކުމުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.

މިދިޔަ ހޮނިހުރު ދުވަހު ބޭއްވި މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަނުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް، އާޒިމާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ހަތަރު މިލިއަން ރުފިޔާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އާޒިމާގެ ޣައިރު ހާޒިރުގައި ކޯޓުން އެ ހުކުމް އިއްވީ ޖެނުއަރީ 2، ގަ އެވެ.

އެމްއައިބީގެ ލޯނެއް ނަގައިގެން ފްލެޓެއް ގަނެފައިވާ އެ މައްސަލާގައި އާޒިމާގެ ފަރާތުން ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމަވައިފަ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ، ރަޖިސްޓްރާގެ ނިންމުމުގައި ބުނަނީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ބާތިލު ކުރަން ނުވަތަ ބަދަލު ކުރަން އެ ހުކުމެއް ކުރި ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ.

އެހެންވެ، ޝަރީއަތުގެ މަރުހަލާތަކުގެ ތަރުތީބު ގެއްލުނަ ނުދިނުމަށް ހައި ކޯޓުގައި އެ އިސްތިއުނާފު މައްސަލަ ނުބެލޭނެ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން، ކެމްޕެއިން ރެލީއެއްގައި އާޒިމާ އެ ހުކުމް ސިފަ ކުރެއްވީ އޭނާއަށް ދެކޮޅަށް ކުރި ޒާތީ ހުކުމެއްގެ ގޮތުގަ އެވެ.

"މިއަދު އަޅުގަނޑު ހަމަ ޒާތީވެލަން ބޭނުން އެ ވަނީ. އަޅުގަނޑާ ދެކޮޅަށް މިއަދު ހުކުމެއް ކުރެވުނު، މަދަނީ މައްސަލައެއްގަ ހުކުމެއް ކުރެވުނު އަޅުގަނޑުގެ ޣައިރު ހާޒިރުގައި،" އާޒިމާ ވިދާޅުވެފައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމް؛

ޑިމިނިޝިން މުޝަރަކާއަކީ އެސެޓެއް ނުވަތަ މުދަލެއްގެ ޖޮއިންޓް އޯނާޝިޕްގެ ގޮތެކެވެ. އޭގައި ޖޮއިންޓް އޯނަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އަނެއް ޖޮއިންޓް އޯނަރުގެ މިލްކުވެރިކަމުގެ ހިއްސާ މަޑުމަޑުން ގަންނަމުން ގޮސް ޖޮއިންޓް އެސެޓް ނުވަތަ މުދަލުގެ މިލްކުވެރިކަން އެއްކޮށް ބަދަލުކުރެވޭނެ އެވެ.

ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް 4،030،856 ރުފިޔާ ބާކީ އޮތް ކަމާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް، ގާޒީ ޒުލައިހާ ޝީޒާ ކުރެއްވި ހުކުމުގައިވެ އެވެ.

އެހެންކަމުން ޖުމުލަ 4،156،355 ރުފިޔާއަކީ އާޒިމާގެ ފަރާތުން އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ފައިސާ ކަން ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ. ކޮންމެ މަހަކަށް ޖެހޭ ފައިސާގެ އަދަދަށް ވުރެ މަދު ނޫން އަދަދަކަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ހުކުމުގައި އަންގާފައިވެ އެވެ.

އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައިވާއިރު، ފައިސާ ދައްކާ ނިމެންދެން ރަހުނުގެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.