Advertisement

ޓީމް ބާތިލަށް މިފަހަރު ވެސް މޮޅެއް؛ އުސޫލު ހަރުކަށިވުމާއެކު ސިޔާސީންނަށް ކުރާ އިތުބާރު ވެސް ކުޑަ

16 ޖަނަވަރީ 2024 - 11:02 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ޓީމް ބާތިލަށް މިފަހަރު ވެސް މޮޅެއް؛ އުސޫލު ހަރުކަށިވުމާއެކު ސިޔާސީންނަށް ކުރާ އިތުބާރު ވެސް ކުޑަ

16 ޖަނަވަރީ 2024 - 11:02 0

ރޭޑިއޯތަކުންނާއި ޓީވީތަކުން އަބަދުވެސް ބުނާތީ އަހަމެވެ. "އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނެ" އެވެ. އެ ބުނަނީ ކޮންމެ ފަރުދަކަށް ވެސް ގާނޫނުން ލިއްބައިދޭ ވޯޓުލުމުގެ ހައްގުގެ ބާރުގެ ވާހަކަ އެވެ. ތިމާއަށް ފެންނަ އެންމެ ހެޔޮ ގޮތަށް ގައުމުގެ ޒިންމާދާރު މަގާމުތައް ބައްޓަންކުރުމުގައި ކޮންމެ މީހެއްގެ ވެސް އޮންނަ ދައުރުގެ ވާހަކަ އެވެ.

އިންތިހާބުތަކަށް ކުރާ ކެންޕެއިނާއި ސިޔާސީ ހަރަކާތްތައް ކިތަންމެ ފޯރިގަދަވިޔަސް، އާހިރުގައި ބާރު އޮންނަނީ ހަމައެކަނި ވޯޓު ކަރުދާހުގަ އެވެ. އެންމެ މަތީ މަގާމުގައި ހުންނަ މީހާ އާއި އާންމުންނާ ހައްގުތަކުން އެއްހަމަކުރަނީ ވެސް އިންތިހާބާއި ވޯޓު ކަރުދާހުންނެވެ. ތަފާތެއް ނެތި އެ ހައްގު ކޮންމެ މީހަކަށް ލިބިދިނުމަށް ގާނޫނު ލާޒިމްކުރެ އެވެ.

ކަންމިހެން އޮތް ނަމަވެސް ފަހަކަށް އައިސް ބާއްވާ ކޮންމެ އިންތިހާބެއްގައި ސައްހަ ނޫން ވޯޓުގެ ގޮތުގައި އެތައް ވޯޓެއް ގުނަން ޖެހެ އެވެ. ރިޔާސީ އިންތިހާބުގެ ފަހުބުރުގައި 7،888 ވޯޓު ބާތިލުކަމަށް ގުނިއިރު، ހޮނިހިރު ދުވަހު އެންމެ 17،442 މީހުން ނިކުމެ ވޯޓުދިން މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި ވެސް 402 ވޯޓު ބާތިލުވި އެވެ.

ބާތިލު ވޯޓު ގިނަވުމުގައި މައިގަނޑު ދެ ކަމެއް ފާހަގަ ކުރެވެ. އެއް ކަމަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލައިގަންނަ ގަވާއިދު ހަރުކަށިވުމެވެ. އަނެއް ކަމަކީ ގަސްދުގައި ބާތިލު ވޯޓު ދިނުމެވެ.

ސައްހަ ވޯޓު ބަލާ ގޮތުން އީޔޫގެ ކަންބޮޑުވުން ވެސް އެބަ އޮތް

ރިޔާސީ އިންތިހާބު އެންމެ ފުޅާ ދާއިރާއެއްގައި އޮބްޒާވްކުރި އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ފައިނަލް ރިޕޯޓުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ވެސް ބާތިލް ވޯޓުގެ ގޮތުގައި ގުނި ވޯޓުގެ އަދަދު ގިނަވުމެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ސައްހަ ވޯޓުގެ ގޮތުގައި ބަލައިގަންނަ ގަވާއިދު ހަރުކަށިވުމެވެ.

"ބާތިލް ވޯޓު ކަނޑައެޅުމާއިމެދު މާ ހަރުކަށި އިރުޝާދުތަކެއް ދީފައި ވުމުގެ ސަބަބުން ބާތިލް ވޯޓުގެ އަދަދު އިތުރުވެ، ވޯޓުލީ މީހުންގެ ނިޔަތް ސާފުކޮށް އެގެން ހުރިއިރު ވެސް އެވޯޓުތަކުގެ ސައްހަކަން ގެއްލުނު،" ވޯޓުލީ މީހުން ނިންމާ ގޮތް އެނގެން އޮތް ނަަމަވެސް، ބައެއް ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސައްހަ ނޫން ވޯޓުގެ ގޮތުގައި ގުނި ކަމަށް އީޔޫގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސައްހަ ވޯޓެއް ކަމަށް ބަލާނެ އުސޫލު

  • އީސީން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ވޯޓު ދިނުން
    • އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ޖަހާފައި ނުވުން
    • ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އެހެން ފާހަގައެއް ޖަހާފައިވާ، ނުވަތަ ލިޔުމެއް ލިޔެ އަދި ކުރެހުމެއް ކުރަހާފައިވުން
    • އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވުން
    • ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި އެއް ރަނގަޅު ފާހަގައަށް ވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވުން
    • ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު
    • ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަޖަހާފައިވުން.

    އީޔޫގެ ރިޕޯޓުގައި ބުނެފައި ވަނީ އިންތިހާބުގެ ދެ ބުރުގައި ވެސް ބާތިލު ވޯޓުތައް ކަނޑައެޅި ގޮތަކީ އެންމެ ކަންބޮޑުވި މައްސަލަ ކަމަށެވެ.

    "އަލަށް އެކުލަވާލި ގައިޑްލައިންގައި މައިގަނޑު ގޮތެއްގައި އިރުޝާދު ދީފައިވަނީ ރަނގަޅު ފާހަގަ ތަކުރާރުކޮށްފިނަމަ ނުވަތަ ރަގަޅު ފާހަގަ ފަވާފައި ހުރެއްޖެނަމަ އެއީ ބާތިލް ވޯޓެއް ކަމަށް. މި އިރުޝާދުގެ ސަބަބުން ބާތިލް ވޯޓުގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ،" އީޔޫގެ ރިޕޯޓުގައި ބުނެ އެވެ.

    ރިޔާސީ އިންތިހާބުތަކުގައި ބާތިލު ވޯޓުގެ އަދަދު

    • 2008 ގެ ފުރަތަމަ ބުރު: 1،861 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 0.69 ޕަސެންޓު
    • 2008 ގެ ދެވަނަ ބުރު: 2،235 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 1.03 ޕަސެންޓު
    • 2013 ގެ ފުރަތަމަ ބުރު: 2،331 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 1.12 ޕަސެންޓު
    • 2013 ގެ ދެވަނަ ބުރު: 2،237 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 1.02 ޕަސެންޓު
    • 2018: 3،132 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 1.34 ޕަސެންޓު
    • 2023 ގެ ފުރަތަމަ ބުރު: 4،835 ބާތިލް ވޯޓު, ޖުމުލަ ވޯޓުގެ 2.14 ޕަސެންޓު

    ގަސްތުގައި ބާތިލަށް ވޯޓުލަނީ ކީއްވެ؟

    ގިނަ ފަހަރު ބާތިލް ވޯޓަކީ ލިޔަންކިޔަން ނުދަންނަ މީހުން، ނުވަތަ އަމިއްލައަށް ވޯޓު ނުދެނެވޭނެ ފަދަ އުނިކަމެއް ހުރެގެން ދޭ ވޯޓެއް ނޫނެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ހިތްއެދޭ މީހަކު ނެތުމުން ނުވަތަ، ސިޔާސީ މީިހުންނާ މެދު އޮންނަ އިތުބާރު ކުޑަވުމާއި ހިތްހަމަ ނުޖެހުމެއްގެ ސަބަބުން ގަސްތުގައި ވެސް ބާތިލު ވޯޓު ލައެވެ.

    ރިޔާސީ އިންތިހާބު އޮބްޒާވްކުރި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނީ ބާތިލް ވޯޓު ގިނަވާން މެދުވެރިވި މައިގަނޑު ސަބަބަކީ ނިޒާމާ މެދު އިތުބާރު ކުޑަވުން ކަމަށެވެ.

    އެޗްއާރުސީއެމްގެ މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު މީގެ ކުރިން ވިދާޅުވީ، ކޮންމެ އިންތިހާބެއް ކަމުގައި ވިޔަސް، ބަޔަކު އިންތިހާބު ކުރުމުގެ ސަބުން ނިޒާމަށް މާބޮޑު ހެޔޮ ބަދަލުތަކެއް ނާންނާނެ ކަމަށް ގަބޫލުކުރެވޭ ނަމަ ބާތިލް ވޯޓު ލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

    އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކު ކަމުނުދާނަމަ، އެއްވެސް ކެންޑިޑޭޓަކު ކަމުނުދާކަން އެންގުމަށް ވޯޓު ދެވެން ނެތުމަކީ ޝިފާއަތު ފާހަގަކުރި ކަންބޮޑުވުމެކެވެ.

    "އެހެންވީމަ ތިމަންނަ ބޭނުންވަނީ އެއްވެސް ކެންޑިޑޭޓަކު އިހްތިޔާރު ނުކުރާކަން ދެއްކުމަށްޓަކާ ސިސްޓަމަށް ވެސް އިތުބާރު ނެތްކަން ދެއްކުމަށްޓަކާ، ބާތިލް ވޯޓުގެ ބާތިލް ކުރާ ސަބަބާއި ޝުއޫރުތައް ވެސް ކަރުދާހުގައި ލިޔޭ އެބަ،" ޝިފާއަތު ވިދާޅުވި އެވެ.

    ރިޔާސީ އިންތިހާބުގެ ތެރޭގައި "#ޓީމްބާތިލް"ގެ ނަމުގައި ގަސްތުގައި ބާތިލް ވޯޓު ލުމަށް ބާރުއަޅައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް އުފަންވި އެވެ.

    އެ ކެމްޕޭނުގެ ތެރެއިން ބާތިލު ވޯޓު ދޭނެ ގޮތުގެ އިރުޝާދުތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. މި ކެމްޕޭނުގެ އުފެދެން މެދުވެރިވީ ވެސް އިންތިހާބުގައި ކަމުދާ އެއްވެސް ކެންޑިޑޭޓަކު ނެތުމުންނެވެ. ނުވަތަ ނިޒާމާ މެދު ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުން އޮތް މިންވަރުން އެއްވެސް މީހަކަށް ވޯޓުދޭން ބޭނުން ނުވުމުންނެވެ.

    އެ ކެމްޕޭނު ވައިގައި ހިފީ ރިޔާސީ އިންތިހާބާ ދިމާކޮށްކަމަށް ވިޔަސް، މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނާ ގުޅުވައިގެން، އަދި އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބާތިލު ވޯޓުލުމަށް ނުވަތަ އިންތިހާބު ބޮއިކޮޓްކުރުމަށް ގޮވާލައި ވެސް #ޓީމްބާތިލްގެ ބޭނުންކޮށްފައި އެބަހުއްޓެވެ.

    ރައީސް އަބްދުﷲ ޔަމީނުގެ ޕީއެންއެފްގެ މުއައްސިސު މުހައްމަދު މަލީހު ޖަމާލު ދެކޭ ގޮތުގައި ގަސްތުގައި ބާތިލު ވޯޓުލުމާއި ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ ކެންޑިޑޭޓުން ނުވަތަ ސިޔާސީ މީހުންނާ މެދު ރައްޔިތުންގެ ހިތުގައި ނުރުހުން އޮންނަ މިންވަރު ފެންނަ ކަމެކެވެ.

    "އެފަދަ ހިތްހަމަނުޖެހުންތައް ގިނަވަނީ ސިޔާސީ މީހުން ނުވަތަ އިންތިހާބުތަކުގައި ހޮވާ ބޭފުޅުން އެމީހުންގެ ވައުދުތައް ނުފުއްދީމަ. މިސާލަކަށް ވެރިކަން ބަދަލުކުރުމަށް ދޭ ވޯޓެއް ނަމަ އެ ވެރިކަން ބަދަލުކޮށްގެން ހާސިލުކުރަން ބޭނުންވާ ނަތީޖާ، ނޫނީ ފެންނަން ބޭނުންވާ ކަންކަން ނުފެނުމަކީ އޭގެ އަސްލެއް،" މަލީހް ވިދާޅުވި އެވެ.

    ބާތިލް ވޯޓު ގިނަވުމާއި އިންތިހާބުތަކަށް އޮންނަ ޝައުގު ކުޑަވި ސަބަބެއްގެ ގޮތުގައި މަލީހު ދެން ފާހަގަކުރެއްވި ކަމަކީ ސިޔާސީ މައިޒާނުގައި "އެކްޓިވިޒަމް" ނެތުން ނުވަތަ މަދުވުމެވެ.

    "މީގެ ކުރިން ބަޔަކު ނިކުމެ އިންތިހާބުތަކުގައި ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރަނީ އެމީހުންގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން. އެކަމަކު އެ މަސައްކަތްތައްކޮށްގެން ގެންނަ ވެރިކަން ނުވަތަ މަގާމަކުން އެމީހުން އުންމީދުކޮށްގެން ތިބޭ ބަދަލުތަކެއް ނުގެނެވޭ،" މަލީހު ވިދާޅުވި އެވެ.

    ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ 222،509 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 79 ޕަސެންޓެވެ. ވޯޓު ނުދިން މީހުންގެ އަދަދު 59،000 އަށްވުރެ އިތުރެވެ.

    ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 282،804 މީހުން ތިބި ނަމަވެސް ވޯޓުލާފައިވަނީ 246،915 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 87 އިންސައްތަ އެވެ.

    މީގެ ދެއަހަރެއްހާ ދުވަސް ކުރިން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން އިން 1،039 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުން ވެސް ސިޔާސީ ޕާޓީތަކާއި ސިޔާސީ މީހުން ދެކެ އާންމުން ވަނީ ފޫހިވެފަ އެވެ. އިތުބާރެއް ނެތެވެ.

    • ސަރުކާރު؛ އިތުބާރު ކުރަން ދަތި ކަމަށް 33.9 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 36 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 69.9 ޕަސެންޓް
    • ކޯޓުތައް؛ އިތުބާރު ކުރަން ދަތި ކަމަށް 32.4 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 26.0 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 58.4 ޕަސެންޓް
    • މަޖިލިސް؛ އިތުބާރު ކުރަން ދަތި ކަމަށް 28.8 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 56.6 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމަލަ 85.3 ޕަސެންޓް
    • ޕާޓީތައް؛ އިތުބާރު ކުރަން ދަތި ކަމަށް 28.1 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 59.5 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 87.6 ޕަސެންޓް

    ކޮންމެ އިންތިހާބަކީ އެދެވޭ މިންވަރަކަށް ވޯޓުލާ މީހުން އިތުރު އިންތިހާބަކަށް ހެދުމަށް، ސިޔާސީ މީހުންނަށް އާންމުންގެ އިތުބާރު ދެމެހެއްޓިފައި އޮތުން މުހިންމެވެ. ވޯޓު ދިނުމުގެ ހައްގަކީ ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއަކަށް ވާއިރު، ނިޒާމަށް އިތުބާރު ގެއްލިފައި ތިބޭ މީހުންގެ އަޑު އެހުން ވެސް ބޭނުންތެރި އެވެ.

    އޭގެ އިތުރުން، ވޯޓުލުމުގެ އެންމެ އަސާސީ މަގުސަދަކީ ވީހާ ވެސް ގިނަ މީހުންނަށް އެ ހައްގު ދިނުން ކަމަށްވާއިރު، ސައްހަ ވޯޓުގެ ގޮތުގައި ބަލައިގަންނަ އުސޫލުތައް މިހާރަށްވުރެ ލުއިވާންޖެހެ އެވެ.