Advertisement

ކ. އަތޮޅު ކައުންސިލް ރައީސްއާއި، ދެ ރަށެއްގެ ކައުންސިލް ގޮނޑި ވޯޓަކާ ނުލައި ޕީއެންސީއަށް

14 ޖަނަވަރީ 2024 - 18:37 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކ. އަތޮޅު ކައުންސިލް އިދާރާ: ކައުންސިލް ރައީސްގެ ގޮނޑިއަށް ޕީއެންސީން އެކަނި ކުރިމަތިލުމުން ގޮނޑި ދިފާއުވެއްޖެ - ފޮޓޯ: ކ. އަތޮޅު ކައުންސިލް


ކ. އަތޮޅު ކައުންސިލް ރައީސްއާއި، ދެ ރަށެއްގެ ކައުންސިލް ގޮނޑި ވޯޓަކާ ނުލައި ޕީއެންސީއަށް

14 ޖަނަވަރީ 2024 - 18:37 0

ހުސްވެފައިވާ ކ. އަތޮޅު ކައުންސިލް ރައީސްއާއި އިތުރު ދެ ރަށެއްގެ ކައުންސިލް މެންބަރު ކަމުގެ ގޮނޑިއަށް ވެރިކަންކުރާ ޕީއެންސީ ފިޔަވައި އިތުރު ޕާޓީއަކުން ކުރިމަތިލާފައިނުވާތީ އެ ޕާޓީއަށް އެ ތިން ގޮނޑި ލިބިއްޖެ އެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސް ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނިމާލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޕީއެންސީ/ޕީޕީއެމް ކޯލިޝަނަށް ނިސްބަތްވާ ނިމާލް މަގާމު ދޫކޮށްލެއްވީ ރަށުން ބޭރުގައި ވަޒީފާ އަދާ ކުރުން މި ވަގުތަށް ދަތިވުމުން ކަމަށް ވިދާޅުވެ އެވެ.

އިންތިހާބުވި ބޭފުޅުން؛

  • ކ. އަތޮޅު ކައުންސިލް ރައީސް - އަހުމަދު އަނީސް، އޮޅުވެލި ކ. ތުލުސްދޫ
  • ށ. މަރޮށި ކައުންސިލް މެންބަރު - ހުސައިން ނާޒިމް، ފަޒާ ށ. މަރޮށި
  • ގދ. ފަރެސްމާތޮޑާ ކައުންސިލް މެންބަރު - ހަސަން އާސިމް، ފަރެސްއަވަށް ކޯނާ، ގދ. ފަރެސްމާތޮޑާ

މި މަގާމުތަކަށް ޕީއެންސީން އެކަނި ކުރިމަތިލި ނަމަވެސް މާލެ ސިޓީ ކައުންސިލްގައި ހުސްވި ގޮނޑިތަކަށް ވާދަވެރި އިންތިހާބެއް އިއްޔެ ބޭއްވި އެވެ. މި ގޮނޑިތަކަށް ޕީއެންސީގެ އިތުރަށް އެ ޕާޓީން ދުރަށް ޖެހުނު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރި އެވެ. އަދި އިދިކޮޅުގައި މި ވަގުތު އޮތް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ކެންޑިޑޭޓުން ނުކުތެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަނުގައި މޭޔަރުގެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ގޮނޑި ވެސް އެ ޕާޓީން ކާމިޔާބު ކުރި އެވެ. ޕީއެންސީއަށް ކާމިޔާބު ކުރެވުނީ ހެންވޭރު ދެކުނާއި މާފަންނު ދެކުނެވެ.

މޭޔަރުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރިއިރު، މިދިޔަ ދެ އަހަރު އެ މަގާމު ފުރުއްވީ މިހާރުގެ ރައީސުލްޖުމްހުރިއްޔާ އަދި ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒެވެ.