14 ޖަނަވަރީ 2024 - 13:05 0
އަހުމަދު އާއިދު
އިންޑިއާގެ ސަފީރު މުނޫ މަހާވަރާ ކުރީގެ ތާރީހެއްގައި ފޮރިން މިނިސްޓްރީއަށް ހާޒިރުވަނީ: މުހިންމު މަޝްވަރާތަކަކަށްފަހު އިންޑިއާ ރާއްޖެ ކޯ-ކޮމިޓީގެ ބައްދަލުވުން ނިންމާލައިފި -- ފޮޓޯ: އަދަދު
14 ޖަނަވަރީ 2024 - 13:05 0
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އިންޑިއާގެ ޑިޕްލޮމޭޓުންގެ ވަފުދެއް ފޮރިން މިނިސްޓްރީއަށް ވަޑައިގެން ދިވެހި ސަރުކާރާ އެކީ މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ނިންމާލައިފި އެވެ.
ރާއްޖެ އާއި އިންޑިއާގެ އިސް އޮފިޝަލުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ކޯ-ކޮމިޓީގެ ބައްދަލުވުން މިހާރު ނިންމާލާފައިވާކަން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ކޮމިޓީ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހާރިޖީ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވުނެވެ. މިކަމާ ބެހޭ އިތުރު ތަފުސީލެއް ލިބޭ ގޮތެއް ނުވި އެވެ.
އިންޑިއާ ވަފުދާ ބައްދަލުކުރި ސަރުކާރުގެ ވަފުދުގައި ހިމެނިވަޑަގަންނަވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި އެމްބެސަޑާ އެޓް ލާޖް އަލީ ނަސީރާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފެވެ.
މީގެ ކުރިން މައުލޫމާތު ލިބުނު ގޮތުގައި މި ބައްދަލުވުންތައް ހަވީރާ ހަމައަށް ކުރިއަށްދާގޮތަށް އޮތީ ހަމަޖެހިފަ އެވެ. މިއަދުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޗައިނާއިން ވަޑައިގެން ނުސީދާކޮށް އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައި އޮއްވަ އެވެ.
"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލް އިންޓަގްރިޓީ އަސާސްއަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހުތިރާމް އަދާ ކުރާ އަސާސެއް،" ރައީސް މުއިއްޒު އިއްޔެ ވިދާޅުވި އެވެ.
އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވީ ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް އެ ގައުމުން ރާއްޖެއަށް ގަނާ ކުރުމުގެ ހައްގު ނުލިބޭ ކަމަށެވެ.
"ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ގަނާ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނުލިބޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment