Advertisement

ރާއްޖޭގައި އުފައްދާ ހުރިހާ ބާވަތެއް ހައްދާ ގޮތަށް އުތުރުތިލަފަޅު ދަނޑުވެރިކަމަށް

14 ޖަނަވަރީ 2024 - 11:53 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އުތުރުތިލަފަޅު މަތިން ނަގާފައިވާ ފޮޓޯއެއް؛ ރާއްޖޭގައި އުފައްދާ ހުރިހާ ބާވަތެއް ހެއްދޭ ގޮތަށް އެ ރަށުގައި އެގްރިކަލްޗާ އެސްޓެބްލިޝްމަންޓެއް ގާއިމުކުރަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރާއްޖޭގައި އުފައްދާ ހުރިހާ ބާވަތެއް ހައްދާ ގޮތަށް އުތުރުތިލަފަޅު ދަނޑުވެރިކަމަށް

14 ޖަނަވަރީ 2024 - 11:53 1

ރާއްޖޭގައި ހެއްދޭ ދަނޑުވެރި ހުރިހާ ބާވަތެއް ހެއްދޭ ގޮތަށް އުތުރުތިލަފަޅުގައި އެގްރިކަލްޗާ އެސްޓެބްލިޝްމަންޓްއެއް ގާއިމުކުރުމަށް ޗައިނާއާއެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ސްޓޭޓް ވިޒިޓް ނިންމަވައިލެއްވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން ދެއްވި ޕްރެސް ސްޓޭޓްމަންޓްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޝްވަރާ ކުރެވުނީ ގާތްގަނޑަކަށް ދެ ލައްކަ މީހުންގެ ސަޕްލައިއެއް ދެވޭ ވަރު ތަނެއް ހެދުމަށެވެ.

"އުތުރުތިލަފަޅުގައި ރާއްޖޭގެ ރައްޔިތުންނަށް، މަދުވެގެން ދެ ލައްކަ ރައްޔިތުންނަށް ވާ ވަރަށް، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭ ވަރުގެ އެގްރިކަލްޗާ އެސްޓެބްލިޝްމަންޓެއް ގާއިމު ކުރުމުގެ މަޝްވަރާ ކުރެވިގެން ދިޔަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޖެނުއަރީ 7، އިން 12، އަށް ރައީސް ކުރެއްވި ދަތުރުގެ ތެރެއިން އެމަނިކުފާނު ވަނީ ޗައިނާގެ ބެއިޖިންގައި ހުންނަ ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ. ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެ ތަނުގެ ވެރިން ފާޅުކުރި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އުތުރުތިލަފަޅު ހިއްކުމަށް ފަހު އެ ތަނުގައި ކުރިއަށް ދަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ބަނދަރާއި ޑޮކްޔާޑެއް ހެދުމުގެ މަސައްކަތެވެ.

އެ މަޝްރޫއު 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެއިލްވޭ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގާމްއާ އެވެ. މަޝްރޫއަށް އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ހަމަޖެހިފައިވެ އެވެ.

އުތުރުތިލަފަޅުގެ ޕްރޮޖެކްޓްގެ އެއްބަސްވުން އިންޑިއާއާއެކު ގާއިމުކުރީ މިދިޔަ ސަރުކާރުންނެވެ. އެއިރުގެ އިދިކޮޅު ބޭފުޅުން އަދި މިހާރު މި ސަރުކާރުގެ އިސް ބޭފުޅުން ތުހުމަތު ކުރައްވަމުން ގެންދެވި ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ދާއިމީކޮށް ތިބުމަށް ހަމަޖެހިފައިވެ އެވެ. އޭރުގެ ސަރުކާރުންނާއި، އިންޑިއާ ސަރުކާރުން އެ ކަން ދޮގު ކުރި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް ސޯލިހު ވަނީ އެ ސަރަހައްދުން މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުނަށް ގޯތި ދޫކުރަން ވައުދުވެވަޑައިގެންފަ އެވެ. އެއީ މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ނޫނެވެ.