Advertisement

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު މިފަހަރުވެސް ދިވެހި ޕާސްޕޯޓަށް

15 ޖަނަވަރީ 2024 - 12:01 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު މިފަހަރުވެސް ދިވެހި ޕާސްޕޯޓަށް

15 ޖަނަވަރީ 2024 - 12:01 0

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ލަގަބު ދިވެހި ޕާސްޕޯޓަށް ލިބިއްޖެ އެވެ.

ވިސާ ނެތި ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދަށް ބަލައި ކޮންމެ އަހަރަކުވެސް ހެންލީ އެންޑް ޕާޓްނާސްއިން ނެރޭ ދުނިޔޭގެ އެންމެ ބާރުދަގަ ޕާސްޕޯޓު ލިސްޓުގައި ރާއްޖެއަށް މިއަހަރު ލިބިފައި ވަނީ ދުނިޔޭގެ 58 ވަނަ އެވެ. ދިވެހި ޕާސްޕޯޓުގައި ވިސާއާ ނުލައި 94 ގައުމަކަށް ދަތުރު ކުރެވެ އެވެ.

އެ ލިސްޓުގައި މި ސަރަހައްދުގެ ދެވަނައަށް ރޭންކު ކޮށްފައިވަނީ 62 ގައުމަށް ވިސާ ނެތި ދަތުރު ކުރެވޭ އިންޑިއާގެ ޕާސްޕޯޓެވެ. އެގައުމަށް ދުނިޔޭގެ ރޭންކިންގައި ލިބިފައި ވަނީ 80 ވަނަ އެވެ. އެ ލިސްޓުގައި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުލުގައި އޮތީ މިއަހަރު ވެސް އަފްގާނިސްތާނެވެ. އެގައުމުގެ ޕާސްޕޯޓުގައި ވިސާއަކާ ނުލައި ދަތުރު ކުރެވެނީ އެންމެ 28 ގައުމަށެވެ. އެގައުމަށް ދުނިޔޭގެ ރޭންކިންގައި ލިބިފައި ވަނީ ލިސްޓުގެ 104 ވަނަ އެވެ.

މިދިޔަ އަހަރުވެސް މި ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ހޯދާފައި ވަނީ ދިވެހި ޕާސްޕޯޓެވެ. މިދިޔަ އަހަރު ދުނިޔޭގެ ރޭންކިންގައި ރާއްޖެއަށް ލިބިފައި ވަނީ 61 ވަނަ އެވެ. އޭރު ވިސާ ނެތި ދިވެހި ޕާސްޕޯޓުގައި ދަތުރު ކުރެވެނީ 89 ގައުމަކަށެވެ.

ވިސާއާ ނުލައި ދިވެހި ޕާސްޕޯޓުގައި ދަތުރު ކުރެވޭ ގައުމުތަކުގެ ލިސްޓަށް އެންމެފަހުން އިތުރުވީ ސައޫދީއަރަބިއްޔާ އެވެ. ވިސާއާ ނުލައި އެގައުމަށް ދިވެހީންނަށް އެތެރެވެވޭ ގޮތަށް ސައޫދީން ހަމަޖެއްސީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގަ އެވެ. އެ ނިންމުމުގެ ދަށުން އޮން އެރައިވަލް ވިސާގައި އުމްރާގެ އަޅުކަން ވެސް ދިވެހިންނަށް އަދާ ކުރެވޭނެ އެވެ.

ރާއްޖޭގެ ޕާސްޕޯޓުގައި ވިސާ ނެތި ރަޝިޔާއާއި ޔޫއޭއީ އަދި ޗައިނާ ފަދަ ބޮޑެތި ގައުމުތަކަށް ދަތުރު ކުރެވެ އެވެ.

ހެންލީ ޕާސްޕޯޓު ރޭންކިން ލިސްޓުން ދުނިޔޭގެ އެއްވަނަ ހޯދާފައި ވަނީ ފްރާންސާއި ޖަރުމަނާއި އިޓަލީއާއި ސިންގަޕޫރުގެ އިތުރުން ޖަޕާނާއި ސްޕެއިން އެވެ. އެގައުމުތަކުގެ ޕާސްޕޯޓުގައި ދުނިޔޭގެ 194 ގައުމަކަށް ވިސާ ނެތި ދަތުރު ކުރެވެ އެވެ.

އެންމެ ބާރުގަދަ ޕާސްޕޯޓުތަކުގެ ލިސްޓުން ރާއްޖެއަށް ކޮންމެ އަހަރަކު ލިބެމުން އަންނަ ކުރިއެރުމަކީ ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅެމުންދާ ހަމަހަމަ ސިޔާސަތުގެ ނަތީޖާކަމަށް އިމިގުރޭޝަނުން ބުނެ އެވެ.