Advertisement

ކާމިޔާބަށް ފަހު އާޒިމް ގޮވައިލެއްވީ ފުލެޓާއި ގޯތި އަވަހަށް ހަވާލު ކުރުމަށް

13 ޖަނަވަރީ 2024 - 21:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ އާ މޭޔަރަކަށް ހޮވުނު އާދަމް އާޒިމް


ކާމިޔާބަށް ފަހު އާޒިމް ގޮވައިލެއްވީ ފުލެޓާއި ގޯތި އަވަހަށް ހަވާލު ކުރުމަށް

13 ޖަނަވަރީ 2024 - 21:19 0

މާލޭ މޭޔަރު ހޮވުމުގެ އިންތިހާބުގެ ކާމިޔާބަށް ފަހު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ފުރަތަމަ ވެސް ގޮވާލެއްވީ ކުރީގެ ސަރުކާރުން ދޫކުރި ގޯތިތަކާއި ފްލެޓުތައް އެ ތަންތަނުގެ ވެރިންނާ ހަވާލު ކުރުމަށެވެ.

މާލޭގެ މޭޔަރުކަމުގެ ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާއިން މޭޔަރުކަން ކަށަވަރުވެވަޑައިގަތް ވަގުތު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ މިއަދުގެ ނަތީޖާއިން މާލޭގެ މާލޭގެ ރައްޔިތުން ދިން މެސެޖަކީ ކަނޑުދަތުރެއް ކޮށްފައި ފުށިދިއްގަރުފަޅަށް ދާން ބޭނުން ނުވާކަން ކަމަށެވެ.

"ގުޅީފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު، މިތަންތަން ހިއްކައި މިތަންތަނުގެ އިންފްރާސްޓްރަކްޗާ ބިލްޑުކޮށް ރައްޔިތުން އެތަންތަނަށް ގެންދިޔުމުގެ މަސައްކަތް ވީހައިވެސް އަވަހަކަށް ސަރުކާރު ފަރާތުން ކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، އަދި ހުޅުމާލެ ފޭސް ތިނަކުން ހިއްކާ އެމްޑީޕީ ސަރުކާރުން މާލެ ރައްޔިތުންނަށް ދޭން ވައުދުވި ބިން ދިނުމާއި އަދި ފުލެޓު ލިބިފައިވާ ބޭފުޅުންނަށް، ހައްގުވާ ބޭފުޅުންނަށް އެންމެ ސިކުންތެއް ލަސްނުކޮށް އަޅުގަނޑު ވަރަށް އެދޭ އެދުމެއް،" އާޒިމް ވިދާޅުވި އެވެ.

ކުރިން އެމްޓީސީސީގެ ސީއީއޯ އާއި ސަރުކާރުގެ އެހެން ބައެއް ކުންފުނިތައް ވެސް ހިންގަވާފައިވާ އާޒިމް ވިދާޅުވީ މި ފަހަރުގެ ކެމްޕޭނު ތެރޭގައި ވެސް އެންމެ އަޑުހަރުކޮށް ދެއްކި ވާހަކައަކީ އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓާއި ގޯތި ލިބިފައި ތިބި ރައްޔިތުންނަށް އެ ތަންތަން ލިބޭނެކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.

އެ ވައުދާ އެއްގޮތަށް އެކަމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އާޒިމް ވިދާޅުވީ ބުރިޖަކުން ގުޅާލެވިފައިވާ ރަށްތަކަކަށް މާލެ ރައްޔިތުން ގެންދާނެ ކަމަށެވެ. އަދި އެކަން ހާސިލު ކުރުމަށް މޭޔަރުގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ސަރުކާރުގައި ދަންނަވާނަން، މާލޭގެ ރައްޔިތުން މިއަދު ވޯޓުން ސާފުކޮށް ބުނެފިޔޭ، ތިމަންނާމެން މާލޭގެ ރައްޔިތުން، ދަފުތަރުގެ ރައްޔިތުން އަދި ހަމަ ކުދިކުދި ފުލެތުތައް ދޫކޮށްލީމާ މާލޭން ބިން ލިބުމުގެ އުއްމީދުގައި ތިބި ރައްޔިތުން ފުށިދިއްފަރު ފަޅަށް ދާން ބޭނުން ނުވަކަން ވޯޓުން ބުނެފިޔޭ،"އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އޭނާއަށް ތާއީދު ކުރައްވައި މިއަދުގެ ވޯޓު ދިން ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާ ކުރައްވައިފަ އެވެ. އޭގެއިތުރުން އާޒިމް ވަނީ އެމްޑީޕީގެ ލީޑަރުޝިޕަށާއި ކެމްޕޭނު ޓީމުތަކަށް ހާއްސަ ޝުކުރެއް ވެސް އަދާ ކުރައްވައިފަ އެވެ.

މިއަދު ކުރިއަށް ގެންދިޔަ މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އާޒިމް ވަނީ ބޮޑު އަގުލަބިއްޔަތަކުން ކުރި ހޯއްދަވައިފަ އެވެ.

މޭޔަރުގެ ގޮނޑި ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގެން އެ މަގާމާ ހަވާލުވެ ވަޑައިގަތުމުންނެވެ.