Advertisement

އުދައިގައި ކޮމަންޑޫގެ ފަސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް

13 ޖަނަވަރީ 2024 - 10:26 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކޮމަންޑޫއަށް ރޭ އުދަ އަރަނީ: ގޭގެއަށް ވަރަށް ބޮޑަށް ގެއްލުންވި -- ފޮޓޯ: ކޮމަންޑޫ ކައުންސިލް


އުދައިގައި ކޮމަންޑޫގެ ފަސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް

13 ޖަނަވަރީ 2024 - 10:26 0

ރޭ ދަންވަރު ށ. ކޮމަންޑުއަށް އެރި އުދައިގައި އެ ރަށު ފަސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭގެ ޗީފް އެކްޒެކިއުޓިވް ހިސާން ހަސަން "އަދަދު"އަށް ވިދާޅުވީ، ކޮމަންޑުއަށް އުދަ އަރައިގެން ރިޕޯޓުކުރީ ރޭ ދަންވަރު 1:30 ހާއިރުކަމަށެވެ. އަދި ފަސް ގެއަކަށް ބޮޑެތި ގެއްލުތަކެއްވެފައި ވާކަމަށާއި، އެ ރަށު ކައުންސިލާއި އެންޑީއެމްއޭ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހިސާން ވިދާޅުވި އެވެ.

"ރޭ ދަންވަރު 1:30 ހާއިރު އަޅުގަނޑުމެންނަށް ރިޕޯޓު ލިބުނީ. ފަސް ގެޔަކަށް ބޮޑެތި ގެއްލުން ވެފަ މިވަނީ ފެންބޮޑުވުމުގެ ސަބަބުން. އެހެން ގެތަކަށް ގެއްލުމެއް ލިބިފަވޭތޯ ކައުންސިލުން ބަލަމުން ދަނީ،" ހިސާން ފާހަގަކުރެއްވި އެވެ.

ކޮމަންޑުއަށް އެރި އުދައާއި ގުޅޭ ގޮތުން އެ ރަށު ކައުންސިލު ނައިބު ރައީސް، އާދަމް އަބްދުﷲ ވިދާޅުވީ މޫސުން ގޯސްވާނެ ކަން އެނގުމާއެކު، އުދަ އަރާނެ ކަމަށް ލަފާކޮށް އެ ރަށު ރައްޔިތުން ތައްޔާރަށް ތިބި ކަމަށެވެ. އަދި ފެންގަނޑު ހިނދުނީ މިއަދު ހެނދުނު ކަން އާދަމް ފާހަގަކުރެއްވި އެވެ.

"އުދަ އަރާނެކަމަށް ލަފާކުރެވޭތީ ވަރަށް ބޮޑަށް ތައްޔާރުވެގެން އަޅުގަނޑުމެން ތިބީ. ގޮނޑު ދޮށުގައި ބަސްތާ ޖެހުން ފަދަ ކަންކަން އަޅުގަނޑުމެން ކުރިން،" އާދަމް ވިދާޅުވި އެވެ.