Advertisement

މާލެއަށް މޫސުން ރަނގަޅުވެއްޖެ، ވޯޓުލާން އަވަހަށް ނުކުންނާތި

13 ޖަނަވަރީ 2024 - 07:06 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާލެ އަށް މިއަދު އިރު އަރާ މަންޒަރު. -- ފޮޓޯ: އަދަދު


މާލެއަށް މޫސުން ރަނގަޅުވެއްޖެ، ވޯޓުލާން އަވަހަށް ނުކުންނާތި

13 ޖަނަވަރީ 2024 - 07:06 0

ކުރިން ލަފާ ކުރި ގޮތާ ހިލާފަށް މާލޭ ސަރަހައްދަށް މިއަދު މޫސުން އަލިވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މާލެ އަށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވި އެވެ. ވެހެމުންދިޔަ ވާރޭ ހުއްޓައިލީ ރޭ ދަންވަރު އެވެ. މާލޭގެ މަގުތަކުން ފެން ހިންދައި މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަން މިއަދު އޮންނައިރު، މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ކުރިން ލަފާ ކޮށްފައިވާ ގޮތުން މިއަދު ހެނދުނު ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް މިހާރު ވަނީ އުޑުމަތި އަލިވެ ސާފުވެފަ އެވެ.

"ޖުމުލަ ގޮތެއްގައި މިއަދު މާލޭ ސަރަހައްދަށް މިހާރު މޫސުން ރަނގަޅު. ފަހަރެއްގައި މެންދުރަށް ވިއްސާރަ ވެހުމުގެ ފުރުސަތު އޮތް ކަމަށް އެބަ ދައްކާ،" މެޓު އޮފީހުގެ އެސިސްޓެންޓު މީޓިއޮރޮލޮޖިސްޓު ހުސެއިން ވަހީދު މިއަދު ހެނދުނު ވިދާޅުވި އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މާލެ އަށް 159 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އާއި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ކަމަށް ދެއްކިޔަސް، ދެކުނުގެ ސަރަހައްދު ތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.

މި ދުވަސްވަރު ކުރަމުންދާ ވިއްސާރަ އަކީ އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑެއްގެ އަސަރެވެ. އެ ކޮޅިގަނޑު މިހާރު ދަނީ ރާއްޖެއާ ފެޔަށް ޖެހެމުންނެވެ.


މިއަދު ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށާނީ ހެނދުނު 8:00 ގަ އެވެ.

މޫސުން ގޯސްވެދާނެ ކަމަށް ކުރިން ލަފާ ކުރެވިފައި އޮތުމުން، ވޯޓުލުން ނިންމާ ގަޑި ވަނީ ހަވީރު 5:00 އަށް ބަދަލުކޮށްފަ އެވެ.

މެންދުރު ވާރޭ ވެހުމުގެ ފުރުސަތު އޮތް ކަމަށް ދައްކާއިރު އަވަހަށް ވޯޓުލާން ނުކުތުން މުހިންމެވެ.

ވޯޓުލާ މަރުކަޒު އެނގޭނީ ކިހިނެއް؟


ވީއާރު ޖަހައި، ހުސް ތަންކޮޅެއް ދިނުމަށް ފަހު އައިޑީ ކާޑު ނަންބަރު ޖެހުމަށް ފަހު، 1414 އަށް މެސެޖު ކޮށްލާށެވެ.

މޭޔަރު ކަމަށް ވާދަ ކުރަނީ ފަސް ކެންޑިޑޭޓުންނެވެ. އެއީ،

  • ޝުއައިބު އަލީ (އަމިއްލަ ގޮތުން)
  • ހުސެއިން ވަހީދު (އަމިއްލަ ގޮތުން ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ތާއިދާއެކު)
  • އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
  • އާދަމް އާޒިމް (އެމްޑީޕީ)
  • މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)