Advertisement

އެތުލެޓިކޯ ކަޓުވާލައި ރެއާލް ސުޕަ ކަޕް ފައިނަލަށް

11 ޖަނަވަރީ 2024 - 07:15 0

ރެއާލްގެ ރޫޑިގާ ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ޖޫޑް ބެލިންހަމްއާ އެކު އުފާފާޅުކުރަނީ.


އެތުލެޓިކޯ ކަޓުވާލައި ރެއާލް ސުޕަ ކަޕް ފައިނަލަށް

11 ޖަނަވަރީ 2024 - 07:15 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 11) - އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން އެތުލެޓިކޯ މެޑްރިޑް 5-3 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕް ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ރެއާލާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުންނެވެ. ދެ ވަނަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ އިން ބައްދަލުކުރާނީ އޮސަސޫނާއާ އެވެ. ބާސެލޯނާ އިން މިދިޔަ އަހަރު ތަށި އުފުލާލީ ފައިނަލުގައި ރެއާލް އަތުން 3-1 އިން މޮޅުވެގެންނެވެ.

ރެއާލްގެ ކުރީގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ ޕްރޯ ލީގުގައި ކުޅޭ އަލް ނަސްރު އެފްސީގެ ހޯމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ހަ ވަަނަ މިނިޓްގައި އެތުލެޓިކޯ އިން ލީޑުނެގީ ހަ ވަނަ މިނިޓްގައި މާރިއޯ ހާމޯސޯ ޖެހި ގޯލުންނެވެ. މެޗުގެ 20 ވަނަ މިނިޓްގައި، ލޫކަ މޮޑްރިޗް ނެގި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން، އެންޓޯނިއޯ ރޫޑިގާ ވަނީ ރެއާލަށް ކުރިހޯދައިދީފަ އެވެ.

މެޗުގައި ރެއާލުން ފުރަތަމަ ފަހަރަށް ލީޑުނެގީ 29 ވަނަ މިނިޓްގައި ފާލަންޑް މެންޑީ ޖެހި ގޯލުންނެވެ. މެންޑީ މި ލަނޑު ޖެހީ ޑެނީ ކާވަހާލް ނެގި ހުރަހަކުންނެވެ.

ގްރީޒްމަން (ވ) އާއި އެ ޓީމުގެ ރޮޑްރީގޯ ޑެ ޕޯލް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


އެތުލެޓިކޯ އިން އެއްވަރުކުރީ މެޗުގެ 37 ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން ޖެހި ލަނޑުންނެވެ. މި ގޯލާ އެކު، ގްރީޒްމަން ވެފައިވަނީ އެތުލެޓިކޯ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށެވެ.

ކުރިން ސްޕެއިނާއި އެތުލެޓިކޯ އަށް ކުޅުނު، ލުއިސް އަރަގޯނެސް އަތުގައި އޮތް ރެކޯޑް ގްރީޒްމަން މި މުގުރާލީ 174 ގޯލު ޖަހައިގެންނެވެ.

މެޗުގެ 78 ވަަނަ މިނިޓްގައި ރޫޑިގާ އަތުން ބައިކޮޅަށް ވަން ގޯލުން އެތުލެޓިކޯ އިން އަލުން ލީޑުނެގި އެވެ. މެޗު އިތުރު ވަގުތަށް ގެންދިޔައީ، ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކާވަހާލް ޖެހި ގޯލުންނެވެ.

ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން، ފަހު ހާފުގައި ރެއާލުން ދެ ގޯލު ޖެހި އެވެ. ރެއާލުން ލީޑުނެގީ އެތުލެޓިކޯގެ ސްޓެފަން ސަވިޗް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި ރެއާލަށް ފައިނަލުގެ ޖާގަ ޔަގީންކޮށްދިނީ ކޯނަރެއްގައި އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ކުރިއަށް އެރި ވަގުތު، ރެއާލްގެ ބްރަހިމް ޑިއާޒް ޖެހި ލަނޑުންނެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ރެއާލުން އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ ދެ މެޗެއް އަދި އޮންނާނެ އެވެ. އެއީ ސްޕެނިޝް ލީގުގެ މެޗެއްގެ އިތުރުން ސްޕެނިޝް ކަޕްގެ ގަދަ 16 ބުރުގެ ކުރިމަތިލުމެކެވެ.