Advertisement

މޮރީނިއޯ އަށް ދެ ސީޒަން ތެރޭ ހަ ވަނަ ރަތް ކާޑު!

11 ޖަނަވަރީ 2024 - 07:14 0


މޮރީނިއޯ އަށް ދެ ސީޒަން ތެރޭ ހަ ވަނަ ރަތް ކާޑު!

11 ޖަނަވަރީ 2024 - 07:14 0

ރޯމް (ޖެނުއަރީ 11) - އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ލާޒިއޯ އަތުން 1-0 އިން ރޯމާ ބަލިވި މެޗުގައި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ރަތް ކާޑު ދައްކައިފި އެވެ.

މިއީ މިދިޔަ ހަތަރު ދުވަސް ތެރޭ މޮރީނިއޯ އަށް ދެއްކި ދެ ވަނަ ރަތް ކާޑު އަދި މިދިޔަ ދެ ސީޒަން ތެރޭ ދެއްކި ހަ ވަނަ ރަތް ކާޑެވެ. މި މެޗަށް ފަހު، ރޯމާގެ ދެ ކުޅުންތެރިން ކަމަށްވާ ސަރުދާރް އަޒްމޫން އާއި ޖިއަންލޫކާ މަންޗިނީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި، ލާޒިއޯގެ ޕެޑްރޯ އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ.

ރޯމް ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 51 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖެހީ މަޓިއާ ޒަކްގާނީ އެވެ.

މޮރީނިއޯ، 2021 ވަނަ އަހަރު ރޯމާއާ ހަވާލުވި ފަހުން، ލާޒިއޯއާ ދެކޮޅަށް ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

ލާޒިއޯ އިން އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި ކުޅޭނީ ޔުވެންޓަސް އާއި ފްރޮސިނޯނޭއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

މިލާން އަތުން 2-1 އިން މޮޅުވެ، އެޓަލަންޓާ އިން ވެސް ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އެޓަލަންޓާ އިން ސެމީގައި ކުޅޭނީ ޕެނަލްޓީ ޖަހައިގެން ކުއާޓާގައި މޮޅުވީ ފިއޮރެންޓީނާއާ އެވެ.

އެޓަލަންޓާ އިން މިލާން ދަނޑުގައި މޮޅުވީ ފަހަތުން އަރަ އެވެ. މި މެޗުގައި މިލާންގެ ރަަފައެލް ލެއާއޯ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، އެޓަލަންޓާގެ ދެ ގޯލު ޖެހީ ވެސް ޓެއޫން ކޫޕްމައިނާސް އެވެ. ކޫޕްމައިނާސް ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.